އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ހައްޖުވެރިންނަށާއި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ބައިތަކެއް ހިމަނަން ހަމަޖައްސައިފިއެވެ.
ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޓްރެވަލް އިންޑަސްޓްރީ ތަމްސީލު ކުރާ ފެއާއެވެ. އެ ފެއާގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބޭރު މީހުންނަށް ރާއްޖެއާއި ރާއްޖެ ކައިރި ގައުމުތަކުގައި ހުރި ހޮލިޑޭ އޮޕްޝަންސްތައް ތަމްސީލު ކުރުމެވެ. އަދި ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އަދި ރިސޯޓުތަކުގެ ޕްރޮޑަކްޓުތައް ދައްކާލުމަކީވެސް އެ މައުރަޒުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއަހަރުގެ މައުރަޒުގައި މެޑިކަލް ޓޫރިޒަމް ހިމެނިގެންދާއިރު މެޑިކަލް ޓޫރިޒަމަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކުން ޕްރޮމޯޓު ކުރަމުން އަންނަ ބައެކެވެ. ޗުއްޓީއަށް ބޭރު ގައުމުތަކަށް ދާއިރު ވަރަށް ގިނައިން ހެލްތް ޗެކަޕް ހަދާއިރު، މި އެކްސްޕޯއިން އެފަދަ ފަރާތްތަކަށް ޚާއްސަ އަގުތަކެއްގައި ކުރިން ބުކިން ހެދޭނެއެވެ. އަދި ކޮންޓެކްޓް ޕޮއިންޓެއްވެސް ގާއިމް ކުރެވޭނެއެވެ.
ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު "ސަން" އަށް ވިދާޅުވި ގޮތުގައި މިއަހަރުގެ މައުރަޒުގައި ލަންކާ ހޮސްޕިޓަލުންނާއި ޑާޑެންސް އަދި ބެންކޮކް ހޮސްޕިޓަލްސް އިން ވަނީ މިހާރު އެ މައުރަޒުގައި ބައިވެރިވާން ނިންމާފައެވެ.
ދިވެހިންނަކީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ވަރަށް ގިނައިން ދަތުރު ކުރާ ބައެކެވެ. އެންމެ ފަހުން އެމްއެމްއޭއިން ކުރި ސާވޭއިން ދައްކާ ގޮތުގައި ބޭރަށް ދާ ދިވެހިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭސް ފަރުވާއަށެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކުރަނީ ޗުއްޓީ ހޭދަ ކުރުމަށެވެ.
ވެކޭޝަންސް އެކްސްޕޯގެ މިއަހަރުގެ މައުރަޒު ތަފާތު ވަނީ މެޑިކަލް ބޮޑެތި ބްރޭންޑުތައް ބައިވެރިވާތީއެވެ. ޗުއްޓީ ދަތުރުތަކުގައި އާއިލާގެ މެމްބަރުންގެ ހެލްތް ޗެކަޕް ހެދުމާއި ދުޅަހެޔޮކޮށް ތިބުމަށް އެންމެންވެސް އިސްކަމެއް ދެއެވެ. އެގޮތުން އިންޑިއާއާއި ލަންކާއާއި ބެންކޮކް، ސިންގަޕޯ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ދިވެހިން ފަރުވާ ހޯދައެވެ.
މިފަހަރުގެ އެކްސްޕޯގައި ޑާޑެންސްއާއި ލަންކާ ހޮސްޕިޓަލްސް އަދި ބެންކޮކް ހޮސްޕިޓަލްސްއިން ބައިވެރިވާއިރު އެ ހޮސްޕިޓަލުތަކުން ވަނީ އެތަންތަނުން އިންޓަނޭޝަނަލް ޕޭޝަންޓުންނަށް ހުރި ޚިދުމަތްތައް ތަމްސީލް ކުރުމަށް ހަމަޖައްސާފައެވެ.
މެޑިކަލް ޓޫރިޒަމްގެ އިތުރުން އެ މައުރަޒުގައި ދެން އެންމެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ހައްޖު އަދި އުމުރާ ޚިދުމަތް ދޭ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި މުސާފިރީން އިންވެސް ބައިވެރިވެފައިވުމެވެ.
އެ ދެ ކުންފުނިން އެކްސްޕޯގެ ތެރޭގައި ޗުއްޓީ ދުވަސްވަރު އަޅުކަމުގެ ދަތުރުތައް ރޭވުމާ ބެހޭ މައުލޫމާތު ދޭނެއެވެ.
މިއަހަރުގެ ވެކޭޝަންސް އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލެރީގައެވެ. މިއަހަރުގެ މައުރަޒު ވަނީ މަޓާޓޯއާއި އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފައެވެ.