"އެތަނުގައި ހުންނަ ސުވާދީވްއިން ކޮފީއެއް ބޮއްޗޭ،" ރާއްޖޭގެ އެންމެ ދެކުނުން އޮންނަ، މި ސިޓީއަށް ދާން އުޅޭ ވާހަކަ ބުނުމާ އެކުހެން ރަހުމަތްތެރިއަކު ބުނެލީ މިހެންނެވެ. ދުވަހަކުވެސް މި ސިޓީއަށް ނާންނަ އެ ރަހުމަތްތެރިޔާ އެހެން ބުނުމުން ސަމާސާ ރާގަކަށް އަހާލެވުނީ؛ "ތިތަނެއްގެ މޮޅުކަން ކަލެޔަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެތަނަށް ދުވަހަކު އައިމީހެއް ނޫން ވިއްޔާ!"އެވެ. އޭނާގެ ޖަވާބު ވަރަށް ކުރުވެފައި ސާދާ އެވެ. "ހަހަ! އައްޑުއަށް ދިޔަ މަގޭ ދަންނަ އެތައް ބަޔަކު ކިޔާ އަޑުއަހަން އެތަން ސަޅިއޭ،"
ރަހުމްތެރިޔާ އެ ބުނި ގޮތަށް މި ކެފޭގެ މަޝްހޫރުކަން އޮތީ ވަރަށް ވެސް މަތީގަ އެވެ. އެކަން ޔަގީންވީ، އެކުގައި އައި ރަހުމަތްތެރިން ވެސް މި ސިޓީގައި ފައިޖެހުނު ފަހުން އެއްކަމަކަށް ސައްލާކުރަނީ، މި ސުވާދީވް އަކަށް ކޮފީއަކަށް އެރުމާ މެދު އެވެ. ފުރަތަމަ ދުވަހުގެ މަސައްކަތް ނިންމާލާފައި، ނިދަން ޖައްސާލުމުގެ ކުރިން ކަރުތެރެ ތެންމާލައި ހިތްހަމަ ޖެހިލުމުގެ ނޭވާއެއް ލާން އަހަރުމެން ޖަމާވީ، މި ސިޓީގެ ހިތަދޫގައި މިހިރަ، އެންމެން މަޝްހޫރު މި ކުރާ ސުވާދީވް ކެފޭއަށެވެ. ގަޑިއެއްހާ އިރު ތެރޭ ކޮފީއެއް ބޮއިގެން ނިކުންނަން ނިންމައިގެން އެ ކެފޭއަށް ވަން ނަމަވެސް، އެތަން ބަންދުކުރާ ވާހަކަ އަންގަންދެން އޮލަ ވާހަކައިގައި ތިބެވުނީ ތަނުގެ ހިތްފަސޭހަ މާހައުލުން، ވެފައި ހުރި ވަރުބަލިކަން މުޅިން ހަނދާން ނެތުނީމައެވެ. ރޭގަނޑު ނުކާން ޑަޔަޓްގައި ތިބި މީހުންވެސް މި ކެފޭގެ ރަހަމީރު ކާތަކެތިން ރަނގަޅަށް ބަނޑުފުރާލީ އެވެ.
"ސުވާދީވް" އައްޑޫގެ ހިތާ ގުޅިފައި
އައްޑޫގެ ވިޔަފާރިވެރިއެއް ކަމަށްވާ، އަހުމަދު ޒާހިރު "ސުވާދީވް"ގެ ނަމުގައި 2014 ވަނަ އަހަރު މި ކެފޭ ހިދުމަތަށް ނެރުމާއެކު އެތައް ބައެއްގެ ހިތް މި ކެފޭއަށް ދަމައިގަތީ، "ސުވާދީވް"ގެ ނަމާ އައްޑޫގެ ރައްޔިތުންނާ އޮތް ގާތްގުޅުމަކުންނެވެ.
އެ ކެފޭގެ އޮފިޝަލަކު ބުނީ، ކެފޭއަށް ނަން ދިނުމުގައި ޒާހިރު ބެއްލެވީ ސަރަހައްދުގެ ރައްޔިތުންގެ ހިތާ ގުޅިފައިވާ ނަމެއް ކިޔުމަށް ކަމަށެވެ. އަދި މީހުންގެ ސަމާލުކަން ލިބޭނެ ނަމަކަށް ޒާހިރު އިސްކަން ދެއްވި އެވެ. އެންމެ ފަހުން ފައިނަލް ވެގެން އައީ، މި ސިޓީގެ ރައްޔިތުންގެ ހިތުލޯބި ދެވިފައިވާ، އަދި އެ ނަމަކަށް އެއް ބަޔަކު ރުޅި އަންނަ ނަމެކެވެ. އެކަމަކު ފަހުން މިނަމަށް އެންމެންގެ ވެސް ހިތްދެވުނީ އެވެ.
"މި ކެފޭގެ ނަން ސަޅިވެގެން ވަރަށް ގިނަ މީހުން މިތަނަށް އަންނަނީވެސް. މި ނަމުގެ ވާހަކަ ނުދައްކާ އާ ކަސްޓަމަރެއް މިތަނަކަށް ނާދޭ. ޒާހިރު ބެއްލެވީ ނަންވެސް، އެންމެން ގަޔާވާ ނަމެއް ކިޔަން. އެ ވިސްނުމުގައި ސުވާދީވްކީ،" އޮފިޝަލް ބުންޏެވެ.
"ސުވާދީވް" އަކީ މީގެ 57 އަހަރުކުރިން، 1962 ގައި އައްޑޫގައި އިއުލާނު ކުރި މިނިވަން ދައުލަތް ޔުނައިޓެޑް ސުވާދީވް ރިޕަބްލިކް ނޫނީ އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ އެވެ. މިއީ، ވަކިވުމުގެ ހަރަކާތެއް ނަމަވެސް، މިއީ އައްޑޫގެ ރައްޔިތުންގެ ލޯބި އަދިވެސް އޮތް ނަމެކެވެ. މި ސިޓީގެ ގިނަ ބަޔަކަށް އެއީ ފަހުރެކެވެ. "ސުވާދީވް ކެފޭ"ގެ ނަން އެ މީހުންގެ ހިތުގައި ވަރުގަދަޔަށް ހަރުލާފައި އޮތީ މިހެންވެ އެވެ. ކެފޭގެ އެއް ކަނެއްގައި ސުވާދީވް ސަރުކާރުގެ ދުވަސްވަރާއި އައްޑޫގެ ތާރީހާ ގުޅޭ އެތައް ފޮޓޯއެއް އެއްކޮށް ކޮލާޖެއްގެ ގޮތުގައި ވަނީ ބަހައްޓައިފަ އެވެ. މިތަނުގެ އިންޓީރިއާޔާއި ތާރީހީ މިނަމާ ގުޅެނީ ކެފޭއަށް ވަންނަ އިރު، މޫނު ޖެހޭތާ ހިއްޕާލާފައި ހުރި މި ކޮލާޖުން އެވެ. އަހަރުމެން ވެސް އެ ފޮޓޯތައް ރީތިވެގެން އިންސްޓަގްރާމްކޮށް ވަރަށް ސެލްފީވެސް ނަގާ ހެދީމެވެ.
ޖަޒީރާ މާހައުލާއި މީރު ކެއުންގަނޑު
"ނަމުގެ އިތުރަށް މިތަނުގެ ކާތަކެތި ވަކި ކޮލިޓީއެއްގައި ބަހައްޓަން ވަރަށް ބޮޑު އިސްކަމެއް ދެން. މިތަނުގައި ވަރަށް ރިޕީޓެޑް ކަސްޓަމަރުން ގިނަވާނެ،" ސުވާދީވް ކެފޭގެ ހާއްސަކަމަކީ ކޮބައިތޯ ސުވާލުކޮށްލުމުން އެތަނުގެ އޮފިޝަލް ބުނީ މިހެންނެވެ.
އޭނާ މިބުނީ ހަގީގަތުގައި ވެސް ރަނގަޅު ވާހަކައެއްކަން ޔަގީން ކުރެވުނީ، އަހަންނާއެކު ދަތުރުގައި ދިޔަ ރަށްޓެހިން ވެސް މި ސިޓީގެ ކޮންމެ ހިސާބެއްގައި ތިއްބަސް، ކާން އަންނަނީ ސީދާ މިތަނަށް ކަމަށް ވާތީ އެވެ. އެހެން ރެސްޓޯރަންޓެއް ނޫނީ ކެފޭއަކުން ކާއެއްޗެއް ދިރޭ ކަމަކަށް ނުވެ އެވެ. މުޅި މި ސިޓީއިން އަހަންނަށް ވެސް އެންމެ ކަމުދިޔައީ މި ކެފޭގެ ކެއުންތަކެވެ.
މިތަނުގައި މެނޫގައި އިންޑިއަން، ތައި އަދި ވެސްޓާން ކެއުންތައް ވެސް ވަނީ ނަން ހުސްކޮށް ހިމަނައިފަ އެވެ. އަދި ޒުވާނުން ގަޔާވާނެ ކޮފީގެ އެކި ބާވަތްތަކާއި އެހެން ވެސް ބުއިންތަކުން މެނޫ ވަނީ މުއްސަނދިވެފަ އެވެ.
"ޒުވާނުން ރަހަތަކާއި މިފަހުގެ ފުޑް ޓްރެންޑާ އެއްގޮތަށް މިތަނުގެ ކާތަކެއްޗަށް ބަދަލުގެންނަން އަޅުގަނޑުމެން. އަދި މޮޅެތި ތަމްރީން ލިބިފައިވާ ރަނގަޅު ޝެފުން އަޅުގަނޑުމެންގެ ކެފޭގައި ކާތަކެތި މި ތައްޔާރު ކުރަނީ،" އޮފިޝަލް ބުންޏެވެ.
މިކެފޭގެ ކާތަކެތީގެ އިތުރުން ވަށައިގެންވާ މާހައުލުގެ ހިތްފަސޭހަކަން އަދި މާ ބޮޑެވެ. ތަނުގެ ކާތަކެތީގެ އަގު މާ ހެޔޮ ނުވިޔަސް، އެކަމާ ޝަކުވާއެއް ކުރެވޭނެ ޖާގައެއް ނެތީ މި ހިތްފަސޭހަ މާހައުލުގެ ސަބަބުންނެވެ. ރެސްޓޯރަންޓްގެ މެދުގައި، އޮންނަ ބޮޑުފެންގަނޑާއި އެ ފެންގަނޑަށް ފެން އޮހޭ އަޑު، ކަންފަތުގައި އައިސް ޖެހުމުން ހިތާއި ރޫހަށް އަންނަނީ ތާޒާކަމެކެވެ. ރެސްޓޯރަންޓްގެ އެތެރެ ޑިޒައިންކޮށްފައި ވަނީ ލަކުޑިން ކަމުން، އިހުސާސްވަނީ އިހުޒަމާނުގެ ގެއެއްގެ ބޮޑު ފެންޑާގައި ޖައްސާލައިގެން އިނދެލެވޭހެންނެވެ. މިތަން ޑިޒައިން ކޮށްފައި މި ހުރީވެސް ދެ ފެންޑާއަކަށްވާ ގޮތަށެވެ. މި ކެފޭގެ މީރު ކެއުންތަކާ އެއްވަރަށް، ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާ މިތަނުން ކިތަންމެހާ ރަނގަޅަކަށް ވެސް ލިއްބައިދެ އެވެ.
"އިންޓީރިއާވެސް ހަދާފައި މި ހުރީ އެކަމަށް ހާއްސަ މީހަކު ގެނެސްގެން، ވަރަށް ވެސް ބޮޑަށް ހިތްފަސޭހަވާނެ ގޮތަށް ބަލައިގެން. މިތަނުގެ އިންޓީރިއާ ދުވަސް ދުވަސްކޮޅުން ބަދަލުވެސް ކުރަން،" އޮފިޝަލް ބުންޏެވެ. "ކެފޭ ހެދުމުގައިވެސް އިންޓީރިއާއަށް އިސްކަން ދިނީމާ މިތަން ހުޅުވުން ވެސް ވަރަށް ބޮޑަށް ލަސްވެގެން ދިޔަ،"
ފަސޭހަ މަސައްކަތެއް ނޫން، ޗެލެންޖު ބޮޑު
"ސުވާދީވް ކެފޭ" މަޝްހޫރުވެ ކިތަންމެ ބޮޑު ބްރޭންޑަކަށް މިއަދު ވެފައި އޮތަސް، މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. ހާއްސަކޮށް ވެރިރަށް މާލެއާ ދުރުގައި ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓް ހިންގުމުގެ ޗެލެންޖް އޯނަރު ޒާހިރުއަށާއި އޭނާގެ ޓީމަށް އެބަ އޮތެވެ.
އޮފިޝަލް ބުނި ގޮތުގައި ކާތަކެތި ތައްޔާރުކުރަން ބޭނުންވާ ކާނާ، އައްޑޫއިން ހޯދުމަކީ އުނދަގޫ ކަމެކެވެ. ކޮލަމްބޯ އާއި އައްޑޫއާ ދެމެދު ފްލައިޓް ބޭއްވިޔަސް، ކާބޯތަކެތި ގެންނަން އޮންނަނީ ވަރަށް ވެސް ހަނި ޖާގައެކެވެ. އެ ހުރިހާ ޗެލެންޖްތަކެއް ފޫއަޅުވާލާފައި ވެސް ޒާހިރު ހުންނެވީ "ސުވާދީވް ކެފޭ"ގެ ދޮރު ހުޅުވާފައި ބެހެއްޓުމުގެ އަޒުމުގަ އެވެ.
"ގާތްގަނޑަކަށް ދެ އަހަރު ވަރު މި ދިޔައީ، ގެއްލުމުގައި. އެކަމަކު ޒާހިރުގެ ވަރަށް ބޮޑު ޑްރީމްއެއް މި ކެފޭއަކީ. އެހެންވެ މިތަން ރަން ކުރީ. މިހާރު ދެން އަދި ފައިދާވަނީ ވެސް،" އޮފިޝަލު ބުންޏެވެ.
ސުވާދީވް އަކީ، ވަކިވެގަތުމުގެ ހަރަކާތެއް ނަމަވެސް، ޒާހިރުގެ އުފެއްދެވި "ސުވާދީވް" މިވަނީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބައެއްގެ ގުޅުން ބަދަހި ކޮށްދޭ ހިތްފަސޭހަ ތަނަކަށެވެ. މި ސިޓީގައި ދުވަހަކު ފައި ނުޖައްސާލާ މީހަކަށް ވެސް، "ސުވާދީވް ކެފޭ" އެނގޭހާ ބޮޑު ބްރޭންޑަކަށް، ނަން މި ވަނީ ބަދަލުވެފަ އެވެ.
މިއީ އައްޑޫއަށް ވުރެ މަޝްހޫރު، މި ސިޓީގެ އެއް ނަމްބަރު ބްރޭންޑެވެ.