މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާ

ކްލަބް މޯލްޑިވްސް ކަޕްގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސީއީއޯ މުޙައްމަދު ޢާޞިފް، އަދި ކްލަބް މޯލްޑިވްސްގެ ފަރާތުން އެޑްވައިޒަރީ ބޯޑު މެންބަރު ޙަސަން ޚަލީލް ސޮއިކުރައްވަނީ --- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުالله

ކްލަބް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގެ އޮފިޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން ސިޔާމް މީޑިއާ ވަނީ ހަމަޖައްސާފައެވެ. މިކަމުގެ އެއްބަސްވުމުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޢާޞިފެވެ. އަދި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެޑްވައިޒަރީ ބޯޑު މެންބަރު ޙަސަން ޚަލީލެވެ. މި އަހަރުގެ މުބާރާތް މެއި 20 އިން އޮގަސްޓް 17 އަށް ކުރިއަށްދާނެއެވެ.

  • ކްލަބް މޯލްޑިވްސް ކަޕް 2026 ގެ މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ ހަމަޖެއްސުން.
  • މެއި 20 އިން އޮގަސްޓް 17 އަށް ހުޅުމާލޭ ރެހެންދީ ދަނޑުގައި މުބާރާތް ކުރިއަށްދާނެކަން.
  • ތަފާތު 7 މުބާރާތަކާއެކު 100 އަށްވުރެ ގިނަ ޓީމު ބައިވެރިވެ 250 މެޗު ކުޅުން.
  • އެސްއެސްޓީވީ، ސަން އޮންލައިން އަދި ސަން ޕްލޭ އިން މުބާރާތުގެ ކަވަރޭޖް ގެނެސްދިނުން.

ރާއްޖޭގައި ފުޓްސަލް ދިރުވާ އާލާކުރުމުގައި އެންމެ ބޮޑު އަދި އިސް ދައުރު އަދާކުރަމުންދާ ކްލަބް މޯލްޑިވްސް އިން އިންތިޒާމްކުރާ "ކްލަބް މޯލްޑިވްސް ކަޕް 2026"ގެ އޮފިޝަލް މީޑިއާ ޕާޓްނަރުގެ ގޮތުގައި ސަން ސިޔާމް މީޑިއާ ހަމަޖައްސައިފިއެވެ.

ސަން ސިޔާމް މީޑިއާގެ އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަން ސިޔާމް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޢާޞިފެވެ. އަދި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކްލަބް މޯލްޑިވްސްގެ އެޑްވައިޒަރީ ބޯޑު މެންބަރު ޙަސަން ޚަލީލެވެ.

ކްލަބް މޯލްޑިވްސްއިން ޒަމާނުއްސުރެ ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން މަސައްކަތްކުރާ ކަން ފާހަގަކުރައްވައި، ޢާޞިފް ވިދާޅުވީ، ސަން ސިޔާމް މީޑިއާގެ ފަރާތުން ބައިވެރިވީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެސްއެސްޓީވީއާއި ސަން އޮންލައިންއާއި އަދި ސަންޕްލޭ، މި ތިން ޕްލެޓްފޯމުންވެސް މި މުބާރާތް ކަވަރުކުރަމުންދާނެ،" ޢާޞިފް ވިދާޅުވިއެވެ.

އެސްއެސް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފް --- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުالله

އަދި ކުރިއަށް އޮތް ތިން މަހުގެ ތެރޭ ފީފާ ވޯލްޑް ކަޕްވެސް އޮތުމާއެކު، އެ ތިން މަހަކީ ފުޓްބޯޅަ، އަދި ފުޓްސަލްއަށް ޝައުގުވެރި ތިން މަހަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޢާޞިފް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޚަލީލް ވިދާޅުވީ، ކްލަބް މޯލްޑިވްސް އިން ސަން ސިޔާމް މީޑިއާ ޚިޔާރުކުރީ ވަރަށް އިތުބާރާ އެކު ކަމަށެވެ. އަހަރަކަށް ވުރެ އަހަރަކު އައު ކަންތައްތައް ތަޢާރަފްކޮށް، މުބާރާތުގެ ކަންކަން ރަނގަޅުކުރަމުން އަންނަ ކަން، ޚަލީލް ވަނީ ފާހަގަކުރައްވައިފައެވެ.

"މި މުބާރާތަކީ ވަރަށް ފޯރިގަދަ، ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިން ކުޅޭ އެއް މުބާރާތް،" ޚަލީލް ވިދާޅުވިއެވެ.

ކްލަބް މޯލްޑިވްސްގެ އެޑްވައިޒަރީ ބޯޑު މެންބަރު ޙަސަން ޚަލީލް --- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުالله

މިއަދު ސޮއިކުރި އެއްބަސްވުމާއެކު، ރާއްޖޭގައި ކޮންމެ އަހަރަކު އޮންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.

އަންނަ މެއި މަހުގެ 20ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް އޮންނަ ކްލަބް މޯލްޑިވްސް ކަޕްގައި ތަފާތު ހަތް މުބާރާތެއް އޮންނާނެއެވެ.

އެއީ ޕްރައިވެޓް ކުންފުނިތަކަށް ހުޅުވައިލައިގެން ބާއްވާ ސެކްޓާ ލީގާއި، 15 އަހަރުން ދަށުގެ އެކެޑަމީތަކަށް ޚާއްސަ ކިޑްސަލްއާއި، ކްލެސިކްއާއި، ކްލަބް މޯލްޑިވްސް ކަޕްއާއި، ފުޓްސަލްގެ އެންމެ މޮޅު ޓީމުތައް ކުޅޭ ކިންގްސް ކަޕްއާއި، އެއިޓީން ތާޓީއާއި، އެއިޓީން ތާޓީ ކްލެސިކްއެވެ.

އެސްއެސްޓީވީ، ސަން އޮންލައިން، ސަން ޕްލޭ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި މުހިއްމު މުބާރާތުގެ ޚަބަރާއި މަޢުލޫމާތާއި ފޮޓޯ، ލައިވް ކޮމެންޓަރީ ހިމެނޭ މަންޒަރުތައް، ވަގުތުންނާއި ރެކޯޑްކޮށްގެން ގެނެސްދޭނެއެވެ. އަދި މެޗު ކުޅޭ ކޮންމެ ދުވަހަކު ކްލަބް މޯލްޑިވްސް ކަޕް މެޗްޑޭ ޝޯ އެސްއެސްޓީވީ އާއި ސަންޕްލޭއިން ގެނެސްދޭނެއެވެ.

ކްލަބް މޯލްޑިވްސްގެ ފަރާތުން ބުނީ، ތިން މަސް ދުވަހަށް ދިގުދެމިގެންދާ މި މުބާރާތުގައި 100އަށް ވުރެ ގިނަ ޓީމު ބައިވެރިވެ، 250އެއްހާ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއް ވަގުތެއްގައި ދެ މެޗު ވެސް ކުޅޭ މި މުބާރާތް އޮންނާނީ ހުޅުމާލޭ ރެހެންދީ ދަނޑުގައެވެ.

comment ކޮމެންޓް