ނޭމާ ޖޫނިއާސް ފައިވް: ސްޕެއިން އަދި އިންޑިއާ ބަލިކޮށް ކްލަބް ޓީނޭޖް މުބާރާތުގެ އިތުރު ހަރުފަތަކަށް

ނޭމާ ޖޫނިއާސް ފައިވްގައި ވާދަކުރުމަށް ބްރެޒިލަށް ފުރި ކްލަބު ޓީނޭޖްގެ ޓީމު --- ފޮޓޯ/ ރެޑްބުލް

ބްރެޒިލްގެ ސަންތޯސްގައި ކުރިއަށްދާ ނޭމާ ޖޫނިއާސް ފައިވް ވޯލްޑް ފައިނަލް 2017ގައި ރާއްޖެ ތަމްސީލުކުރަމުންދާ ކްލަބް ޓީނޭޖުން ސްޕެއިން އަދި އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން އެ މުބާރާތުގެ އިތުރު ހަރުފަތަކަށް ވާސިލްވެއްޖެއެވެ.

ޖުމްލަ 53 ގައުމެއް އެ މުބާރަތުގައި ވާދަކުރާއިރު ރާއްޖެ އިއްޔެ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ.

ރާއްޖެ މޮޅުވެފައިވަނީ ސްޕެއިންއާއި އަވަށްޓެރި އިންޑިއާ އަތުންނެވެ. ސްޕެއިން އަތުން 5-2 މޮޅުވިއިރު އިންޑިއާ އަތުން ރާއްޖެ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. ރާއްޖެ ބަލިވީ ސްވިޑަން އާއި މެލޭޝިއާ އަތުންނެވެ.

އެ މުބާރަތުގައި މާދަމާ ރާއްޖެއިން މެޗެއް ކުޅޭން ހަމަޖެހިފައިވާއިރު އެ މެޗުގައި ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ.

ރާއްޖޭގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައި، ބްރެޒިލަށް ދިއުމުގެ ފުރުސަތު ޓީނޭޖުން ހޯދީ މިދިޔަ މެއި މަހުގެ ފަހުކޮޅު ކުޅުނު ކޮލިފައިން ބުރުގެ ފައިނަލުގައި ކްލަބު ޕީކޭ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ޖުމްލަ 53 ގައުމެއްގައި ކުރިއަށްދިޔަ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތައް ވާދަކުރާ އެ މުބާރާތުގައި ވާދަކުރާ ކްލަބު ޓީނޭޖްގައި މުއްކިއާއި ބޮބީގެ އިތުރުން ދެން ހިމެނެނީ ޓީމުގެ ކެޕްޓަން އިސްމާއިލް ފާތިހާއި، ރިއްފަތު މުހައްމަދާއި، އަހްމަދު އަޔާޒް އަދި ހުސައިން ޝަރީފެވެ.

comment ކޮމެންޓް