ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ސަބަބުން މަޖިލިސް މެމްބަރުން އަޅުވެތިވާނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަންފައިލް ފޮޓޯ

މަޖިލިސް މެމްބަރުންނާ ބެހޭ ގޮތުން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅި ގޮތަށް ނިންމައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިފައިވާ މެމްބަރަކު ޕާޓީން ވަކިވިޔަސް، ޕާޓީން ވަކިކުރިޔަސް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް އެމައްސަލާގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އުމަރު ނަސީރު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މަޖިލިސް މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އުމަރު ވިދާޅުވީ އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ދާއިރާގެ ރައްޔިތުންނަށް މަޖިލިސް މެމްބަރު ކަމު ނުގޮސްފި ނަމަ ފެންނަ ނުފެންނަ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮންނަ ކަމަށާއި އެކަން އެގޮތަށް އޮންނަ ގޮތަށް ހެދުން ރާއްޖެއަށް މުހިންމު ކަމަށެވެ.

"ޕާޓީއަކަށް މިފަދަ ބާރެއް ދީފި ނަމަ މަޖިލިސް މެމްބަރުން އަޅުންނަށްވެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ފުނޑު ފުނޑު ވާނެ،" އުމަރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އޮތް ސިޔާސީ މާހައުލަށް އޮތް ހައްލަކީ އެގޮތަށް ނިންމުން ކަމަށް ދެކޭ ނަމަ "އެއީ ގޯހެއް" ކަމަށް އުމަރު ވިދާޅުވި އެވެ.

އެގޮތަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ ރައްޔިތުންގެ މެދުގައި ސުޕްރީމް ކޯޓަށް އޮތް އިތުބާރު ގެއްލި އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ އޮއިވަރު ވަރުގަދަ ވެގެން ދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު އެހެން ވިދާޅުވެފައިވާ އިރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވަނީ އެބޭފުޅުންގެ އިއްތިފާގުން އެގޮތަށް ސުޕްރީމް ކޯޓުން ނިންމުން ރަނގަޅު ކަމަށް ފާސްކޮށްފަ އެވެ. އަދި ހުރިހާ މެމްބަރުން ވެސް އެގޮތަށް ތާއީދު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ހޮވުނު ޕާޓީ ނޫން އެހެން ޕާޓީއަކަށް މިހާރު ބަދަލުވެފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ނަމަ ޕީޕީއެމްގެ އަށް މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލްވެސް ހިމެނި ވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް