އައިއެސްއާ ގުޅުން އޮންނާތީ ހައްޔަރުކުރި މީހާގެ އިތުރު މައުލޫމާތު ހާމަކޮށްފި

އައިއެސްއާ ގުޅުން އޮންނަ ދިވެއްސަކު ހައްޔަރުކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހު ---

ޓެރަރިޒަމް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ ގުޅުން އޮންނަ ދިވެހި މީހާގެ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތައި ޔޫރޮޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކަގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާ ގުޅިގެން 30 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ޖަނަވަރީ މަހުގެ ހަވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ އޭނާއަކީ 2015ވަނަ އަހަރުން ފަށައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓުތައް ހަދައިގެން އައިއެސް ޖަމާއަތަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށެވެ.

އެގޮތުން، ޓެލެގްރާމް އަދި އެނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިންގ ޕްލެޓްފޯމްތަކުގައި "ސްކާރމިޝް"، "ސްކާރމިޝްކިޑް" އަދިވެސް އެހެނިހެން އެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގުރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން އޭނާ ދައުރު ކުރަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ދައުރު ކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި، ލިޔުންތައް ހުންނަނީ އެކި ޤައުމުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ގުރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ފަތުރައި، ޝާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް
ގޮވާލައި، އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި، އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުން ދިޔަކަންވެސް
ފާހަގަކުރެވިފައިވެއެވެ،" ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ފުލުހުން ބުނާ ގޮތުގައި އޭނާ ދިިރިއުޅޭ ގެ ބަލައިފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖެއިން މީގެ ކުރިން ވެސް އައިއެސްއާ ގުޅުހުން ހުރި މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އައިއެސްއާ ގުޅުމަށް ރާއްޖެއިން ބޭރަށް ދިޔަ ބައެއް މީހުންގެ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް