އޮޔެހާ ބަލިކޮށް، ޓީނޭޖުން ބައިބަލާ މުބާރާތް ކާމިޔާބުކޮށްފި

ބައިބަލާ 1438ގެ ޗެމްޕިއަންކަން ހޯދި ކްލަބު ޓީނޭޖް --- ފޮޓޯ/ ކްލަބު ޓީނޭޖް

އޮޔެހާ ސްޕޯޓްސް ކްލަބު ބަލިކޮށް، ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބު ޓީނޭޖުން ހޯދައިފިއެވެ.

ޓީނޭޖާއި އޮޔެހާ ރޭ ބައްދަލުކުރި ފައިނަލް މެޗުގެ ނަތީޖާ ނެރެން ޖެހުނީ ގަދަ ހިފުމުންނެވެ. އެ މެޗު ގަދަ ހިފުމަކަށް ގޮސްފައިވަނީ ފުރަތަމަ ކުޅުނު ދެ ގޭމް އެއްވަރުވުމާ ގުޅިގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ޒެފްރޯލްގެ މައްޗަށް ކުރި ހޯދި ޓީނޭޖް އަދި ސެމީ ފައިނަލްގައި ހުޅުމާލޭ ސްޕޯޓްސް ކްލަބު ބަލިކުރި އޮޔެހާގެ ފަރާތުން ވެސް ރޭގެ މެޗުގައި ވާދަވެރި ކުރިމަތިލުންތަކެއް ފެނިގެންދިޔައެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓީނޭޖްގެ ހުސައިން ރަޝީދު ހޮވުނުއިރު، މިސްޓަ ބައިބަލާއަކަށް ހޮވުނީ މިދިޔަ އަހަރު ވެސް އެ މަގާމަށް ހޮވުނީ އޮޔެހާގެ އަސްލަމް ވަހީދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޓީނޭޖްގެ ހުސައިން ރަޝީދާއި، އެޓީމުގެ އަހްމަދު މުހައްމަދާއި، އޮޔެހާގެ އަބްދުﷲ ޝާފިއުއާއި، ކްލަބު ޒެފްރޯލްގެ އިބްރާހިމް ޝަދޫން އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އަފްޝީން ހާޝިމެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޓީނޭޖްގެ ކޯޗް ފަޒްލަތު އިބްރާހީމް ހޮވުނުއިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕަންކް ދި ނެކްސްޓް ލެވެލްގެ އިބްރާހީމް ނިހާނެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ކްލަބް ޒެފްރޯލެވެ.

comment ކޮމެންޓް