މި ސަރަހައްދުގެ އެންމެ ބާރު ދުވުން ތެރިއާ ސާއިދު އަށް އަނިޔާވެ، 200މ ރޭހުގައި ނުދުވެވޭނެ

ޓްރެއިނިން ވިތު އެމްވީ ޗެމްޕްސްގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއެކު ތަމްރީނުތަކެއް ހެއްދެވުމަށް، އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި، ރައީސް ޔާމީން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ފުރިހަމަ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހުރި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއަށް އަނިޔާވެ މިއަދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 200 މީޓަރު ދުވުމުގައި ވާދަނުކުރެވޭ ގޮތް ވެއްޖެއެވެ.

މިވަގުތު ޓީމާ އެކު އިންޑިއާގައި ހުންނެވި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ތޮލާލް ވިދާޅުވީ އިއްޔެ 100 މ ފައިނަލުގައި ސާއިދު ދުވި އިރުވެސް އޭނާ ހުރީ އިންޖަރީގައި ކަމަށާއި މިއަދު ހެދި މެޑިކަލް ޓެސްޓް ތަކަށް ފަހު 200 މ ރޭހުގައި ވާދަ ނުކުރެވޭނެ ކަން ޔަގީީންވފައިވާ ކަމަށެވެ.

ތޮލާލް ވިދާޅުވީ ސާއިދުގެ ފައިގެ ފަލަމަސް ގަނޑަށް އަނިޔާވެފައިވާ ކަމަށެވެ.

ސާއިދު މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިހާތަނަށް ހޯދިފައިވާ ކާމިޔާބީ ތަކާމެދު ފަޚުރުވެރިވާ ކަމަށާއި އުންމީދަކީ އަވަހަށް އަނބުރާ އައުން ކަމަށެވެ.

ރޭ ކުރިއަށްދިޔަ ފައިނަލުގައި ސާއިދަށް ހަތަރުވަނަ ލިބުނީ 10:37 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ރާއްޖޭގެ އެތްލީޓަކު ބައިނަލް އަގުވާމީ މައިދާނުގައި ކުޅިވަރުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލްގައި ސާއިދު ވަނީ 10.40 ރޭސް ނިންމައިގެން ތިން ވަނަ ހޯދާފައެވެ.

ސާއިދު ވާދަކުރި ސެމީ ފައިނަލް ހީޓުގެ އެއްވަނަ ލިބުނީ ގަތަރުގެ ފެމީ އަށެވެ. އޭނާ ރޭސް ނިންމީ 10.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ ލިބުނީ ހޮންކޮންގް ހައި ޔަންގް އެވެ.

ރާއްޖޭގެ ސާއިދަކީ ސަރަހައްދީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ އެތުލީޓެކެވެ. ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް އޮތީ ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ސާއިދު އަތުގައެވެ.

comment ކޮމެންޓް