ޝާހުގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ސަލްމާނަށް ކާރެއް!

ފިތުރު ޢީދާ ދިމާކޮށް ރިލީޒް ކުރި، ސުޕަސްޓަރ ސަލްމާން ޚާންގެ ފިލްމި 'ޓިއުބްލައިޓް'ގައި ބޮލީވުޑް ރަސްގެފާނު ޝާހުރުކް ޚާންގެ ޚާއްސަ ފެނިލުމެއް ހިމަނާފައިވެ އެވެ. އެއީ ގިނަ އަހަރު ތަކަކަށް ފަހު ދެމީހުން އެއް ފިލްމަކުން ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

'ޓިއުބްލައިޓް' އަށް ފަހު އަނެއްކާ ވެސް ދެ ޚާނުން އެއް ފިލްމެއްގައި މަސައްކަތް ކުރަން މިވަނީ ހަމަޖެހިފައެވެ. އެގޮތުން އާނަންދު އެއް ރާއީ ޑައިރެކްޓުކޮށް ޝާހު ލީޑު ރޯލުން ފެނިގެންދާ ފިލްމުގައި، ސަލްމާންގެ ޚާއްސަ ފެނިލުމެއް ހިމެނުމަށް މިހާރު ވަނީ ނިންމައިފައެވެ.

އެންމެ ގާތް އެކުވެރިންގެ ގޮތުގައި ގިނަ ދުވަސްތަކެއް އުޅުމަށް ފަހު ދެމީހުން ދޭތެރޭގައި މައްސަލަ ޖެހުނު ނަމަވެސް، މިހާރު އަނެއްކާ ވެސް ދެމީހުންނަކީ ވަރަށް ގާތް އެކުވެރިންނެވެ. އެކަކު އަނެކަކުގެ ފިލްމުގައި މަސައްކަތް ކުރުމަކީ އެކަމުގެ ހެއްކެކެވެ.

ސަލްމާން ފެނިގެން ދާނީ އެ ފިލްމުގެ ލަވައަކުންނެވެ. މިހާރު ފަރިތަކުރުން ވެސް ކުރިއަށް އެބަ ގެންދެ އެވެ. ސަލްމާން އެ ލަވައިގެ މަސައްކަތް ފަށާފައި ވަނީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ 'ޓައިގާ ޒިންދާ ހޭ' ގެ ޝޫޓިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތާރީޚުތައް ބަދަލު ކުރުމަށް ފަހުއެވެ.

އަމިއްލަ ފިލްމަށް ވުރެ، ޝާހުގެ ފިލްމަށް ސަލްމާން އިސްކަންދިނުމުން، ޝާހު މިވަނީ އެކަމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. ކޮށްލި ޓުވީޓަކުން ނޫނެވެ. ކާރެއް ހަދިޔާ ކުރަމުންނެވެ.

ޚަބަރުތައް ބުނާގޮތުން އެއީ އަދި ލޯންޗު ކޮށްފައި ނުވާ ބްރޭންޑެއްގެ ކާރެކެވެ. އެހެންކަމުން ޝާހުގެ ފަރާތުން ސަލްމާނަށް ދީފައި ވަނީ އިންޑިއާގައި އެހެން މީހަކު ނުގެންގުޅޭ ކާރެކެވެ.

އެހާ ބޮޑު ހަދިޔާއެއް ޝާހު ދިނުމުން ސަލްމާނަށް ވެސް ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތިން ދުވަހުގެ ތެރޭގައި ލަވައިގެ ޝޫޓިން ނިންމާލުމަށް ފަހު ސަލްމާން އަނެއްކާ ވެސް 'ޓައިގާ ޒިންދާ ހޭ' ގެ ޝޫޓިން ފަށާނެއެވެ.

comment ކޮމެންޓް