މޫވެންޕިކްގެ ނަމުގައި ސޯޝަލް މީޑިއާގައި އެހެން ބަޔަކު ވެސް އެބަ އުޅޭ!

މޫވެން ޕިކް ގެ އައުޓެލްޓް -- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ވީއެޗް ހޯލްޑިންސް އިން ރާޢްޖޭގައި ހިންގާ ސްވިޓްޒަލެންޑްގެ އައިސްކްރީމް ފްރެންޗައިޒް މޫވެންޕިކްގެ ނަމުގައި އެހެން ބަޔަކު ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މޫވެންޕިކްގެ އައުޓްލެޓެއް މާލޭގައި ހުޅުވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަބަދަށްފެހިމަގުގައި ހުޅުވި އެ އައިސްކްރީމް ޕާލަރއަކީ މުޅި ދުނިޔޭގައި ވެސް ހިންގާ، މޫވެންޕިކްގެ އެންމެ ބޮޑު އެއް އައުޓްލެޓެވެ.

ވީއެޗް ހޯލްޑިންސް އިން ބުނީ، އެކުންުފނިން މޫވެންޕިކް މޯލްޑިވްސްގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ ހެންޑްލްތަކާ ދާދި އެއްގޮތަކަށް ހަދާފައިވާ ހެންޑްލްތަކެއް ބަޔަކު ބޭނުންކުރަމުންދާ ކަމަށެވެ.

މޫވެންޕިކްގެ ފޭކު އެކައުންޓްތައް ހިންގާ ފަރާތްތަކުން، މޫވެންޕިކްއާއި ވީއެޗް ހޯލްޑިންސްގެ ވިޔަފާރީގެ ނަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ފަދަ ގޮތަކަށް ކޮންޓެންޓް ޕޯސްޓުކުރަމުންދާ އިރު، "ސަން"އަށް އެނގިފައިވާ ގޮތުން އެ އެކައުންޓްތައް ހިންގާ ފަރާތްތަކުން ދަނީ ވީއެޗް ހޯލްޑިންސްއަށް ތަފާތު ދުއްތުރާތަކެއް ވެސް ކުރަމުންނެވެ.

ވީއެޗް ހޯލްޑިންސް އިން ދަނީ މޫވެންޕިކް މޯލްޑިވްސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ވެސް ހިންގަމުންނެވެ. މީގެ އިތުރުން ޓްވިޓާރ އެކައުންޓެއް ވެސް ހިންގަ އެވެ.

އެކުންފުނީގެ އެކައުންޓްތައް ބަޔާން ކުރުމަށް ފަހު، ވީއެޗް ބްރަދާސްއިން ބުނީ، މޫވެންޕިކް މޯލްޑިވްސްގެ ނަމުގައި ހިންގާ އެހެނިހެން އެކައުންޓްތަކުން ދައްކާ ވާހަކަތަކަށް އެކުންފުނިން ޒިންމާ ނުވާނެ ކަމަށާއި، އެކުންފުނިން ކަސްޓަމަރުންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް މުއާމަލާތް ކުރާނީ ހަމައެކަނި މަތީގައި ބަޔާންކޮށްފައިވާ އެކައުންޓްތަކުން އެކަނި ކަމަށެވެ.

މާލޭގައި ހުރި މޫވެންޕިކް އައިސްކްރީމް ޕާލާއިން މޫވެންޕިކްގެ 27 ފްލޭވާއެއްގެ އައިސްކްރީމް ލިބެން ހުރެ އެވެ.

comment ކޮމެންޓް