ހެރީ ޕޮޓާ އަށް 20 އަހަރު- އެއީ ޖޭކޭ ރޯލިންގެ ހަޔާތް ބަދަލުކޮށްލި ދުވަސް!

"ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" އެންމެ ފުރަތަމަ ޝާއިއުކޮށްފައި ވަނީ، 26 ޖޫން 1997ގައި

ފުރާވަރުގެ ފިރިހެން ކުއްޖެގެ ޖާދޫގެ "ސިހުރު"ގައި ދުނިޔޭގެ އެތަކެއް މިލިއަން ބަޔަކު ޖެހުނުތާ މިވަނީ 20 އަހަރު ފުރިފައެވެ. ޖާދޫގެ ވާހަކަައިގެ ދުނިޔެއަށް އިންގިލާބެއް ގެނައި މަޝްހޫރު އިނގިރޭސި ވާހަކަ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" އެންމެ ފުރަތަމަ ޝާއިއުކޮށްފައި ވަނީ، 26 ޖޫން 1997 ވަނަ ދުވަހު އެވެ.

ހެރީޕޮޓާގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ވާހަކައިގެ މުސައްނިފް، ޖޭކޭ ރޯލިންގ ހޯމަ ދުވަހު ވަނީ، އޭނާގެ ފޭނުންނަށް ޝުކުރުގެ މެސެޖެއް ޓުވީޓްކޮށްފައެވެ.

ހެރީ ޕޮޓާގެ ޖާދޫން ފުރިގެންވީ ދަތުރުގައި އެތަކެއް މިލިއަން ކިޔުންތެރީން ޖެހި ތާށިވެފައިވާ އިރު، ޖޭކޭ ރޯލިންގް ވަނީ މީގެ 20 އަހަރު ކުރީން އޭނާގެ މުޅި ދިރިއުޅުންވެސް މި ވާހަކައިގެ ސަބަބުން ބަދަލުކޮށްލިކަން އަސަރާ އެކު ފާހަގަކޮށްފައެވެ.

"މީގެ 20 އަހަރު ކުރީން އަހަރެން އެކަނިމާއެކަނި ދިރިއުޅެމުން ދިޔަ ދުނިޔެ ވަނީ ކުއްލިއަކަށް އެންމެނަށް ހުޅުވިގެން ގޮސްފައި،" ހެރީ ޕޮޓާގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖޭކޭ ރޯލިން ކުރި ޓްވީޓުގައިވެ އެވެ.

ހެރީޕޮޓާ ވާހަކައިގެ މުސައްނިފް، ޖޭކޭ ރޯލިންގް ވަނީ، އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައި --

އޭނާ ބުނީ، ހެރީ ޕޮޓާ ސީރީޒަށް އޭގެ ކިޔުންތެރީންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ކަމަށާއި އެ ހުރިހާ ފަރާތްތަކަށް އަބަދު ވެސް ޝުކުރުއަދާކުރާ ކަމަށެވެ.

ތަފާތު ހާދިސާތަކާ ގުޅިގެން، ހަޔާތުގެ ކުރީކޮޅުގައި ވަރަށް ހިތްދަތި ދުވަސްތަކެއް ތަހައްމަލުކޮށްފައިވާ ރޯލިން ވަނީ ހެރީ ޕޮޓާގެ ސަބަބުން މިލިއަނަރަކަށް ވެފައެވެ.

"ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފަސް ސްޓޯން"، 1997 ވަނަ އަހަރުގެ ޖޫން 26ގައި އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ރިލީޒްކުރި ނަމަވެސް، އޭގެ ތިން މަސް ފަހުން ވަނީ، "ހެރީ ޕޮޓާ އެންޑް ދަ ސޯސަރާސް ސްޓޯން"އަށް ނަން ބަދަލުކޮށްފަ އެވެ. އަދި 1998 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ވަނީ އެ ފޮތް އެމެރިކާގެ ބާޒާރަށް ނެރެފައެވެ.

ހެރީ ޕޮޓާ ސީރީޒްގެ ފުރަތަމަ ފޮތް ނެރުނުތާ 10 އަހަރުފަހުން ވަނީ، އޭގެ އެންމެ ފަހު ވާހަކަ ޝާއިއުކޮށްފަ އެވެ. ދިހަ އަހަރު ތެރޭގައި ހެރީ ޕޮޓާ ސީރީޒްގެ ހަތް ވާހަކަ ނެރެފައިވާ އިރު އެ ސީރީޒްގެ އެންމެ ފަހު ވާހަކަ "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހަލޯސް" ޝާއިއުކުރީ 21 ޖުލައި 2007 އެވެ.

comment ކޮމެންޓް