27 އަހަރުވީ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަޒީލް މުގުރާލައިފި

10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލި ފަޒީލް(ވ)، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ޠަލާލް(ކ)އާއެކު --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންސިޕްސްގައި 27 އަހަރުވީ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ހުސައިން ފަޒީލް ހާރޫން މުގުރާލައިފިއެވެ.

ފަޒީލް މިއަދު މުގުރާލާފައިވަނީ ޑރ. ހުސައިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ދުވުމެއްގައެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންސިޕްސްގެ 10000 މީޓަރު ދުވުމުގައި ވާދަކޮށް، ކުޑަހުސެންގެ ރެކޯޑު ފަޒީލް މުގުރާލީ 34:21.60 މިނެޓުން ރޭސް ފުރިހަމަކޮށްގެންނެވެ. މީގެ 27 އަހަރު ކުރިން ކުޑަހުސެން ރެކޯޑު ގާއިމްކޮށްފައިވަނީ 34:33.46 މިނެޓުން ރޭސް ފުރިހަމަކޮށްގެންނެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 10000 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ ފަޒީލް(ކ)އާއި ޒައިދު ޝަރީފް(ވ)، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ޠަލާލްއާއި ކޯޗު އަބުޅޯއާއެކު: ފަޒީލް ވަނީ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލާފައި --- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންސިޕްސްގެ 10000 މީޓަރު ދުވުން ފަޒީލް ނިންމީ ނުވަ ވަނައިގައެވެ. އެއްވަނަ އަދި ދެވަނައިގައި އިންޑިއާގެ ދުވުންތެރިއެއް ނިންމިއިރު، ތިންވަނައިގައި ނިންމީ ކިރްގިސްތާނުގެ ދުވުންތެރިއެކެވެ. ހަތަރުވަނަ އަދި ފަސްވަނައިގައި ޗައިނާގެ ދުވުންތެރިއެއް ނިންމިއިރު، ހަވަނައިގައި ނިންމީ ޔަމަންގެ ދުވުންތެރިއެކެވެ.

ހަތްވަނައިގައި މޮންގޯލިއާގެ ދުވުންތެރިއެއް ނިންމިއިރު، ފަޒީލްގެ ކުރިން އަށްވަނައިގައި ނިންމީ އިންޑިއާގެ ދުވުންތެރިއެކެވެ. ފަޒީލްގެ ފަހަތުން ތިން ދުވުންތެރިޔަކު ނިންމިއެވެ. ދިހަވަނައިގައި ކެމްބޯޑިއާގެ ދުވުންތެރިއެއް ނިންމިއިރު، 11 ވަނައިގައި ނިންމީ ރާއްޖޭގެ ޒައިދު ޝަރީފެވެ. އަދި ފުލުގައި ނިންމީ އަފްޣާނިސްތާނުގެ ދުވުންތެރިއެކެވެ.

ދިގު ދުވުންތަކުގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ފަޒީލަކީ 10000 މީޓަރުގެ އިތުރުން ފަސް ކިލޯމީޓަރު އަދި ދިހަ ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ވެސް ދަމަހައްޓަމުންދާ ދުވުންތެރިޔާއެވެ.

comment ކޮމެންޓް