ގަތަރުގައި އުރީދޫ ނެޓްވޯކްގެ ނަން، އަމީރުގެ ނަމަށް ބަދަލުކޮށްފި

އުރީދޫއިން ޝައިޚް ތަމީމަށް ތާއީދުކޮށް އާންމުކުރި ފޮޓޯއެއް --

ގަތަރުގެ ބައިނަލްއަގުވާމީ ޓެލެކޮމް ކުންފުނި އުރީދޫއިން އެގައުމުގައި ހިންގާ މޯބައިލް ނެޓްވޯކުގެ ނަން، އެގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ނަމަށް ބަދަލުކޮށްފިއެވެ.

ސައުދީ އަރަބިއްޔާ ގަތަރާ ޖެހުނު މައްސަލައަކާ ގުޅިގެން، ސައުދީއާއި އެގައުމާ ގާތް ބައެއް އަރަބި އިސްލާމީ ގައުމުތަކުން ގަތަރާ އެކު ވަނީ ޚާރިޖީ ގުޅުން ކަނޑާލައިފައެވެ. އަދި އެގައުމުތަކުން ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅައިފައެވެ.

މިކަމާ ގުޅިގެން ގަތަރުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ އިންސާފެއް ނެތި ކަމަށާއި، ގަވައިދާ ޚިލާފަށް ކަމަށްވެސް ގަތަރުން ބުނެއެވެ. އަދި ގަތަރުގެ އަމީރަށް ތާއީދުކޮށް، އެގައުމުގެ ރައްޔިތުންނާއި ކުންފުނިތަކުން ދަނީ ވާހަކަދައްކައި ހަދަމުންނެވެ.

މިއަދު ގަތަރުގެ ޓެލެކޮމް ކުންފުނި އުރީދޫއިން ޓްވިޓަރ މެދުވެރިކޮށް ބުނީ، މިއަދުން ފެށިގެން އުރީދޫގެ ނެޓްވޯކްގެ ނަން "ތަމީމް އަލް މަޖުދު"އަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިއާ އެކު ގަތަރުގެ އުރީދޫ ނެޓްވޯކު ބޭނުންކުރާ ޑިވައިސްތަކުގައި ނެޓްވޯކް ސިގްނަލްގެ ކައިރިން "އުރީދޫ"ގެ ބަދަލުގައި ފެންނާނީ "ތަމީމް އަލް މަޖުދު"އެވެ.

މިކަމާ ގުޅިގެން ގަތަރުގެ ގިނަ ރައްޔިތުންތަކެއް ދަނީ އުރީދޫއަށް ތައުރީފުކުރަމުންނެވެ. އަދި މިއީ އުރީދޫއިން މިހާތަނަށް އެޅި އެންމެ ރަނގަޅު އެއް ފިޔަވަޅުކަމަށްވެސް ގަތަރުގެ ރައްޔިތުން ބުނަމުންދެއެވެ.

ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސްއަށްވެސް ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެހެންނަމަވެސް ދަތިތަކާ އެކުވެސް ގަތަރު އެއާވޭސްއިން ދަނީ ކާމިޔާބުތައް ހޯދައި، އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ބާއްވަމުންނެވެ.

comment ކޮމެންޓް