އޭޝިއަން ވިމެންންސް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމް ތައްޔާރުވާން ފަށައިފި

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭޝިއަން ވިމެންންސް ވޮލީބޯޅަ ޗެމްޕިއަންޝިޕުގައި ވާދަ ކުރުމަށް ގައުމީ އަންހެން ވޮލީ ޓީމްގެ ފަރިތަ ކުރުންތައް ފަށައިފިއެވެ.

އަންގާރަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަދައްކަމުން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ފިލިޕިންސްގައި އަންނަ އޯގަސްޓްމަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރަތަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

" މިހާރު ފަރިތަކުރުންތައް ފަށާފައިވަނީ. އުންމީދު މިކުރަނީ އެކަށިގެންވާ ވަގުތު އޮއްވައި ފަރިތަ ކުރެވިއްޖެއްޔާ ކުރަން އުޅޭ މަސައްކަތް ކާމިޔާބުވާނެ ކަމަށް،" ލަތީފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖުލައިމަހު ފަށާ ވީއޭއެމް ވިމެންސް ވޮލީބޯލް އެސޯސިއޭޝަން ކަޕަށް ގައުމީ ޓީމުގެ އަންހެން ކުޅުންތެރިން ދޫކުރާނެ ކަމަށާއި އެ ގޮތަށް އެކަން ކުރުމުން މުބާރާތަށް ދިޔުމުގެ ކުރިން ވާދަވެރި މެޗު ތަކެއް ކުޅެން ލިބި، އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

ލަތީފް ވިދާޅުވީ ފައިނަލް ސްކޮޑް އަދި އެކުލަވައި ނުލާ ކަމަށާއި މިހާރު ކުރިއަށް ދަނީ " ވޯމްއަޕް" ފަރިތަކުރުން ތަކެއް ކަަމަށެވެ. އަދި އެސޯސިއޭޝަން ކަޕް ނިމުމުން އެ މުބާރަތުން ފާހަގަވާ ކުޅުންތެރިން މާލެ ގެނެސް ޓީމާ އެކު ފަރިތަކުރުމުގެ ފުރުޞަތު ދޭނެ ކަމަށެވެ.

އޭޝިއަން ވިމެންންސް ވޮލީބޯޅަ ޗެމްޕިއަންޝިޕު އޮގަސްޓް މަހުގެ 09 އިން 17 ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި ވާއިރު އެސޯސިއޭޝަން ކަޕް ކުރިއަށްދާނީ ޖުލައިމަހުގެ ހަތަކުން ފެށިގެން ފުވައްމުލައް ސިޓީގައެވެ.

comment ކޮމެންޓް