ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ސޮއި ކުރައްވާފައިވާތީ، އެ ދެ ބޭފުޅުން އޮޅުވާލެއްވީ ކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިތްހަމަނުޖެހުންފާޅު ކުރައްވައިފި އެވެ.
ސަރުކާރާ އިދިކޮޅު ކޯލިޝަނުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ވެއްދީ 45 މެމްބަރުންގެ ސޮޔާއެކުއެވެ. އޭގެ ތެރޭގައި މެމްބަރު ސިނާން އާއި އިލްހާމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނަށް ވަފާތެރި 10 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
އެކަމާ ގުޅިގެން ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މެމްބަރު ސިނާނާއި އިލްހާމް އޮޅުއްވާލެއްވީތީ ވަރަށް ހިތާމަ ކުރާ ކަމަށެވެ. މަސީހާ ދެކޮޅަށް އެ ދެ ބޭފުޅުން ސޮއި ކރުެއްވީ އެ ދެ ބޭފުޅުންނާއެކު ކޮންމެ ދުވަހު މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން ދަނިކޮށް ކަމަށް ޝައިނީ ވިދާޅުވެފައިވެ އެވެ.
Most disappointed tht MP Sinan n MP Ilham deceiving about Maseeh's no confidence vote. We hve been discussing everyday to resolve issues.
— Mohamed Shainee (@mshainee) July 3, 2017
މެމްބަރު ސިނާނާއި އިލްހާމްގެ އިތުރުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ދާދި ފަހުން ޝައިނީގެ އިސްތިއުފާއަށް ގޮވާލެއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް ވެސް ހިމެނިވަޑާއިގަންނަވައެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމުން މި ސަރުކާރުގައި ވަޒީރުކަން ކުރެއްވި ސްޓެލްކޯގެ މިހާރުގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު ވެސް ވަނީ، ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. މަސީހާ ދެކޮޅަށް ޕީޕީއެމްގެ ބައެއް މެމްބަރުން ތެދުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި މަސީހާ ދެކޮޅަށް ނުކުންނެވި މެމްބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއެކު އަބަދުވެސް ހުންނަވާނެ ކަމަށް ވިދާޅުވެ ހުއާ ކުރެއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހިމެނުނީތީ ހިތާމަ ކުރައްވާ ކަމަށް ޒުހޫރު ވިދާޅުވެފައިވ އެވެ..
އިދިކޮޅު މެމްބަރުންނާއެކު މަސީހާ ދެކޮޅަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ފުވައްމުލަކު އިތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި ތިނަދޫ އިތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހިމެނެއެވެ.
އިދިކޮޅަށް ލިބުނު މެޖޯރިޓީއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފަ އެވެ. ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގައި 40 މަޖިލިސް މެމްބަރުން ތިއްބެވިއިރު، އިދިކޮޅު ފަރާތްތަކުން ހުށަހެޅުއްވި މައްސަލާގައި ސޮއި ކުރެއްވީ 45 މެމްބަރުންނެވެ.