އެމެރިކާއިން ޓެރެރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއްގެ އަތުން ފައިސާ ހޯދިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މީހަކު އެކަމަށް އިންކާރުކޮށް އެއީ ސަލާން ޖަހައިގެން ހޯދާފައިވާ ފައިސާ ކަމަށް ބުނެފިއެވެ.
އައިއެސްއިން ފައިސާ ހޯދައިގެން ޓެރެރިޒަމަށް ފައިނޭންސް ކުރުމުގެ އިތުރުން ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިންކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައިވަނީ, ހދ. ނޭކުރެންދޫ، ޝާޒިން، މުހައްމަދު މުނާޒްގެ މައްޗަށެވެ.
އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށާފައިވާއިރު, ދައުލަތުން ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ރިޕޯޓެއްގެ އިތުރުން ފުލުހުން އިންޓެލިޖެންސް ރިޕޯޓްތަކަށް ހުށަހަޅާފައެވެ. އެއީ ސިއްރު ރިޕޯޓްތަކެކެވެ. ނަމަވެސް ދިފާއީ ވަކީލަށް ކޯޓުގައި, އެ ރިޕޯޓްތައް ބެލުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރިޕޯޓްތައް ބިނާކޮށްފައިވަނީ 'އަބޫ ޔޫސުފް' ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަތަކެއްގެ މައްޗަށްކަން ފާހަގަކޮށް ދިފާއީ ވަކީލް ހުސްނީ މުބާރިކް ވަނީ އެ ރިޕޯޓްތައް ދެއްވުމަށް އެދިވަޑައިގަންފައެވެ. އެ ރިޕޯޓްތައް ސިއްރު ކުރުމަށް މީގެ ކުރިން އޮތީ ޝަރީއަތުން ނިންމާފައެވެ. އަދި އެ ނިންމުން މުރާޖައާ ކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ ރިޕޯޓްތަކަށް ރިއާޔަތްކޮށް ދިފާއުން ވަނީ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވާފައެވެ.
އައިއެސް މެދުވެރިކޮށް މުނާޒު ހޯދާފައިވާ ފައިސާ އޭނާއަށް ލިބިފައިވަނީ ވެސްޓާން ޔޫނިއަން މެދުވެރިކޮށްކަން ވަނީ ފާހަގަކޮށްފައެވެ. އެ ފައިސާ މުނާޒަށް ފޮނުވާފައިވަނީ އެމެރިކާގެ ކޯޓަކުން ޓެރެރިސްޓެއް ކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ އަތުން ކަމަށް ރިޕޯޓާއި ހަވާލާދީ މުބާރިކް ވިދާޅުވިއެވެ.
"ނަމަވެސް މުނާޒު ފައިސާ ހޯދާފައި އޮތީ ކިހިނެއްކަން ލިޔެކިޔުމުން ފެންނަން އެބައޮތް. ކޮން ގޮތަކުންކަން. މުނާޒުގެ ދިރިއުޅުމަށް ބޭނުންވާ ގޮތަށް އާންމުކޮށް މިކިޔާ މިންގަނޑުން ބަލާ ނަމަ ސަލާން ޖަހައިގެން ފައިސާ ހޯދުމޭ ބުނާ މިންގަނޑު ހަމަ ސޯޝަލް މީޑިއާ ތެރެއިން އެކި މީހުން ކައިރިން ފައިސާ ހޯދުމަށް ރިކުއެސްޓްކޮށްގެން އެގޮތުގެ މަތިން ހޯދާފައިހުރި ފައިސާ އެއީ," ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވި އެވެ.
އެގޮތަށް ހޯދާފައިވާ ފައިސާގެ އަދަދަށް ބަލާއިރު އެއީ ޓެރެރިސްޓް ޖަރީމާއެއް ހިންގޭނެ އަދަދެއް ނޫން ކަމަށް ވަކީލް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ, އެ ހެކިތަކަށް ބަލައި އޭނާގެ މުވައްކިލަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ނޫން ކަމަށެވެ.
"ސަހުސު އޮޅުވާލައިގެން ނުވަތަ ސިއްރުން މީހުނަށް ހަގީގަތް އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ ދައުވާއެއް އުފުލުން މާ އައުލާކަން ބޮޑު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މި ޓްރާންސެކްޝަނަށް ބަލާއިރު," ވަކީލް ވިދާޅުވިއެވެ.
ޝަރުތުތަކެއްކޮށް ބަންދުން މުނާޒު ދޫކޮށްލުމަށް ދިފާއިން އެދުނު ނަމަވެސް ގާޒީ ނިންމެވީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އަދި ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަނުން އިހުމާލުވާކަން މުނާޒު ފާހަގަކުރުމުން ގަޒީ ވަނީ އޭނާގެ ބޭސްފަރުވާގެ ކަންތައްތައް ކަށަވަރުކުރުމަށް ދައުލަތަށް އަމަރުކޮށްފައެވެ.