ޕްރިޔަންކާގެ ހޮލީވުޑް ފިލްމު 'ރީސެޓް'އިން އޮލަންޑޯ ބްލޫމް ވަކިވެއްޖެ

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޮލަންޑޯ ބްލޫމް--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މުހިންމު ރޯލަކުން ފެންނާނެ ހޮލީވުޑްގެ ސަވައިވަލް ތްރިލާ ފިލްމު "ރީސެޓް" އިން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އޮލަންޑޯ ބްލޫމް ވަކިވެއްޖެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމުގެ އެކްޓަރެއްގެ އިތުރުން ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން ދިޔަ ބްލޫމް ވަނީ، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގެ ގިނަ ކަންކަމުގައި ބައިވެރިވެފައެވެ.

އެގޮތުން އޭނާގެ 'އެމޭޒިންގް އައުލް' ބެނާ އާއި ޕްރިޔަންކާގެ 'ޕާޕަލް ޕެބަލް ޕިކްޗާސް' ގުޅިގެން މި ފިލްމު ޕްރޮޑިއުސް ކުރުމަށް އޮތީ ނިންމައިފައެވެ. ނަމަވެސް ޓީއެމްޒީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝޫޓިން ފެށުމަށް ކުޑަތަންވެފައި ވަނިކޮށް އޭނާ ވަނީ ކުއްލި ގޮތަކަށް މި ފިލްމު ދޫކޮށްލާފައެވެ.

ފިލްމު ފެށެން ވަރަށް ކައިރިވެފައި ވަނިކޮށް ބްލޫމް ވަކިވުމާ ގުޅިގެން، ކާސްޓުންނާއި ކްރޫއިންގެ މެދުގައި ނުރުހުން އުފެދިފައިވާ ކަމަށް ވެއެވެ. ސަބަބަކީ، މިނިވަންކަމާ އެކު އުފައްދަން ނިންމާފައިވާ މިފަދަ ފިލްމަކަށް ފަންޑު ހޯދުމަށާއި ބައިނަލްއަގުވާމީ މާކެޓްގައި ޑިސްޓްރިބިއުޓަރުން ހޯދުމުގައި، ޕްރިޔަންކާ އާއި ބްލޫމް ފަދަ ނުފޫޒުގަދަ ތަރިންގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރާތީއެވެ.

ބްލޫމް މަޝްހޫރު ފިލްމު "ދަ ލޯޑްސް އޮފް ދަ ރިންގްސް"ގެ ޓްރިލޮޖީގެ މަންޒަރެއްގައި--ފޮޓޯ/ވެރައިޓީ

ރިޕޯޓްތައް ބުނާ ގޮތުގައި، ބްލޫމްގެ ބަދަލުގައި އެ ރޯލު އަދާކުރާނެ އެކްޓަރަކު ހޯދުމަށް މިހާރު ދަނީ ތިން ތަރިއަކާ އެކު މަޝްވަރާ ކުރަމުންނެވެ. އަދި ތާވަލާ އެއްގޮތަށް ޝޫޓިން ކުރިއަށް ގެންދިއުމަށްޓަކައި، ވަރަށް އަވަހަށް އާ އެކްޓަރަކު ހަމަޖައްސާނެއެވެ.

ދެހާސްވިހި ވަނަ އަހަރު ނެރުނު "ވައިލްޑް ފްލާވާ"އިން ބެލުންތެރިންގެ ސަމާލުކަން ހޯދި މެޓް ސްމަކްލާ ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، ދުނިޔެއާ ވަކިން އެކަހެރި ސަރަހައްދަކަށް ދެވުނު ގޮތެއް ނޭނގި ހާލުގައި ޖެހިފައިވާ އަންހެނަކު އެތަނުން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.

އެ ސަރަހައްދުން ސަލާމަތްވުމަށް އޭނާއަށް މަޖުބޫރުވަނީ އެތަނުން ދިމާވާ ބީރައްޓެހި ފިރިހެނެއްގެ އެހީތެރިކަން ހޯދުމަށެވެ. ނަމަވެސް ވަގުތު ފާއިތުވަމުންދާ ވަރަކަށް، އެ މީހާއަކީ އިތުބާރު ހުރި މީހެއްތޯ އޭނާގެ ހިތުގައި ބޮޑެތި ޝައްކުތަކެއް އުފެދެއެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ 'ފްރެޓްރިސައިޑަލް ފިލްމްސް'ގެ ފަރާތުން ޖޯން ހޫބާ އާއި އެރިކް ހޫބާ، 'ކެމިކަލީ އޮލްޓާޑް'ގެ ފަރާތުން މައިކަލް ލަޒަރޮވިޗް އަދި 'ރޯޑްސް އެންޓަޓެއިންމަންޓް'ގެ ފަރާތުން މެތިއު ރޯޑްސްއެވެ. އަދި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ނަދީން ޑި ބަރޯސްއެވެ.

comment ކޮމެންޓް