ގަތަރާ ދެކޮޅަށް ފިޔަވަޅުއެޅި އަރަބި ބާރުތަކަށް އެންމެފަހުން ގޮތް ހުސްވަނީ!

އަރަބި ހަތަރު ގައުމުގެ ވަޒިރުން ގާރިހާގައި ބޭއްވި ބައްދަލުވުމަށްފަހު ބޭއްވި ނޫސް ކޮންފަރެންސް

ގަތަރުގެ މައްސަލާގައި ސައޫދީއާއި ޔޫއޭއީ ބަހްރައިން އަދި މިސްރުގެ ޚާރިޖީ ވަޒީރުން ގާހިރާގައި ކުރެއްވި މަޝްވަރާތަކަށްފަހު ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ފަސްޖެހިއްޖެކަން އިއްޔެ ބޭއްވި އެގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ހާމަވެގެން ހިނގައްޖެއެވެ.

އެބައްދަލުވުމަށްފަހު އެހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި 6 ކަމެއް ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަޅުތައް އަޅަން ގަސްދުކުރާ ވާހަކައެއްނެތެވެ. ނަމަވެސް ބައްދަލުވުމަށްފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުގެ ޚާރިޖީ ވަޒީރުން ވަނީ މައްސަލަ ހައްލުކުރުމަށްޓަކައި އެހަތަރު ގައުމުން ގަތަރަށް ހުށަހެޅި ތޭރަ ނުކުތާ އެކުލެވޭ ހުށަހެޅުން ގަބޫލުކުރާނެކަމުގެ ޖަވާބެއް ގަތަރުން ދީފައިނުވާ ކަންވެސް ހާމަކުރައްވާފައެވެ.

މިއާއެކުވެސް ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެބޭފުޅުން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ގަތަރުން އެގައުމުތަކުގެ އެދުންތަކަށް ބޯނުލަނބާނަމަ މިހާރު އޮތް ހާލަތުގައި ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ސައޫދީއާއި ޔޫއޭއީ ބަހްރައިން އަދި މިސްރުން ކުއްލިގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްއެޅީ މިދިޔަ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. އެކަންކުރީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ބުނެ ބަހަނާތަކެއް ދެއްކުމަށްފަހުއެވެ. މިއީ ސައޫދީ އާއި ޔުއޭއީ ބޭނުންވާ ގޮތަށް ގަތަރުގެ ސިޔާސަތު ބަދަލުކޮށް ސައޫދީންގެ ބާރާއި ނުފޫޒު ގަލްފުގެ ހުރިހާ ގައުމުތަކަކަށް ހިންގުމުގެ ސިޔާސީ ބޭނުމުގައި ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކެކެވެ.

ނަމަވެސް މި ކަންތައްގަނޑުގެ ތެރެއަށް ސަރަހައްދުގެ އެންމެ ބޮޑު ދެގައުމު ކަމަށްވާ އީރާނާއި ތުރުކީ ވަނުމުންނާއި ގަތަރަށް ކުރިމަތިކުރި ހިސާރުގެ ފިޔަވަޅުތަކަށް އެމެރިކާގެ ތާއީދުވެސް ނުލިބުމުގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގެ ތާއީދުވެސް ނެތުމަކީ ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރްސަތު މިހަތަރު ގައުމަށް ގެއްލިގެންދިޔަ ސަބަބެވެ. މިއާއެކު މިކަމުގެ ސަބަބުން ގަތަރަށް ބޮޑު ހިތްވަރެއްލިބި ސައޫދީއާއި ޔޫއޭއީއާއި ބަހްރައިންއާއި މިސްރަށްވަނީ ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅިނަމަވެސް އެގައުމތަކުގެ މަގްސަދު ހާސިލް ނުކުރެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަންވެސް ވަނީ ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޚުދު އެމެރިކާއަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ފިޔަވަޅުތަކެއް ކަމަށް ސިފަކުރައްވައި އެފިޔަވަޅުތައް ލުއިކުރުމަށް ސައޫދީއާއި ޔޫއޭއީ އަށް ގޮވާލައްވާފައެވެ. ރަޝިޔާއިންވެސްވަނީ މިމޭރުމުން ވާހަކަ ދައްކާފައެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕްވެސް އިއްޔެވަނީ މިސްރުގެ ރައީސް ސީސީ އާ ފޯނުން ގުޅުއްވައި ގަތަރާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެދިވަޑައިގެންފައެވެ.

ސައޫދީއާއި ޔޫއޭއީއާއި ބަހްރައިންއާއި މިސްރަކީ ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާ ވާ އަމިއްލަ ނަފްސަށް މާބޮޑު ކަމެއް ނުކުރެވޭ ބަލިކަށި ގައުމުތަކެކެވެ. އެހެންކަމުން އެމެރިކާގެ ސިޔާސަތު ގަތަރާ ދެކޮޅަށް ނޭބުރޭހާ ހިނދަކު ގަތަރާ ދެކޮޅަށް މާބޮޑު ކަމެއް ކުރުމުގެ ހިއްވަރު އެގައުމުތަކަކަށް ނޯންނާނެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި ސަރަހައްދީ ބާރުތަކުގެ ސްޓޭންޑްތަކުން ހިތްވަރު ލިބިގެން ގަތަރުންވަނީ ސައޫދީއާއި ޔޫއޭއީން ފުރަތަމަ ހުށަހެޅި ޝަރުތުތައް ގަބޫލު ނުކުރާނެކަމަށް ބުނެ އެދެގައުމަށް ފާޅުގައި ގޮންޖަހާފައެވެ. އެޝަރުތުތައް ގަތަރުން ގަބޫލުނުކުރުމުން އެގައުމުތަކުންވަނީ ޑިމާންޑްތައް ދަށްކޮށް ޖުމްލަ ތޭރަ ކަމެއް އަނެއްކާ ގަތަރަށް ހުށަހަޅާފައެވެ. މިއީވެސް އެގައުމުތަކުން ގަތަރުގެ ކުރިމަތީގައި ވަރަށްބޮޑަށް ފަހަތަށް ޖެހުންކަމަށްވަނީ ބެލެވިފައެވެ.

އެ ތޭރަ ޑިމާންޑް ގަބޫލުކުރުމަށް ގަތަރުން ދެކޮޅު ހެދިއިރު އެމެރިކާއާއި ޔޫރަޕާއި ސަރަހައްދީ ބާރުތައްވަނީ ގަތަރަށް ހުށަހެޅި ޑިމާންޑްތަކަކީ މިނިވަންކަމާއި ސިޔާދަތު ލިބިފައިވާ ގައުމެއްގެ ހައިޘިއްޔަތުން އެއްވެސް ގައުމަކަށް ގަބޫލުކުރަން ފަސޭހަ ކަންތައްތައް ނޫންކަމަށް އެކި ގޮތްގޮތަށް ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން އިއްޔެ ގާހިރާގައި ބޭއްވި ބައްދަލުވުމުގައި ސައޫދީއާއި ޔޫއޭއީއާއި ބަހްރައިންއާއި މިސްރުގެ ޚާރިޖީ ވަޒީރުންގެ ފަރާތުންވަނީ މާޔޫސްކަން ވަރަށް ބޮޑަށް ފެނިފައެވެ.

ސައޫދީއާއި ޔޫއޭއީއާއި ބަހްރައިންއާއި މިސްރުން ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން މަގްސަދު ހާސިލް ނުވެ ސައޫދީންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނަށްވަނީ ގަލްފުގެ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ފުރްސަތު ކުރިޔަށްވުރެ އެތަށް ގުނައެއް ބޮޑަށް ލިބިގެން ގޮސްފައެވެ. އެއީ ގަތަރުން ފާޅުކަން ބޮޑުގޮތެއްގައި އީރާނުގެ އެހީއަށް އެދުމާއި މިމައްސަލައިގެ ތެރެއަށް ވަނުމުގެ ފުރްސަތު އީރާނަށް ދިނުމުންނެވެ. އަދި ތުރުކީއަށްވެސް ވަނީ ގަތަރުގެ ހިމާޔަތަށްޓަކައި އަސްކަރީގޮތުން ގަތަރަށް ވަނުމުގެ ފުރްސަތު ލިބިފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ގަތަރު ހިމާޔަތްކޮށްދޭނެ ކަމުގެ ޖާމިނުވުން ދެއްވާފައެވެ. އުރުދުޣާން ވިދާޅުވީ ގަތަރު އެކަނިމާއެކި ދޫކޮށްނުލާނެ ކަމަށާ ގަތަރުގެ ފަހަތުގައި ތުރުކީ އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ތިން ބަނދަނރު ގަތަރުގެ ޚިދުމަތުގައި ހުޅުވާލާފައިވާއިރު އީރާން އެއަރލައިންގެ ކާގޯ މަތިންދާބޯޓުތަކުންވަނީ ގަތަރަށް ކާބޯތަކެތީގެ ޝިޕްމަންޓެއް ވައިގެ މަގުން ގެންގޮސްފައެވެ. އަދި ގަތަރު އެއާވޭސްގެ ދަތުރުތައް ސައޫދީގެ މަތިން ނުކުރެވޭތީ އޭގެ ބަދަލެއްގެ ގޮތުގައިވެސް ބޭނުން ކުރަމުން ގެންދަނީ އީރާނުގެ ވައިގެ ސަރަހައްދެވެ. ސައޫދީއާއި ޔޫއޭއީ އިސްވެ އޮވެގެން ރޭވިގޮތަށް ގަތަރުގެ މައްސަލަ ނުދިޔުމުން އެދެގައުމުގެ މަސްއޫލުވެރިންގެ އަޑުތައް މިހާރުވަނީ ވަރަށް ބޮޑަށް މަޑުވެފައެވެ.

މާބޮޑު ވިސްނުމަކާނުލައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ދެކޮޅު ނުޖެހޭ ވާހަކަތަކަށް ބަރޯސާ ވެގެން ގަތަރާ ދެކޮޅަށް ކުއްލި ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައްއެޅުމަކީ ހެދުނު ވަރަށްބޮޑު ގޯހެއްކަން މިހާރު މިވަނީ ޚުދު އެގައުމުތަކަށްވެސް ވިސްނޭން ފަށާފައެވެ. ދަތިކުރުމުގެ ފިޔަވަޅޔުތައް އަޅައިގެން ގަތަރު އިނދަޖައްސާލުމަކީ ނާދިރު ކަމެކެވެ. އަދި ގަދަބާރުން ގަތަރަށް ކަންކަން މަޖްބޫރު ކުރުވުމަކީވެސް އދ. ގެ ތާއީދާއި އެމެރިކާގެ އެއްބާރުލުން ނެތި ސައޫދީ އާއި ޔޫއެއީ އާއި ބަހްރައިން އާއި މިސްރަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެމެރިކާ އިސްވެއޮވެގެން ބައެއް ގައުމުތަކާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުންވެސް މަގްސަދު ހާސިލް ވެފައެއް ނުވެއެވެ. ކިޔުބާއާއި އުތުރުކޮރެޔާއާއި ސައްދާމްގެ ދުވަސްވަރު އިރާގު މިކަމުގެ ހެއްކެކަށް ފުދެއެވެ. އުތުރުކޮރެޔާއާ ދެކޮޅަށް ނާޅާ ފިޔަވަޅެއްނެތެވެ. ނަމަވެސް އެގައުމުން ބޭނުންވާކޮންމެ އިރަކު މިސައިލް ތަޖްރިބާކުރެއެވެ. ނިއުކްލިޔަރ ތަޖްރިބާކުރެއެވެ. ކިޔުބާއަށް ބަލާއިރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ 52 އަހަރު ވެއްޖެއެވެ. ނަމަވެސް ކުޑަކުޑަ ކިޔުބާ އިނދަޖައްސާނުލެވުނެވެ. 52 އަހަރު ވީއިރުވެސް ކިޔުބާގެ ސިޔާސަތު ބަދަލުކުރުމުގައި އެމެރިކާވަނީ ނުކުޅެދިފައެވެ.

ގަތަރަކީ ކުޑަ ގައުމެއް ނަމަވެސް އެއީ ނިސްބަތަށް ބަލާއިރު މުޅި ދުނިޔޭގައިވެސް އޮތް އެންމެ މުއްސަނދި ގައުމެވެ. ސައޫދީ އާއި ޔޫއޭއީ އަށްވުރެ ގަތަރުގެ މުއްސަނދިކަން ހަތަރު ގުނަ އިތުރެވެ. އެހެންކަމުން ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުންނެތި ގަތަރު ގެ ސިޔާސަތު ސައޫދީއާއި ޔޫއޭއީ އެދޭގޮތަށް ބަދަލުކުރުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ވާނެކަމެއްނޫނެވެ.

comment ކޮމެންޓް