މިއީ ވަރަށް ތަފާތު ގޮތަކަށް އުފެދުނު ވިޔަފާރިއެއްގެ ވާހަކައެވެ.
ޕްރިންޓިންގްއާއި ޑިޒައިނުގެ ތެރޭގައި 15 އަހަރު ދުވަސް ހޭދަކުރި ވިޔަފާރިއަކުން ކުރިފަޅައިގެން އުފެދުނީ މާލޭގައި މިވަގުތު ހިންގާ އެންމެ ހިތްގައިމު، އެންމެ ރީތި އަދި އެންމެ ފެންވަރު ރަނގަޅު އެއް ކެފޭއެވެ.
"ޑިޒައިނިންގް ޓީމެއް މި އުޅެނީ، އައިލެންޑް އާޓް. ޕްރިންޓިންގް ތެރޭގައި މިހާރު 15 އަހަރު ހޭދަވެއްޖެ. އެގޮތުން ރެޓްރޯ ޑިޒައިން މިި އަންނަނީ،" އަބްދުﷲ ހަސަން ކިޔައިދިނެވެ.
ހެންވޭރު ލޮނުޒިޔާރަތްމަގުގެ އެންމެ އިރުމަތީ ކޮޅުގައި ހުންނަ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯއަކީ މާލޭގައި އެފަދަ ދެވަނަ ތަނެއް ނުވާފަދަ ކެފޭއެކެވެ. އެތައް ބައެއްގެ ތައުރީފާއި ރުހުމާއި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ހިތްތައް ވަނީ ޖަހައިގެންފައެވެ.
ރެޓްރޯ ކެފޭއިން ކަސްޓަމަރުންނަށް މަރުހަބާ ކިޔަން ފެށިތާ އަހަރެއް ވާން ގާތްވެފައިވާ އިރު، އެތަނުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ވިދާޅުވީ ކަސްޓަމަރުން ތިބެނީ އެތަނާ މެދު ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ.
މަގުބޫލުކަމާއި ލޯބި ނުލިބޭންވީ ސަބަބެއްވެސް ނެތެވެ. ރެޓްރޯގެ ގްރައުންޑް ފްލޯއަކީ ޒުވާނުން ކޮފީގައި ވަގުތު ހޭދަކޮށްލުމަށް އެންމެ ސަޅި އެއް ތަނެވެ. އަދި އެތަނުގެ އެންމެ މަތީ ފްލޯއަކީ އާއިލާތަކުން އެކުގައި ކެއުންތަކަށް އިންސާފުކޮށްލުމަށް އެންމެ ކަމުދާނެ އެއް ތަނެވެ.
ވަކިން ޚާއްސަކޮށް، ރެޓްރޯގެ ނަމުންވެސް ކިޔައިދޭ ގޮތުގައި، އެތަނުގެ "ރެޓްރޯ ސްޓައިލް"އަކީ ގިނަ ބައެއްގެ ތައުރީފު ލިބޭ އެއް ކަމެވެ.
"މިތަނުގެ ކޮންސެޕްޓަކީ ގެއެއްގެ ފީލް. ހޯމްލީ ފީލެއްގެ ސްޓައިލަކަށް. ކުރީގެ، 60 ގެ އަހަރުތަކުގެ ސްޓައިލް. މިހާރުގެ ޔޫތު ކްރައުޑަށް މިކަހަލަ ކޮންސެޕްޓެއް ނުފެންނާނެ،" އަބްދުﷲ ވިދާޅުވިއެވެ.
"މި އިމާރާތް ހެދިފައި ހުރި ގޮތާއި ކޮންސެޕްޓާއި ހުރިހާ ކަމަކަށް ކަސްޓަމަރުން ވަރަށް ހިތްހަމަޖެހޭ،"
އޭނާ ވިދާޅުވި ގޮތުގައި ރެޓްރޯއަށް ގިނައިން ޒިޔާރަތް ކުރަނީ ރެގިއުލަރ ކަސްޓަމަރުންނެވެ. ނަމަވެސް ރެގިއުލަރ ކަސްޓަމަރުން ގިނަވެ، ޖާގައިގެ ދަތިކަން ކުރިމަތިވާތީ މިހާރު ވަނީ ކެފޭ ބޮޑުކުރަން ވެސް ޖެހިފައެވެ. ރަމަޟާން މަސް ނިމުމާ އެކު އެ މަސައްކަތް ދާދި އަވަހަށް ފަށައި، މިހާރަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރަށް ކެޕޭސިޓީ ބޮޑުކުރަން ވަނީ ނިންމައިފައެވެ.
ރެޓްރޯގެ ކޮންސެޕްޓާއި ޑިޒައިނާއި މާހައުލުގެ ފުރިހަމަކަމުގެ ވާހަކަ ނިންމާލާފައި، އެތަނުގެ ކާބޯތަކެއްޗަށް އިންސާފުކޮށްލަމާ ބަހީއެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި، ކެފޭއިން އެންމެ މުހިންމުކަމެއް ދެނީ ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ތަކެތީގެ ކޮލިޓީއަށެވެ.
"ކޮލިޓީއަކީ އެއްޗަކީ. ފުޑްގެވެސް ކޮލިޓީއިން ޗޭންޖް އަންނަނީ. ރެޓްރޯގެ ޚާއްސަ ކަމަކީ ފުޑް ކޮލިޓީ. ގަންނަ ހިސާބުން ފެށިގެން ރަނގަޅު ސްޓޭންޑަޑަކުން ސްޓޯރިންގަށް، އަދި ރަނގަޅު ކޮންޑިޝަންގައި އެއްޗެހި ރައްކާކުރުން،
"ކޮންމެ ކަހަލަ ފުޑެއް ވިޔަސް އެ އެއްގައި ރަހަ މި އަންނަނީ އެ ކޮލިޓީން،" އޭނާ ވިދާޅުވިއެވެ.
ރެޓްރޯއިން ގަބޫލުކުރާ ކޮލިޓީ ވެފައިވަނީ ގިނަ މީހުންވެސް ގަބޫލުކުރާ ކޮލިޓީއެވެ. އެތަނުގައި ކާބޯތަކެތި ތައްޔާރުކުރަނީ ރާއްޖޭގެ ނަން މަޝްހޫރު ޝެފެއްގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން ކޮލިޓީ ދެމެހެއްޓޭނެކަމާ މެދު ޝައްކެއް ނެތެވެ.
ރެޓްރޯގެ އެންމެ ޚާއްސަ އެއް ޕްރޮޑަކްޓަކީ "ފުން އަސަރު" ކިޔާ މޮކްޓެއިލެކެވެ. އަދި ރެޓްރޯ ޕިއްޒާއަކީވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެއްޗެކެވެ.
"ޕިއްޒާގައި ފިލިންގްއާ ރަހައާ ހުރިހާ އެއްޗެއްވެސް ރަނގަޅުވާނެ. ފީޑްބެކަށް ބަލާއިރު [އެކަން ފާހަގަވޭ]،" އަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން ރެޓްރޯއިން ދަނީ އިންޑިއަން އަދި އަރަބި ކުއީޒީންގެ މެނޫތަކެއް ތައާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިހާރުވެސް އެހާ ފުރިހަމަ މި ކެފޭއަށް އިތުރު ފުރިހަމަކަން ލިބިގެން ދާނެއެވެ.
ރެޓްރޯގެ ކާމިޔާބީ އެތަނުން ވަޒަންކުރަނީ ކަސްޓަމަރުންނަށް ވެދުމަށް އަރުވާ ކާބޯތަކެތީގެ ފެންވަރު ރަނގަޅުކަމުންނާއި، އެތަނުގެ ރެގިއުލަރ ކަސްޓަމަރުން އިތުރުވާ މިންވަރުންނެވެ. މި ދެ ކަންތައްވެސް ދަމަހައްޓަމުން އަންނަ ރެޓްރޯ ކެފޭއަށް ދެން އޮތީ ޖާގަ ބޮޑުކޮށް، މިހާރަށް ވުރެ ވެސް ގިނަ ބަޔަކަށް މަރުހަބާ ކިޔޭނެ އިންތިޒާމު ހަމަޖެއްސުމެވެ.