ހިތަދޫ މެދު ދާއިރާގެ މެމްބަރުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައެވެ. އޭރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގައެވެ.

އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އަނެއްކާވެސް ދައުވާ އުފުލާފައިވާއިރު، މީގެކުރިން އެ ދައުވާ އުފުލައި ހެކިބަސް ނެގުމާ ހިސާބުގައި އޮއްވައި މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.

އެ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް