ދޮޅު ގަރުނުވީ އޮމަދޫގެ ބޮޑު ނިކަގަސް ގަދަ ވަޔާ އެކު ވެއްޓިއްޖެ

ވައި ގަދަވެގެން އޮމަދޫގައި ހުރި ބޮޑު ނިކަ ގަހެއް ވެއްޓިފައި --- ފޮޓޯ/ ކިޔުންތެރިއެއް

ރާއްޖެގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ތ. އޮމަދޫގައި ހުރި ދޮޅު ގަރުނުވެފައި ހުރި ބޮޑު ނިކަ ގަހެއް ވެއްޓިއްޖެ އެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ ނިކަގަސް ވެއްޓިފައި ވަނީ ރޭ ފަތިހު ވައިގަދަވުމުގެ ސަބަބުން ކަމަށާއި ގަހާއެކު ހައެއްކަ ރުށް ވެސް ވެއްޓުނު ކަމަށެވެ.

ހާރޫން ވިދާޅުވީ އެ ގަހަކީ އެ ރަށުގައި ވަރަށް ކުރީން ފެށިގެން ވެސް ހުންނަ ގަހެއް ކަމަށާއި ދުވަސްވީ މީހުން ބުނާ ގޮތުން އެ ގަހަށް 150 އަހަރު ވެދާނެ ކަމަށެވެ.

ވައި ގަދަވެގެން އޮމަދޫގައި ހުރި ބޮޑު ނިކަ ގަހެއް ވެއްޓިފައި --- ފޮޓޯ/ ކިޔުންތެރިއެއް

"ރޭ ފަތިހު ގަސް ވެއްޓުނީ. އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. ނަމަވެސް ކައިރީގައި ހުރި ހައެއްކަ ރުށް ވަނީ ވެއްޓިފައި،" ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ އެހާ ޒަމާންވީ ގަހެއް ވެއްޓުމުން، އެކަން އެންވަޔަރަމަންޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ތ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާާރާއިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް 24 އަޑި އިރުވެސް އެސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް އެއިދާާރާއިން ބުނެއެވެ.

އަދި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގަމުންދާ އިރު މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް