ދައުރުގެ މެދުން މައުމޫން ގެންނަން އުޅުނު ބަޣާވާތް މުންދުގެ ދުލުން!

ރައީސް މައުމޫނާއި މުންދު: މައުމޫން އަރިހުގައި ގިނަ ދުވަހު މަސައްކަތްޕުޅު ކުރެއްވި މުންދު ވަނީ އާ ވާހަކަތަކެއް ތިލަ ކުރައްވާފައި--- ސަން ފޮޓޯ

އެއީ ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ އުފަލުގައި ޕީޕީއެމް ހިންދެމިލި ދަނޑިވަޅެެވެ. ރައީސް އަބްދުﷲ ޔާމީން ގެންދެވީ ކެބިނެޓް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ވެރިކަމުގެ ހުވާ ކުރެއްވިތާ ތިން ވަނަ ދުވަހު، 15 ވަޒީރުންގެ ކެބިނެޓުން ގޮނޑިއެއް ހާއްސަވި ބޭފުޅަކަށް ރައީސް މައުމޫން ތަފާތު ގޮތަކަށް މަރުހަބާއެއް ދެންނެވިއެވެ. ޓުވީޓަކުންނެވެ.

"ވެލްކަމް ބެކް ހޯމް، މުންދު!"

އެ މަރުހަބާ ރައްދު ކުރެއްވީ މުހައްމަދު ހުސައިން ޝަރީފު (މުންދު)އަށެވެ. މައުމޫންގެ އެ ޓުވީޓު ހާއްސަ ވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

މައުމޫން ވިދާޅުވި ގޮތުގައި މުންދު ވަޑައިގެންނެވީ އެނބުރި ވަޒަނަށެވެ. ގެއަށެވެ. އެ ވިދާޅުވި "ގެ"އަކީ ރައީސް އޮފީހެވެ!

އެ ވިދާޅުވި ބަހުގެ މާނަ އެނގޭ ހެއްޔެވެ؟ މުންދުއަކީ 1999 ވަނަ އަހަރުން ފެށިގެން، 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރައީސް މައުމޫންގެ އަރިހުގައި ރައީސް އޮފީހުގައި މަސައްކަތްޕުޅު ކުރެއްވި އެމަނިކުފާނުގެ ތަރުޖަމާނެވެ. މައުމޫންގެ ބަސް އިއްވެވީ މުންދުގެ ދުލުންނެވެ. ޑީއާރްޕީގެ އުފެއްދުމާއި އެ ޕާޓީ ރެނދުލީ މައުމޫންގެ އަރިހުގައި މުންދު ހުންނަވަނިކޮށެވެ. އޭރުގެ އެންމެ ވާދަވެރި ދެ ފިކުރު ކަމުގައިވާ ނުލާއި ރީނދުލުގެ މެދުން ގަދަ ފިޔާތޮށި ކުލައިގެ ޕީޕީއެމް އުފަންވީ އިރު ވެސް މައުމޫންގެ ބަސް އިއްވަން އަރިހުގައި ހުންނެވީ މުންދު އެވެ. ޕާޓީގެ އަސާސީ ގަވާއިދާއި އޮނިގަނޑު އަތުރާލެއްވުމުގައި މުންދުއާ ލައްކަ ވާހަކަ ތަކެއް ދައްކަވައި ސައްލާއެއް ކުރެވިފައިވާނެތާއެވެ؟

ފުރޮޅެމުންދިޔަ ސިޔާސީ މަސްރަހާއެކު މުންދު އާއި މައުމޫން މިއަދު ތިއްބެވީ ވާން ކުރަމުންދާ ވަލުގެ ދެކޮޅުގައެވެ. މައުމޫން އިދިކޮޅުގައެވެ. މުންދު އެނެއް ކޮޅުގައެވެ.

ވަޒީރުންނާއި ސަރުކާރުގެ ކޮޅުގައި ތިއްބެވި ދޫހެލޭ ބޭފުޅުން ކޮންމެ ރެއަކު މީޑީއާތަކުގައި ސަރުކާރު ދިފާއު ކުރައްވައި މިދުވަސްކޮޅު ދައްކަވަމުންދާ ވާހަކަތަކުގެ ތެރެއިން ޝައުގުވެރި ވާހަކައެއް މުންދު މިވަނީ ދައްކަވާފައެވެ.

މުންދު ވިދާޅުވި ގޮތުގައި މައުމޫން ގެންގުޅުއްވި އެޖެންޑާއަކީ ރައީސް ޔާމީން "ޕްލޭސް ހޯލްޑާ"އަކަށް ހެއްދެވުމެވެ. ދުވަސްކޮޅަކު ވެރިކަމުގައި ބެހެއްޓުމަށްފަހު، އެ މަގާމުން ރައީސް ޔާމީން ދުރުކުރުމެވެ. ރިޔާސީ ދައުރުގެ މެދުތެރެއިން އެހެން ބޭފުޅަކާ ވެރިކަން ހަވާލު ކުރެއްވުމަކީ މައުމޫން ގެންގުޅުއްވި ފަލްސަފާއެއް ކަމަށް މުންދު ވިދާޅުވިއެވެ.

އެ ބޭފުޅުންނަށް ވިސްނިވަޑައިގަތީ ރައީސް ޔާމީނަކީ 'ޕްލޭސް ހޯލްޑާ' އެކޭ. ދުވަސްކޮޅަކަށް ވެރިކަމުގައި ހުންނަވާފައި އެބޭފުޅުން ބޭނުންފުޅުވާ ބޭފުޅަކަށް ވެރިކަމަށް އަންނަން، މުންދު

"ބައްލަވާ އެއީކީ އެހެންވާ ކަންތައްތަކެއް ނޫނޭ!،"

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުންދު ރޭ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މައުމޫން އެ ފަލްސަފާ ގެންގުޅުއްވީ ރިޔާސީ އިންތިހާބުގެ ވެސް މާ ކުރިންނެވެ. އިންތިހާބުގެ ކެމްޕެއިނަށް މައުމޫން ނުކުންނެވިއިރު ވެސް އެމަނިކުފާނުގެ އިހްލާސްތެރިކަމާމެދު މުންދު ރޭ ވަނީ ސުވާލު އުފައްދަވައިފައެވެ.

"އަޅުގަނޑަށް ވިސްނުނީ އެންމެ އެއްޗެއް. ކޮންމެ ވެސް ހިސާބަކުން ކޮންމެ ވެސް ހާޒިރެއްގައި ކޮންމެވެސް ބަޔަކު ކުރި ސައްލާ ކަމަށް އަޅުގަނޑަށް މި ފެންނަނީ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން،" ޕީޕީއެމްގެ ކައުންސިލް މެމްބަރު މުންދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ދަތި ގަބޫލު ކުރަން، ހެޔޮ ނިޔަތެއް އޮވެގެން އިހްލާސްތެރިކަމާއެކު އެމަނިކުފާނު ވެރިކަން ކުރައްވަން ޖާގަ ދެއްވުމުގެ ނިޔަތަތުގައި ވެރިކަމަށް އެމަނިކުފާނު ގެންނަވަން މަސައްކަތް ކުރެއްވި ކަމަކަށް. ޕްލޭސް ހޮލްޑާއެއްގެ ގޮތުގައި ވެރިކަން ކުރައްވަން އުޅުއްވީ."

ރައީސް މައުމޫން ޕީޕީއެމް ޕްރައިމަރީގައި ވޯޓެއް ނުލައްވައެވެ. އޭރު ވިދާޅުވީ މަސްލަހަތަށްޓަކާ ކަަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ދަރިން ވަނީ ރައީސް ޔާމީނަށް ތާއިދުކޮށް، ޕްރައިމަރީގައި ކެމްޕެއިނުގެ ކުރިއަށް ނެރުއްވައިފައެވެ.

ވަޒީރުންގެ ފެންވަރުގެ މަގާމެއްގައި ހުންނެވި މުންދުގެ އެ ވިދާޅުވި ވާހަކަތަކަށް ބާރުލިބޭ ވާހަކަތަކެއް ދެއްކެވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައީދު ވިދާޅުވީ ނައިބު ރައީސް ކަމުގެ މަގާމަށް ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން، ފާރިޝް މައުމޫން ގެންނަވަން މައުމޫން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ.

ފާރިސް ނައިބަކަށް ލެއްވެވިނަމަ ދައުރުގެ މެދުތެރެއިން، ވެރިކަން ފޮރޮޅާލުމުގެ ޖާގަ އޮންނާނެ އެވެ. ދިވެހި ތާރީހުން ނައިބު ރައީސުންނަށް ދީފައި ވަނީ ވެރިކަން ފުރޮޅާލުމުގެ ލަގަބެވެ.

މުންދު ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރައްވާ މަސައްކަތްޕުޅަކީ އެފަދަ ކަމެއް ކަމަށެވެ. ބަޣާވާތެ ކުރަން އުޅޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މާ ކުރިން، އަވަސް އަރުވާލައިގެން ކުރަން އުޅޭ މަސައްކަތް ސިފަވަނީ "ބަޣާވާތެއް"ގެ ގޮތުގައި ކަމަށް މޮންދު ވިދާޅުވި އެވެ.

"ސުވާލު އެބަ އުފެދޭ މިއުޅެނީ މަސީހާ މެދުތޯ، ނުވަތަ ރައީސުލްޖުމްހޫރިއްޔާއާމެދު ވޯޓެއް ނަގަންތޯ. އެ ސުވާލު ވެސް އެބަ އުފެދޭ. އަޅުގަނޑަށް ފެންނަނީ މި ބަޣާވާތެއްގެ ގޮތުގައި،" ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޒުވާނުންނާބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި މުންދު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު އެބަ އޮތް 2018 ވަނަ އަހަރުގެ ފަހުކޮޅު. 15 ވަރަކަށް މަސް ދުވަަސް ފަހުން. އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަ އުސޫލުން އޮންނާނެ. އެހެންވީމާ އެ ވިދާޅުވާހާ ތާއިދު ބޮޑު ބައެއް ކަމަށް ވަންޏާ ރިޔާސީ އިންތިހާބާ ހަމައަށް ނުގޮސް ފަޔަށް ހިނިއަރައިގެން މިއުޅެނީ ކީއްވެގެންތޯއޭ،"

ސުވާލު އެބަ އުފެދޭ މިއުޅެނީ މަސީހާ މެދުތޯ، ނުވަތަ ރައީސުލްހޫމްހޫރިއްޔާއާމެދު ވޯޓެއް ނަގަންތޯ. އެ ސުވާލު ވެސް އެބަ އުފެދޭ. އަޅުގަނޑަށް ފެންނަނީ މި ބަޣާވާތެއްގެ ގޮތުގައި، މުންދު

ބަޣާވާތެއް ގެންނަން ބަޔަކު މަސައްކަތް ކުރާ ކަމަށް މުންދު އެ އިޝާރާތް ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެ މަގާމުން އެމަނިކުފާނު ދުރުކުރުމަށެވެ.

ނަމަވެސް އެފަދަ ނިންމުމެއްގެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް، އެ ކޯޓުގެ ގަޟިއްޔާއަކުން މިދިޔަ މަހު ވަނީ ކަނޑަޅާފަ އެވެ. އެހެންކަމުން އެ "ފޯމިއުލާ ވޯކެއް" ނުކުރާނެ ކަމަށް ބުނެތެވެ!

ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވާ މުންދު ވިދާޅުވީ "އެއީކީ ހަމަގައިމު ވެސް އަޅުގަނޑު ދަންނަ ބޭފުޅެއް ނޫން" ކަމަށެވެ. "އެ މައުމޫނެއް" އޭނާ ނުދަންނަ ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އޭނާ ދަންނަ މައުމޫނަކީ ވަރުގަދަ އަސާސްތަކެއްގެ މައްޗަށް މަސައްކަތްޕުޅު ކުރައްވާ އަސާސްތަކުގައި ހިއްޕަވާ ހިކުމަތްތެރި ބޭފުޅެވެ. ނަމަވެސް މިއަދު އެ މަންޒަރު އެ މަނިކުފާނުގެ ކިބައި ނުފެންނަ ކަމަށެވެ. އެއީ ތެދަކަށް ވެދާނެތޯ އެވެ؟

މައުމޫން އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ލައްކަ ބޭފުޅުން ފެޔަށް ޖެހިއްޖެ އެވެ. ޑީއާރްޕީ ފަޅިވި ހިސާބުން އެ މަންޒަރު ފެނުނެވެ. މައުމޫން އުފެއްދެވި ދެ ވަނަ ޕާޓީ، ޕީޕީއެމްގައި ފެކްޝަން އުފެދުނު ހިސާބުން އަނެއްކާވެސް އެ މަންޒަރު ފެންނަން ފެށީއެވެ.

މައުމޫން މިހާރު އެ ހުންނެވީ އެމަނިކުފާނު އަރިހުގައި އުޅުއްވާފައި ވަޑައިގެންނެވި ބޭފުޅުންގެ ފަޅީގައެވެ. ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އަބްދުﷲ ޝާހިދާއި އަލީ ވަހީދާއި އަހުމަދު މަހުލޫފުގެ ފަޅީގައެވެ.

ކޮޅު ބަދަލު ކުރެއްވީ މައުމޫނެވެ. އެމަނިކުފާނު ވަށައިގެން ސިޔާސީ މީހުން އެނބުރޭ، އެނބުރުން ނިމުމަކަށް އައީތޯ އެވެ؟

ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު މީހަކާ ދުރެއް ނުވާނަން ކައިރި ނުވެވޭ ވަރަކަށް. ކައިރިއެއް ނުވާނަން ދުރު ނުވެވޭ ވަރަކަށް،" އަލީ ވަހީދު ޑީއާރްޕީ ދޫކޮށް ދިއުމާ ގުޅިގެން، ޒެޑް ފެކްޝަނުން މެއި 23، 2011، ބޭއްވި ޖަލްސާގައި ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް