ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން، ފުލުހުން އަދި އެމްޕީއެލް އެއް ގުޜޫޕަކަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވިމެންސް ފުޓްސަލް ޗެލެންޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ނާފިއު ރަޝީދު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވިމެންސް ފުޓްސަލް ޗެލެންޖުގެ ގުރުއަތުލުން މިރޭ ޒުވާނުންގެ މަރުކަޒުގެ ގޯތި ތެރޭގައި ބާއްވައިފިއެވެ.

މުޅިން އަލަށް އެފްއޭއެމުން އިސްބަގައިގެން ކުރިއަށް ފެންދާ ފުޓްސަލް މުބާރަތުގެ ގުރުއަތުލުން ބާއްވާފައިވާއިރު މުބާރަތުގައި ނުވަ ޓީމު ވަނީ ބައިވެރިވެފަ އެވެ.

އަންނަ މަހުގެ ނުވަ އަކުން 20 ކުރިއަށްދާ މުބާރަތުގައި ބައިވެރިވި ޓީމްތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގެ ގައި ފަސްޓީމެއް ވާދަކުރާނެއެވެ. ގުރޫޕް 2 ގައި 4 ޓީމެއް ވާދަކުރާނެއެވެ.

ގުރޫޕް އެކަކަށް ބަލާއިރު އެ ގުރޫޕްގައި ހިމެނިފައި ވަނީ ވަރުގަދަ ޓީމު ތަކެކެވެ. މުޅި ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރިއަށްދާ ކްލަބް މޯލްޑިވްސް ވިމެން ފިއެސްޓާގައި އެންމެ ކާމިޔާބު ތިން ކުލަބު ވަނީ ހިމެނިފަ އެވެ. ކްލަބް މޯލްޑިވްސް ވިމެން ފުޓްސަލް ފިއެސްޓާގެ މި އަހަރުގެ ރަނަރަޕް ދިވެހި ސިފައިންގެ ކުލަބާ އެ މުބާރަތުގައި އެންމެ ރަނަގަޅު ކުޅުމެއް ފެނިގެންދިޔަ އެމްޕީއެލް އަދި ޕޮލިސް ކުލަބް ގުރޫޕް 1 ގައި ހިމެނޭއިރު މި ތިން ޓީމަކީވެސް އަންހެން ފުޓްސަލްގައި ވަރުގަދަ ތިން ޓީމެއްވެ. އެ ތިން ޓީމުގެ އިތުރުން ދެން އެ ގުރޫޕްގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީއެވެ.

ގުރޫޕް ދޭއްގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބް، އިކުއަޓޯރިއަލް، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވަ އެފްޓީއެވެ.

އެފްއޭއެމް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާއި އެމްއެންޔޫ އެސްސީއެވެ.

އެހެން މުބާރަތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ އެވެ. އަދި ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ވެސް އެ މުބާރާތުގައި ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށަން ތައްޔާރުވެފައިވާއިރު ފުޓްސަލް ކުޅޭ ފިރިހެނުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް