ކުޑަހުވަދޫން ތިމަރަފުށި ބަލިކުރިއިރު އޭދަފުށި މިލަންދޫ އަތްދަށުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ތިނަދުއާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ށ. މިލަންދޫއާ، އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި ކުޅުނު މެޗުން މިލަންދޫ ކުރި ހޯދިއިރު ދ. ކުޑަހުވަދޫއިން ތ. ތިމަރަފުށީގެ މައްޗަށް ކުރި ހޯދައިފިއެވެ.

އޭދަފުށި މިލަންދޫ އަތް ދަށުވީ މިއަދު ހަވީރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ މެޗު 4-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އެ މެޗުގައި ފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީވެސް މޮޅަށް ކުޅުނު މިލަންދޫއިންނެވެ. އިބްރާހީމް ސައީދު އެ ގޯލް މިލަންދޫއަށް ކާމިޔާބުކޮށްދިނީ މެޗުގެ 2 ވަނަ މިނިޓްގައެވެ.

މިލަންދޫއަށް މެޗުގެ ލީޑު ދެމެހެއްޓުނީ މެޗުގެ 10 ވަނަ މިނިޓާ ހަމައަށެވެ. އޭދަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ފާސިރުއެވެ.

މިލަންދުއަށް އަލުން ލީޑު ނަގައިދިނީ އިސްމާއީލް ފަތުހީއެވެ. މިލަންދޫގެ ބާކީ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަސްރާރު އަބުދުﷲ އާއި ހުސެއިން ވިސާލެވެ.

މިއަދު ހަވީރު ގދ. ތިނަދޫގައި ކުޅުނު މެޗަށް ބަލާއިރު ތިމަރަފުށީގެ މައްޗަށް ކުޑަހުވަދޫއިން ކާމިޔާބު ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުޑަހުވަދުއަށް މިއަދުގެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް ޝަހީމާއި މުހައްމަދު އިޝާންއެވެ. ތިމަރަފުށިން ކާމިޔަބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނާބިތުއެވެ.

comment ކޮމެންޓް