'ދަންގަލް' އިން 2000 ކުރޯޑް ހޯދައިފި

އާމިރު ހާން: ދަންގަލް' އިން 2000 ކުރޯރުގެ އާމްދަނީ އެއް ވަނީ ހޯދާފަ--

މިހާރު ޗައިނާގައި ދައްކަމުން އަންނަ ސުޕަސްޓާ އާމިރު ޚާންގެ ކާމިޔާބު ފިލްމު 'ދަންގަލް' އިން 2000 ކުރޯޑްގެ އާމްދަނީ އެއް ހޯދައި، ޗައިނާގައި ހޮލީވުޑް ފިލްމުތަކާ އެއް ރޭހަކަށް އަރައިފި އެވެ.

މިއީ މީގެ ކުރިން ހިންދީ ފިލްމަކަށް ލިބިފައިނުވާ ވަރުގެ ބޮޑު އާމްދަނީއެކެވެ. 'ދަންގަލް' އަށް 2000 ކުރޯޑްގެ އާމްދަނީއެއް ލިބިފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުން، ހޯމަ ދުވަހު އެ ފިލްމަށް ވަނީ 2.5 ކުރޯރު (390،000 އެމެރިކާ ޑޮލަރު) ލިބިފަ އެވެ.

'ދަންގަލް' އިން 2000 ކުރޯޑް ހޯދާފައި ވާއިރު، އިތުރު ހިންދީ ފިލްމަކަށް އެއާ ކައިރިކުރާ އަދަދަކަށް ވެސް އާމްދަނީ ލިބިފައެއް ނުވެ އެވެ. އެހެންކަމުން ޗައިނާގައި ފިލްމު މިހާރު ވާދަކުރަމުން އަންނަނީ ހޮލީވުޑް ފިލްމުތަކާ އެވެ.

ދަންގަލް އިން ވަނީ ޗައިނާގައި ހޮލީވުޑް ފިލްމުތައް ކަމުގައިވާ 'ކެޕްޓަން އެމެރިކާ' އަދި 'ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް'، 'ޓްރާންސްފޯމަރޒް: ޑާކް އޮފް ދަ މޫން'، 'ދަ ޖަންގްލް ބުކް' ފަދަ ފިލްމުތަކުގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.

ޗައިނާގައި ފިލްމު ދައްކަން ލިބިފައިވާ މުއްދަތު ހަމަވުމުގެ ކުރިން 'ޖުރޭސިކް ވޯލްޑް' ފަދަ ފިލްމުތަކަށް ވުރެ ކުރި ހޯދުމުގެ ފުރުސަތެއް ނެތެވެ. އެހެން ނަމަވެސް ނިތޭޝް ތިވާރީގެ 'ދަންގަލް' އިން މިހާރު ވެސް ވަނީ ގިނަ ރެކޯޑުތަކެއް ހަދައިފަ އެވެ.

މިދިޔަ ޑިސެމްބަރުގައި ރިލީޒް ކުރި 'ދަންގަލް' އިން ވަނީ އިންޑިއާ އާއި އެހެނިހެން ކަންކޮޅުތަކުން 745 ކުރޯރުގެ އާމްދަނީއެއް ހޯދައިފަ އެވެ. ފިލްމު 2000 ކުރޯޑަށް ދިޔައީ ޗައިނާގައި ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުންނެވެ.

ދަންގަލް އަށް ފަހު ޗައިނާގައި ދެން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 'ބާހޫބަލީ 2' އަދި ސަލްމާން ޚާންގެ 'ސުލްތާން' އާއި 'ޓިއުބްލައިޓް' އެވެ.

comment ކޮމެންޓް