ފެނަކައިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ތެލުގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލާ ގުޅިގެން ފެނަކައިގެ ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފައިވާ ކަމަށެވެ. އަދި އޮގަސްޓު މަހުގައި ބިލް ކުރާ މިމަހުގެ ބިލުގައި ހިމަނާނީ އަގަށް އައި ބަދަލާ އެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން 100 ޔުނިޓާ ހަމައަށް ކަރަންޓު ބޭނުން ކުރާ ފަރާތްތަކުގެ ބިލުން 17 ޕަސެންޓު ކުޑަ ވާނެ ކަމަށާއި 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުގެ އަދަދަކަށް ކަރަންޓު ބޭނުން ކުރައްވާ ފަރާތްތަކަށް 15 ޕަސެންޓު ކުޑަވެގެންދާނެ ޝަރީފު ވިދާޅުވި އެވެ. އަދި 400 ޔުނިޓުން މަތީގެ މިންވަރަކަށް ކަރަންޓު ޔޫސޭޖް އަރާ ފަރާތްތަކުގެ ބިލުން ނުވަ ޕަސެންޓުގެ ސޭވިން އެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމު ރައްޔިތުން ކުރާ، އަތޮޅުތެރޭގަ ކުރާ ވިޔަފާރީގަ ވެސް މި ބަދަލު އަންނާނެ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި އާންމު ރައްޔިތުން ކުރާ ވިޔަފާރިން ފަސް ޕަސެންޓާއި އަށް ޕަސެންޓާ ދެމެދުގެ ސޭވިން އެއް ލިބިގެން ދާނެ އެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ޚާއްސަ ވިޔަފާރިތަކަށް ވެސް އެ ވަރުގެ ސޭވިން އެއް ލިބިގެން ދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ ކަރަންޓު ލިބިގަންނަ 78 ޕަސެންޓު ގޭބިސީތަކުން އެންމެ ބޮޑަށް ކަރަންޓު ކޮންޒިއުމް ކުރަނީ 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގައި ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ބިލުން މަހެއްގެ މައްޗަށް 3.6 މިލިއަން ރުފިޔާގެ ސޭވިން އެއް އެ ކެޓަގަރީގެ ގޭބިސީތަކަށް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަތޭކަ ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ ކަރަންޓު ބޭނުން ކުރާ އަމިއްލަ ވިޔަފާރިތަކަށް ހަތަރު ލައްކަ ރުފިޔާގެ ސޭވިންއެއް އަންނަ އިރު ސަރުކާރަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ސޭވް ވެގެން ދެ އެވެ.

ައަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ރާއްޖޭގައި ހިންގާ ބޭރު ކުންފުނިތަކަށް މިލިއަނެއްހާ ރުފިޔާ އެ ކެޓަގަރީން ސޭވް ވެގެން ދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ހަތަރު ސަތޭކަ ޔުނިޓަށްވުރެ މަތިން ކަރަންޓު ބޭނުން ކުރާ ގޭބިސީތަކުގެ ޕަސެންޓަކީ 22 ކަމަށާއި އެފަރާތްތަކަށް ހަތް ލައްކަ ރުފިޔާ ސޭވް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކެޓަގަރީގައި ކަރަންޓު ބޭނުން ކުރާ އާންމު ވިޔަފާރިތަކަށް ތިން ލައްކަ ރުފިޔާ އަދި ސަރުކާރު މުވައްސަސާތަކަށް ހަ ލައްކަ ރުފިޔާ ސޭވް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކެޓަގަރީގެ ޚާއްސަ ވިޔަފާރިތަކަށް 2.7 މިލިއަން ރުފިޔާ ސޭވް ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ތިރިކުރުމާ ގުޅިގެން ކަރަންޓުގެ އަގަށް މި ގެނައި ބަދަލުގެ ސަބަބުން މަހެއްގެ މައްޗަށް ފެނަކައިގެ ކަސްޓަމަރުންގެ އަތުން ޖުމްލަކޮށް މަހެއްގެ މައްޗަށް 6.3 މިލިއަން ރުފިޔާ ސޭވް ވާނެ އެވެ.

ސަރުކާރުން ކަނޑައަޅާފައި ވަނީ ކަރަންޓު އުފައްދާ ކުންފުނިތަކަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު އަށް ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ 10 ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ. ޑީސަލް އިން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމުން އެސްޓީއޯ އިން މިވަގުތު ޑީސަލް ލީޓަރެއް ވިއްކަނީ 7.94 ރުފިޔާއަށެވެ. އެއާ އެކު ފެނަކާއިން މިވަނީ އެކުންފުނީގެ ބިލްތަކުން ފިއުލް ސާޗާޖު އުނިކުރަން ނިންމާފައެވެ.

ޝަރީފް ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމާ ގުޅިގެން ކުންފުންޏަށް ވަންނަ އާމްދަނީ 6.3 މިލިއަން ރުފިޔާއިން މަދުވި ނަމަވެސް އެއީ ކުންފުންޏަށް ލިބޭ ގެއްލުމެއް ނޫން ކަމަށެވެ. ސަބަބަކީ އެކުންފުނީގެ އެންމެ ބޮޑު ޚަރަދަކީ ތެލަށް ކުރާ ޚަރަދަށް ވެފައި ތެލުގެ އަގު ކުޑަ ވުމުން ކުންފުނީގެ ޚަރަދުވެސް ކުޑަވެފައިވާ ކަމަށެވެ. އަދި އެއާ އެކު ސަރުކާރުގެ ސްޓޭންޑަކީ ރައްޔިތުންގެ ޖީބަށް ލުއި ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.