ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އަރަބި ބާރުތައް ތިބީ ގަތަރަށް ދޫދޭގޮތަކަށް ނޫން

ދަވްޙާ (ޖުލައި 2): ގަތަރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އަލުން މުރާޖަޢާ ނުކުރާނެކަމަށާއި ގަތަރަށް އޮތީ އެ ހުށަހެޅުންތައް ގަބޫލުކުރުން، ނޫނީ ދަތިކުރުމުގެ ވަރަށް ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލުންކަމަށް އެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުން ހާމަކޮށްފިއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ގަތަރަށް އޮތީ ހުށަހެޅުންތައް ގަބޫލުކުރުން ނޫނީ ދަތިކުރުމުގެ ވަރަށް ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލުން ކަމުގައެވެ. އަދި ހުށަހެޅުންތައް ގަބޫލުނުކުރާނަމަ ގަތަރާއެކު ވާހަކަ ދެއްކުންނެތްކަމަށްވެސް ޖުބައިރު ވިދާޅުވިއެވެ.

ސައޫދީ ރަސްމީ މީޑިޔާއިންވަނީ ސުންގަޑި ހަމަވާއިރަށް ހުށަހެޅުންތަކަށް ގަތަރުން އިޖާބަ ނުދީފިނަމަ ސައޫދީން ގަތަރަށް ފޯރުކޮށްދޭ އިލެކްޓްރިކް ކަރަންޓް ކަނޑާލައި ސައޫދީ ބެންކްތަކުގައިވާ ގަތަރުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ބޭންކް ޑިޕޮޒިޓްތައް ފްރީޒްކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ މިސްރުގެ ރަސްމީ މީޑީޔާއިންވަނީ ގަތަރާދެކޮޅަށް އަސްކަރީ ފިޔަވަޅުއަޅަންޖެހުމަކީވެސް އޮތް އިޚްތިޔާރެއްކަމަށްބުނެ އެގައުމަށް ނުސީދާ އިންޒާރެއް ދީފައެވެ.

ޔޫއޭއީގެ ރަސްމީ މީޑިޔާއިން ވަނީ ގަތަރުގެ ބޭންކްތަކުގައިވާ ޔޫއޭއީގެ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ އެބޭންކްތަކުން ނަގައި އަދި ޔޫއޭއީގެ ބޭންކްތަކުގައިވާ ގަތަރުގެ ޑިޕޮޒިޓްތައް ފްރީޒް ކުރާނެކަމުގެ އިންޒާރު ދީފައެވެ.

ގަތަރަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު އެގައުމުން މުއާމަލާތް ކުރާގޮތާމެދު މަޝްވަރާ ކުރުމަށްޓަކައި ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުގެ މަސްއޫލުވެރިން ހޯމަ ދުވަހު އަބޫދަބީގައި ބައްދަލުކުރައްވާ ގޮތަށް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހަތަރު ގައުމު ގުޅިގެން ގަތަރާދެކޮޅަށް އަސްކަރީ ބާރެއް އެކުލަވާލުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިހަތަރު ގައުމުން ގަތަރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ގަބޫލުނުކުރާކަން އެގައުމުގެ މަސްއޫލުވެރިން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ގަތަރުން ލިޔުމުން ކުވައިތު މެދުވެރިކޮށް އެހަތަރު ގައުމަށް އަދި ޖަވާބެއް ނުދެއެވެ. ސައޫދީ، ޔޫއޭއީ ބަހްރައިން އަދި މިސްރުން ގަތަރަށް ތޭރަކަމެއް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ގަތަރުގެ އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރުމާއި އަލްޖަޒީރާ ޓީވީން ފޮނުވި ޚަބަރުތަކާއި ރިޕޯޓްތަކާއި ޕްރޮގްރާމްތަކުން އެގައުމުތަކަށް ގެއްލުންވި ކަމަށްބުނެ އެކަމަށް އެތަށް ބިލިޔަން ޑޮލަރެއްގެ ބަދަލެއް ދިނުންވެސް ހިމެނެއެވެ.

މީގެއިތުރުން ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުންވެސް މިޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް އައިއެސް އާއި ސޫރިޔާއާއި ލީބިޔާއާއި އިރާގުގެ ހަނގުރާމަތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމުތަކުގެ ތެރޭގައި ގަތަރުގެ އިތުރުން ސައޫދީއާއި ޔޫއޭއީ ވެސް ހިމެނެއެވެ. އަދި އަލްގާއިދާގައި ގިނައީވެސް ސައޫދީ ރައްޔިތުންނެވެ. އަދި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ އިނގިރޭސިވިލާތުގެ ރައްޔިތުންކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް