ހިއުމަން ޓްރެފިކިން ހުއްޓުވުމުގައި ސަރުކާރުން ވަނީ ކުރިއެރުން ހޯދާފައި: އިމިގްރޭޝަން

ލޯކަލް މާރުކޭޓު ސަރަހައްދުގައި އިމިގްރޭޝަންގެ އޮފިސަރަކާއި ފުލުހަކު ބިދޭސީއަކާ ސުވާލުކުރަނީ -- ސަން ފައިލް ފޮޓޯ

ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ގާނޫނާ ޚިލާފަށް ބިދޭސީން ރާއްޖެ އެތެރެކޮށް ހިއުމަން ޓްރެފިކިންއަށް ސަރުކާރުން ޖާގަދޭ ކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނާ ގުޅިގެން "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ އެމްޑީޕީން ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ޚަލީލް ވިދާޅުވީ ސަރުކާރުން ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރޭ ޓްރެފިކިން އިން ޕާސަންސް ރިޕޯޓް (ޓީއައިޕީ) އިން ވެސް ސާބިތުވާން އޮތް ކަމަށެވެ.

"ވޭތުވެ ދިޔަ ދެ އަހަރު އަޅުގަނޑުމެން މިއޮތީ ޓަޔާ 2 ވޮޗް ލިސްޓުގައި. އޭގެ މާނަ އަކީ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރާ ކަމަށް އެ އޮންނަނީ. މިއަހަރު މިއޮތީ ޓަޔާ 2 ގަ. އެއީ އެއް ދަރަޖައިގެ ކުރިއެރުމެއް. ޓަޔާ 2 ގެ މާނައަކީ ހިއުމަން ޓެރެފިކިން ހުއްޓުވުމަށް އެދެވޭ މަސައްކަތް ކުރަމުންދާކަން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ރިޕޯޓުގައި މައިގަނޑު ތިން ކަމެއް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހިއުމަން ޓްރެފިކް ކުރާ ކުށްވެރިންނަށް ސަރުކާރުން އަދަބު ދޭކަމަށް ފާހަކޮށްފައިވާއިރު، އެކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ބިދޭސީއަކު ރާއްޖެ އަންނަ ނަމަ ބޭރުގައި ހުންނަ އޭޖެންޓު އިމިގްރޭޝަންގެ ސިސްޓަމުގައި ރެޖިސްޓާ ކުރެވޭނެ ކަމަށާއި، އެކަންކަން ބެލެހެއްޓޭނެ ނިޒާމެއް ވަނީ ގާއިމްކޮށްފައި ކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި ކަމަށާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ލަފާގެ މަތިން ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެކަންކަން އިސްލާހު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް