8 ގަރުނުވީ މިސްކިތެއް އައިއެސްއިން ސުންނާފަތިކޮށްލައިފި ކަމަށް އިރާގުން ބުނެފި

އިރާގުގެ އަލް ނޫރީ މިސްކިތާއި އަލް ހަބްދާ މުންނާރު މީގެ ކުރިން (ވ) އަދި މުންނާރާއި މިސްކިތް އައިއެސްގެ ހަމަލާއަށް ފަހު (ކ) -- ފޮޓޯ: ގެޓީ

މޫސަލް (ޖޫން 22): އިރާގުގެ މޫސަލްގައި ހުރި 845 އަހަރުވީ އަލް ނޫރީ މިސްކިތުގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)އިން އިއްޔެ އެއްޗެހިތަކެއް ގޮއްވާލައި މިސްކިތް އެއްކޮށް ސުންނާފަތި ކޮށްލައިފި ކަމަށް އިރާގުގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީގެ ޓުވީޓެއްގައިވާ ގޮތުން އެމިސްކިތް ސުންނާފަތިކޮށްލުމަކީ އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ މޫސަލްގައި ކުރިއަށްދާ ހަނގުރާމައިން އައިއެސް ނާކާމިޔާބުވިކަން އެޖަމާއަތުން ގަބޫލު ކުރުމެވެ.

"އަލް ހަބްދާ މުންނާރާއި އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސްއިން ރަސްމީގޮތެއްގައި ބަލި ގަބޫލު ކުރުން،" އަލް އާބާދީ ވިދާޅުވި އެވެ.

2014 ވަނަ އައިއެސްގެ ލީޑަރު އަލް ބަގްދާދީ އެޖަމާއަތުގެ އިސްލާމީ ޚިލާފަތު އިއުލާން ކުރީ އަލް ނޫރީ މިސްކިތުގައި -- ފޮޓޯ: ރޮއިޓާސް

އިޓަލީގެ ލީނިން ޓަވާ ގޮތަށް އެއް އަރިއަކަށް ހުންނަ އަލް ހަބްދާ މުންނާރާއި އަލް ނޫރީ މިސްކިތަށް ހަމަލާދޭން އައިއެސް އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ 2014 ވަނަ އަހަރެވެ. އެއީ އެޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ އެމިސްކިތުގައި ހުރެ "އާ އިސްލާމީ ޚިލާފަތެއް" އިއުލާން ކުރި ފަހުންނެވެ.

ނަމަވެސް އެފަހަރު މޫސަލްގެ ރައްޔިތުން ވަނީ މިސްކިތް ރައްކާތެރި ކުރުމަށްޓަކައި މިސްކިތް ވަށާލައި، އައިއެސްއިން ހަމަލާ ދިނުން ހުއްޓުވާފަ އެވެ. އެޖަމާއަތުން ބުނާ ގޮތުގައި އެމިސްކިތަކީ އިސްލާމްދީނުގެ ގަބޫލުކުރުންތަކާ ހިލާފަށް އަޅާފައިވާ މިސްކިތެކެވެ.

އަލް ނޫރީ މިސްކިތަށް އިއްޔެ ހަމަލާ ދިނީ އައިއެސްއިން އިރާގުން ބުނި ނަމަވެސް އެޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ބުނީ މިސްކިތަށް ހަމަލާ ދިނީ އެމެރިކާއިން ކަމަށެވެ. އެމެރިކާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިރާގުގެ މޫސަލްއިން އައިއެސް ފައްސާލުމަށް އެގައުމުގެ އަސްކަރިއްޔާ އިން ހަނގުރާމަކުރަން ފެށިތާ އަށް މަސް ވެފައިވާ އިރު އޭގެ ސަބަބުން 850،000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފަ އެވެ. (ޓައިމްސް)

comment ކޮމެންޓް