އެއާޕޯޓުގައި ހިއްކި ބިންތަކުގެ ޝީޓު ޕައިލް ޖަހަން ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި އަލަށް ހިއްކި ބިމެއްގައި ޝީޓުޕައިލް ޓެސްޓިންގް މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، އެއާޕޯޓުގައި އަލަށް ހިއްކި ބިންތައް ހިފެހެއްޓުމުގެ ގޮތުން ޝީޓު ޕައިލް ޖެހުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ވެލާނާ އެއާޕޯޓުގައި އާ ރަންވޭއެއް އެޅުމަށްޓަކައި ސަރުކާރުން ހަވާލުކުރީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އަށެވެ. ރަންވޭ އެޅުމަށް ބިން ހިއްކަން ޖެހުނު އިރު، ރަންވޭ އަޅާތީ ސީޕްލޭން އޮޕަރޭޝަންސް ހިނގާ ސަރަހައްދު އެހެން ދިމާލަކަށް ބަދަލުކުރަން ޖެހޭ ކަމުން، ސީޕްލޭން ޓާމިނަލް އެޅުމަށް ވެސް ބިން ހިއްކާފައިވެ އެވެ. މީގެ އިތުރުން ވެލާނާ އެއާޕޯޓުގެ ބައިނަލް އަގުވާމީ ޓާމިނަލް އަޅާ ސަރަހައްދު ވެސް ވަނީ ހިއްކައިފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވި ގޮތުގައި، ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ އިރު، ދެން އޮތީ އެ ބިންގަނޑު ހިފެހެއްޓުމަށް ޝީޓު ޕައިލް ޖެހުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި އާ ރަންވޭ އަޅަން ހިއްކި ބިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދިލް ވިދާޅުވީ، ޝީޓު ޕައިލް ޖެހުމުގެ ޓެސްޓިންގް މަސައްކަތް މިއަދު ކުރިޔަށް ދާނެ ކަމަށެވެ. އެމްއޭސީއެލުން ވަނީ އެ މަންޒަރުތައް މީޑިއާއަށް ވެސް މިއަދު ދައްކާލައިފަ އެވެ.

ރަންވޭ އެޅުމުގެ މަސައްކަތް ކުރާ ޗައިނާގެ ބީޔޫސީޖީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޝީޓު ޕައިލް ކުރުމުގެ މަސައްކަތް މި މަހުގެ 26 ވަނަ ދުވަހު ފަށާނެ ކަމަށާއި، ކޮންޓްރެކްޓުގައިވާ ގޮތަށް އެކަންކަން ކުރިޔަށް ގެންގޮސް، ނިންމަލާނެ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބީޔޫސީޖީން ސަބްކޮންޓްރެކްޓް ކުރީ ދުބާއީގެ ގަލްފް ކޮބްލާއިންނެވެ. ރަންވޭ އެޅުމަށް ހުޅުމާލެއާ ދިމާލުން، ހުޅުލެއަށް 650،000 އަކަމީޓަރުގެ ސަރަހައްދެއް ހިއްކައި، އިތުރުކޮށްފައިވެ އެވެ. އެ މަސައްކަތަށް 4.2 މިލިޔަން ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ފެށި މި މަސައްކަތް، މިއަހަރުގެ ޖޫން 10 އަށް ވަނީ ނިންމައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި އަލަށް ހިއްކި ބިމެއްގައި ޝީޓުޕައިލް ޓެސްޓިންގް މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން ސީޕްލޭން ޓާމިނަލް އެޅުމަށް 130،000 ކޮޑިމީޓަރުގެ ވެލިން، 18،300 އަކަމީޓަރުގެ ސަރަހައްދެއް ހުޅުލެއަށް އިތުރުކޮށްފައިވެއެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފަށައި، ޖޫން ފަސްވަނަ ދުވަހަށް ނިންމާފައިވާ މަސައްކަތެވެ.

އެއާޕޯޓު ތަރައްގީގެ މަސައްކަތުގެ ދަށުން ވެލާނާ އެއާޕޯޓަށް 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެއް އަޅާ އިރު، މިހާރު އެއާޕޯޓުގައި ހުންނަ 3،200 މީޓަރު ދިގު، 45 މީޓަރު ފުޅާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ.

comment ކޮމެންޓް