ދޮގެއް ހެދެން އޮއްވައި އެމްޑީޕީން ތެދެއް ނުހަދާނެ: މުއިއްޒު

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްވެރިންނަކީ ތެދުވެރިކަން ނެތް ބައެއް ކަމަށާއި، ދޮގެއް ހެދެން އޮއްވައި ދެތެއް އެބޭފުޅުން ނުހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމްޑީޕީއަކީ ތެދުވެރިކަމުގެ ވައްޓަފާޅިއެއް އޮތް ބައެއް ނޫން ކަމަށެވެ.

ެ"ތެދުވެރިކަމަކީ އެބޭފުޅުންގެ ތެރޭގައި ނެތް ކަމެއް. އަޅުގަނޑުމެންނަށް ފެނިގެން ގޮސްފަ އޮތް އަޅުގަނޑަށް ވެސް ހަމަ ފެނިފަ އޮތް ތަނުގައި އެމްޑީޕީގެ އިސްވެރިން، ހަމަ އޭރުގައި ވެސް ވިދާޅުވެފައި ހުރި ކަންކަމަށް ބަލާއިރުގަ އެ ބޭފުޅުންގެ ފަލްސަފާއަކީ، ދޮގެއް ހެދެން އޮވެއްޖެއްޔަކާ ތެދެއް ނުހަދާނޭ. ކޮންމެ ގޮތެއް ހަދާފައި ވެސް ފުރަތަމަ ވެސް ދޮގެއް ހެދޭތޯ ބަލާނީ،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ދުވަހުގެ ތެރޭގައި މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވައުދުވާނަމަ އެ ވައުދެއް ފުއްދުމުގެ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ، ތެދުވެރިކަމެއް ނެތް ބައެއް ކަމަށާއި، އެމްޑީޕީން ވައުދުވަނީ ވައުދު ފުއްދަން ނޫން ކަމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ތިން އަހަރު ދުވަހަކީ ހައުސިން ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހާސިލް ކުރެވިދާނެ މުއްދަތެއް ކަމަށާއި، ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން އެންމެ ހައުސިން ޔުނިޓެއް ވެސް އިމާރާތްކޮށް ރައްޔިތުންނާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެމްޑީޕީން އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރުމުން 2011 ވަނަ އަހަރު އެތައް ހާސް މީހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެއްވި ކަމަށެވެ. އަދި މިއަދު ވެސް ފެނިގެން ދަނީ އެމްޑީޕީއަށް ވާގިވެރިވެ ފަންޑު ކުރަން ތިބީ އިސްލާމް ދީނާ ދެކޮޅު ފަރާތްތައް ކަމަށް ބުނެ މުއިއްޒު ވަނީ ފާޑުވިދާޅުވެފަ އެވެ.

މިިނިސްޓަރުގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ ލާދީނީ ވާހަކަ އެންމެ ބޮޑަށް ދެއްކީ އަދާލަތު ޕާޓީން ކަމަށާއި، ނަމަވެސް މިހާރު ފެނިގެން ދަނީ އަދާލަތުން ވެސް އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުންދާތަން ކަމަށެވެ. ނަމަވެސް އަދާލަތުން އެމްޑީޕީއާއެކު މަސައްކަތް ކުރަމުންދާތަން މިހާރު ފެންނަނީ، އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުނު ގިނަ ބަޔަކު އެ ޕާޓީން ވަކި ވުމުން ކަމަށެވެ. އެގޮތުން އިތުބާރު ކުރެވޭ ހުރިހާ ޝެއިހުން ވެސް އެ ޕާޓީން ވަކިވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އަދާލަތުން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަމުންދަނީ އެެއްވެސް ހާލަތެއްގައި ދީނީ ވިސްނުމެއްގައި ނޫން ކަމަށާއި، އަމިއްލަ ފައިދާއަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، އެމްޑީޕީގެ ވެރިކަމުގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ވެސް ވަނީ އަޅާ ނުލުމުގެ ސަބަބުން ހީނަރުވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން އެ ދެ ދާއިރާ އާއި އެހެނިހެން ދާއިރާތަކަށް ވެސް ވަރަށް ބޮޑެތި ކުރި އެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް