ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޕީޕީއެމުން ވަކިވެއްޖެ އެވެ.
އިލްހާމް ޕީޕީއެމާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ކުރިން އިލްހާމް ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.
ޕީޕީއެމްއަށް މިއަދު އިލްހާމް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމުން ވަކިވީ ދިވެހި ލޮބުވެރި ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާތީ ކަމަށެވެ.
އެހެންވީމާ މިއަދުން ފެށިގެން ޕީޕީއެމްގެ ދަފުތަރުން އިލްހާމްގެ ނަން އުނިކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އިލްހާމްގެ ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ ޕީޕީއެމަކީ ދިވެހި ރައްޔިތުންގެ އިހުސާސްތައް ދަންނަ ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތަކާއި މިނިވަންކަން ޔަގީންކޮށްދޭ ޕާޓީއަކަށް ވުމަކީ އެމަނިކުފާނު އެދޭ ގޮތް ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަކިވުމަށް ފަހު ޕީޕީއެމަށް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވެފައި ވަނީ އޭނާ އަކީ ސިޔާސީ މަސްރަހުގައި ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދަންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން މިރެއަކީ އެންމެ އުފާވެރި ރެއެއް ނޫން. އަޅުގަނޑު ވަރަށް ލޯބިވާ ބޭބެ. ނުވަތަ އަޅުގަނޑު ލޯބިވާ ބައްޕައެއް ދޫކޮށްލާފައި އަންނަން މިޖެހުނީ. އެއީ އޮނަރަބަލް ގާސިމް އިބްރާހީމް. އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ ސިޔާސީ މަސްރަހުގައި އަޅުގަނޑަކީ ވަރަށް ބުރަ މަސައްކަތް ކުރި މީހެއްކަން،" ޕީޕީއެމަށް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި އިލްހާމް ވިދާޅުވެފައިވެ އެވެ.
އަލުން ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމަށް ސޮއިކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތުމުން ކަމަށް ވެސް އިލްހާމް ވަނީ ވިދާޅުވެފަ އެވެ.
"މީގެ ދެދުވަސް ކުރިން އެމަނިކުފާނު ވިދާޅުވީ މިކަން ކޮށްދެއްވާށޭ ތިމަންމަނިކުފާނަށް. އަޅުގަނޑު ދެންނެވިން އާދޭހޭ ކޮށްދޭނަމޭ. އަޅުގަނޑަށް މަޖުބޫރުވީ ގައުމަށް ޓަކައި މިކަންކޮށްދޭން،" އިލްހާމް އެދުވަހު ވިދާޅުވި އެވެ.
އިލްހާމާ ބެހޭ ގޮތުން ރައީސް ޔާމީން އޭރު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް އިލްހާމް މުހިންމު ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ތާއީދު ކުރައްވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
އިލްހާމަކީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާއަށް އިންތިޚާބުވެ ފަސް އަހަރުގެ ދައުރަކަށް އެދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށް ފަހު ޕީޕީއެމް އުފެދުމާ އެކު ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގައި އެންމެ ގިނަ ވޯޓުން އިލްހާމް ވަނީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފަ އެވެ.
އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެ މަގާމުގައި ހުންނަވައިގެންނެވެ.