ފ. އަތޮޅުގެ މަޝްރޫއު ހުއްޓިދާނެކަމުގެ އިޝާރާތެއް ރައީސް ކުރައްވައިފި

ފ. އަތޮޅު--

ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅުނު ބިޔަ މަޝްރޫއު އިތުރަށް ކުރިޔަށް ނުގެންދެވިދާނެ ފަދަ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރުމަށް މިރޭ ބޭއްވި ހަފްލާގައި، ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅޭ މަޝްރޫއާ ބެހޭގޮތުން ސުވާލުކުރުމުން، އިސްތަށިފުޅު ހޫރަައިލައްވަމުން ރައީސް ޔާމީން ވިދާޅުވީ، ފ. އަތޮޅުގެ މަޝްރޫއަކީ އެމަނިކުފާނު ޒިންމާ އުފުއްލަވަންޖެހޭ ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

"އަޅުގަނޑު ޒިންމާ އުފުލަންޖެހޭ ޕްރޮޖެކްޓެއް ނޫން ތިއީކީ. އަޅުގަނޑު އުޅުނީ ރައްޔިތުންނަށް ފައިދާހުރި، ބޮޑު މަސައްކަތެއް ކޮށްދޭން. ރާއްޖޭގެ ހުރި ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެދީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދައިން ދެކޮޅު ހެދުމުން، ސައުދީ އަރަބިއްޔާގެ މަލްޓިމިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖެ އަޔަސް ނަޔަސް އެކަމުގެ ޒިންމާ އެމަނިކުފާނު ނުނަންގަވާނެ ކަމަށެވެ.

އަޅުގަނޑު ޒިންމާ އުފުލަންޖެހޭ ޕްރޮޖެކްޓެއް ނޫން ތިއީކީ. އަޅުގަނޑު އުޅުނީ ރައްޔިތުންނަށް ފައިދާހުރި، ބޮޑު މަސައްކަތެއް ކޮށްދޭން. ރާއްޖޭގެ ހުރި ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެދީ. ރައީސް ޔާމީން

ރައީސް ޔާމީން މީގެ ކުރިން ވިދާޅުވީ، ފ. އަތޮޅުގައި ސައުދީން ހިންގަން އުޅޭ މަޝްރޫއާ ބެހޭ މަޝްވަރާތައް ކޮށް، ތަފްސީލުތައް ފައިނަލްވުމުން އެކަންކަން ހާމަކުރައްވާނެ ކަމަށެވެ. މިހާތަނަށްވެސް އެ މަޝްރޫއުގެ ތަފްސީލުތައް ހާމަކުރައްވާފައި ނުވާއިރު، ރައީސް ވިދާޅުވެފައިވަނީ ފ. އަތޮޅަށް އަންނަނީ ފްރެންޗް ރިވިއެރާގައިވާ ފަދަ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއް ކަމަށެވެ.

ފ. އަތޮޅުގެ ބިޔަ މަޝްރޫއު ކެންސަލްވިކަން ރައީސް ޔާމީން ސީދާ ވިދާޅެއް ނުވެއެވެ.

ނަމަވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެ މަޝްރޫއު ހިންގަން އުޅުނު ފަރާތުގެ ޝައުގުވެރިކަން ގެއްލުމަކީ އެމަނިކުފާނު ޒިންމާ އުފުލައްވާނެ ކަމެއް ނޫން ކަމަށެވެ.

"ޕްރޮޖެކްޓަކީ ދުވެފައި އަންނަ އެއްޗެއް ނޫން ދެއްތޯ. ރާއްޖޭގެ ރައްޔިތުން އެހާ ބޭނުން ނޫން ކަމަށް އިދިކޮޅު ހުރިހާ ލީޑަރުން އަރާ ވާހަކަ ދެއްކީމަ، އެއްވެސް ތަނަކަށް ނާންނާނެ ދެއްތޯ އެބަޔަކު ބޭނުން ނުވާ ކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޕްރޮޖެކްޓަކީ ދުވެފައި އަންނަ އެއްޗެއް ނޫން ދެއްތޯ. ރާއްޖޭގެ ރައްޔިތުން އެހާ ބޭނުން ނޫން ކަމަށް އިދިކޮޅު ހުރިހާ ލީޑަރުން އަރާ ވާހަކަ ދެއްކީމަ، އެއްވެސް ތަނަކަށް ނާންނާނެ ދެއްތޯ އެބަޔަކު ބޭނުން ނުވާ ކަމެއް، ރައީސް ޔާމީން

ރައީސް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއާ މެދު ސުވާލު އުފެއްދީ، އެމަނިކުފާނުގެ ސަރުކާރަށް ވުރެ ރަނގަޅު ވެރިކަމެއް ކުރުމަށް ވަކާލާތުކުރާ، އިދިކޮޅު ފަރާތްތައް ކަމަށެވެ.

"ދެން ކީއްކުރަންތޯ އިންވެސްޓަރުން ރާއްޖެ އަންނަންވީ. އެމީހުންނަށް މަރުހަބާ ނުކިޔާ ތަނަކަށް އެމީހުން އަންނަންވީ؟ އަންނާކަށް ނުޖެހޭ ދެއްތޯ،" ރައީސް ޔާމީން މިރޭ ވިދާޅުވިއެވެ.

comment ކޮމެންޓް