އައިއެސް ޖަމާއަތުން ގާއިމްކުރި "ޚިލާފަތު" އެންމެފަހުން ފުނޑުފުނޑުވެ ބިމާހަމަވަނީ

މޫސަލް ސިޓީ

އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތުން ގާއިމްކުރި "ޚިލާފަތުގެ ދައުލަތް" ފުނޑުފުނޑުވެ ބިމާހަމަވަމުންދާއިރު އެޖަމާއަތުގެ ވަކިތަކުން މޫސަލް މިނިވަންކުރެވުނުކަން އިއުލާން ކުރުމަށް އިރާގުން ތައްޔާރުވާން ފަށައިފިއެވެ.

އިރާގުގެ ރަސްމީ ޓީވީން ބުނީ މޫސަލްގެ ގަދީމީ ސިޓީގައި އިރާގު ސިފައިން ދޭ ހަމަލާތަކުން ސަލާމަތް ވުމަށް އިންސާނީ އައްޑަނައިގެ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ބޭނުންކުރަމުން ގެންދިޔަ އެތަށް ހާސް އަންހެނުންނާއި ކުޑަކުދިން ހުކުރުދުވަހާއި ހޮނިހިރު ދުވަހު މިނިވަންކޮށްފައިވާ ކަމަށާއި މިހާރު ހަނގުރާމަ ހިނގަމުންދަނީ ގެތަކުގެ އެތެރޭގައި ފިލައިތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށެވެ. މިގޮތުން އައިއެސްގެ ހަނގުރާމަވެރިންނަށް އޮތީ އަމާންދިނުން ނޫނީ މަރުވުންކަމަށް އިރާގު ސިފައިން ބުނެއެވެ.

އިންސާނީ އައްޑަނައިގެ ގޮތުގައި އައިއެސްގެ ހަނގުރާމަވެރިން ބޭނުންކުރި އިރާގުގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކުވަނީ މޫސަލްގެ ގަދީމީ ސިޓީގައި މަރުވެ އެމީހުންގެ ހަށިތައް ކުނިވެފައެވެ. ހުކުރުދުވަހާއި ހޮނިހިރު ދުވަހު އިރާގު ސިފައިންވަނީ އައިއެސްގެ އެތަށް ހާސްބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ. އަދި މަރުވެފައިވާ އައިއެސްގެ އެތަށް ސަތޭކަ ބައެއްގެ ކުނިވެފައިވާ ހަށިތައްވެސްވަނީ އެއްތަނަކަށް ޖަމާކޮށް ވަޅުލާފައެވެ.

އިރާގު ސިފައިންގެ ކޮމާންޑަރަކު ވިދާޅުވީ މޫސަލްގެ ގަދީމީ ސިޓީ ފިޔަވައި އެސިޓީގެ އެހެން އެއްވެސް ތަނެއްގައި އައިއެސްގެ ހަނގުރާމަވެރިން މިހާރު ނެތްކަމަށާ ގަދީމީ ސިޓީގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ފިލޭނެ އެއްވެސް މަގެއް ނޯންނާނެކަމުގައެވެ. މޫސަލް މިނިވަންކުރުމުގެ ހަނގުރާމައަށް ނުވަމަސްވެފައިވާއިރު އެހަނގުރާމަވަނީ އިރާގު ސިފައިން ޕްލޭންކުރި ވަރަށްވުރެ ފަސްމަސް ދިގުލާފައެވެ. އައިއެސް އިންވަނީ މޫސަލްގައި އިރާގު ސިފައިންނަށާއި އެސިޓީގެ އާންމުންނަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއްދީފައެވެ.

މޫސަލް މިނިވަންކުރެވިއްޖެކަން މިފެށޭ ހަފްތާ ނިމުމުގެ ކުރިން އިޢްލާން ކުރެވުން އެކަށީގެންވާކަމަށް އިރާގުގެ ބައެއް ކޮމާންޑަރުން ވިދާޅުވެއެވެ. މޫސަލްގެ ހަނގުރާމައިގާ އައިއެސްގެ ދިހަވަރަކަށް ހާސްމީހުން މަރުވެފައިވާކަމަށް ބެލެވޭއިރު އިރާގު ސިފައިންގެ އަށް ހާސްމީހުންނާއި އިރާގުގެ އާންމުންގެ އެތަށް ހާސްބަޔަކުވެސްވަނީ މަރުވެފައެވެ.

އައިއެސް އިން ދެހާސް ސާދަވަނަ އަހަރު "ޚިލާފަތުގެ ދައުލަތް" އިޢްލާންކުރީ މޫސަލް އިންނެވެ. މޫސަލް ގާތްގަނޑަކަށް އިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ދިޔުމާއެކު އައިއެސްގެ ހަނގުރާމަވެރިންވަނީ ޚިލާފަތު އިޢްލާންކުރި ނޫރީ މިސްކިތުގެ ގުއްބާއި މުންނާރުވެސް ގޮއްވާލާފައެވެ. މިއީ މީގެ އައްސަތޭކަ ވަރަކަށް އަހަރު ކުރިން އިރާގާއި ސޫރިޔާގައި އޮތް ޒަންކީ ދައިލަތުގެ ޚަލީފާ ނުރައްދީން ޒަންކީ ބިނާކުރެއްވި ތާރީޚީ މުންނާރެކެވެ. "ޚިލާފަތުގެ ދައުލަތް" އިޢްލާންކުރި މިސްކިތް އައިއެސް އިން ގޮއްވާލުމަކީ ޚިލާފަތު ވެއްޓިގެންދިޔަކަން އައިއެސްއިން ގަބޫލުކުރުންކަމަށް އިރާގުންވަނީ ސިފަކޮށްފައެވެ.

އަނެއްކޮޅުން ސޫރިޔާގައިވާ އައިއެސްގެ ވެރިރަށް އައްރިއްގާ މިނިވަންކުރުމުގެ ހަނގުރާމަވެސް ކުރުދީ ހަނގުރާމަވެރިން ގެންދަނީ ކުރަމުންނެވެ. މިހަނގުރާމައިގާ އައިއެސްގެ ބާރުތައް އިނދަޖެހެމުންދާލެއް މާއަވަސްކަމަށް ރިޕޯޓްތައް ބުނެއެވެ. ރަޝިޔާއިން އިއްޔެވަނީ އައިއެސްގެ ހަނގުރާމަވެރިން ދިރިއުޅޭ އިމާރާތަކަށް ކްރޫޒް މިސައިލުން ހަމަލާތަކެއްދީފައެވެ. މިހަމަލާތައްދިނީ މެޑިޓަރޭނިޔަން ކަނޑުގައިވާ ރަޝިޔާގެ މަނަވަރަކުންނެވެ.

އައްރިއްގާއާއި މޫސަލް މިނިވަން ވުމުން އިރާގާއި ސޫރިޔާއިން އައިއެސްގެ ބާރު ގާތްގަނޑަކަށް ކެނޑުނީއެވެ. ދެހާސް ސާދަވަނަ އަހަރު އައިއެސްއިން ޚިލާފަތު އިޢްލާން ކުރިއިރު ސޫރިޔާގެ ބިމުގެ ފަންސަވީސް އިންސައްތައާއި އިރާގުގެ ބިމުގެ ސާޅީސް އިންސައްތަ އޮތީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް އިރާގުގެ ހަތަރެއް އިންސައްތަ ބިމުގައިވެސް މިހާރު އައިއެސްގެ ކޮންޓްރޯލް ނެތެވެ.

ބައެއް ގައުމުތަކުން ސިއްރިޔާތުގައި އައިއެސް އަށް ފޯރުކޮށްދޭ ހަތިޔާރާއި ފައިސާގެ ސަބަބުން ދެހާސް ސާދަވަނަ އަހަރާއި ފަނަރަވަނަ އަހަރު އައިއެސްގެ ބާރުތައް އާދަޔާ ޚިލާފަށް ކުރިއަރައި ހަނގުރާމަތަކުގައި ކާމިޔާބީ ހޯދަމުންދިޔަ މިންވަރުން އައިއެސް އަކީ އިލާހީ މަދަދު ލިބޭ ހައްގުގައިވާ ޖަމާއަތެއްކަމަށް އީމާންކަން ބަލިކަށި ބައެއް މީހުންނަށް ހީވެގެން ދިޔައެވެ. ނަމަވެސް އައިއެސް އިން ކުރިއަރަމުން ދިޔައީ ސިޔާސީ މަގްސަދުތައް ޙާސިލްކުރުމަށްޓަކައި އަރަބި އެތަށް ގައުމަކުންނާއި ތުރުކީން އައިއެސްއަށް ވަމުންދިޔަ އެހީތެރިކަމުގެ ސަބަބުންނެވެ.

އެއްކޮޅުން އައިއެސް އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށްފައި އަނެއްކޮޅުން ދިޔައީ އެގައުމުތަކުގެ އަމިއްލަ ސިޔާސީ މަގްސަދުތައް ޙާސިލްކުރުމަށްޓަކައި އައިއެސްގެ ފައުޖުތަކަށް އެހީތެރިވަމުންނެވެ. ގަލްފަށް ބަލާއިރު ކުވައިތާއި އޮމާން ފިޔަވައި ގަލްފުގެ އެހެން ހުރިހާ އަރަބި ގައުމުތަކުން ގެންދިޔައީ ސީދާގޮތުންނާއި ނުސީދާ ގޮތުން އައިއެސް އަށް އެހީތެރިވަމުންނެވެ. މިއަދު މިކަން ހަމައެކަނި ގަތަރުގެ ބޮލުގައި އެޅުވިޔަސް މިއީ ގަލްފުގެ އެހެން އަރަބި ގައުމުތަކުން ވެސް ކުރަމުން ގެންދިޔަ ކަމެކެވެ. ޚާއްސަކޮށް މާލީ ގޮތުންނެވެ.

އައިއެސް ގެ ހަނގުރާމަ ވެރިން ރެކްރޫޓް ކުރުމަށާއި ހަނގުރާމަވެރިންނަށް މަހަކު އެތަށް ހާސް ޑޮލަރަކުން މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިންކަމުގެ ތުހުމަތު ގަތަރުގެ އިތުރުން ގަލްފުގެ އެހެން ގައުމުތަކުގެ މައްޗަށްވެސް ކުރެވިފައިވެއެވެ. އަދި ޚުދު އެމެރިކާގެ މައްޗަށްވެސް އައިއެސްގެ މައްޗަށް ކުރެވިފައިވެއެވެ.

ނަމަވެސް މަގްސަދުތައް ހާސިލް ނުވުމާއެކު މިހާރު މިހުރިހާ ގައުމަކުން އައިއެސް އާ ދުރަށް ޖެހިލުމުން އެޖަމާއަތް މިވަނީ އިނދަޖެހިފައެވެ. ނަމަވެސް އިރާގާއި ސޫރިޔާ ފިޔަވައި އެހެން ގައުމުތަކުގައި އައިއެސް އަދި ބައްޔެއް ނުވެއެވެ. އަދި އަފްޣާނިސްތާނާއި ޕާކިސްތާނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި އައިއެސް އަދިވެސް ބަލިކައްޓެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް