ޝެއާ ދަ މީލް: ހަތް ރުފިޔާއިން ތަފާތު ދައްކައި، ބަނޑުހައިހޫނުކަން ނައްތާލެވިދާނެ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ވަނީ ހައިހޫނުކަމުގެ ޝިކާރައަކަށް ވެފައެވެ. ގައުމުގެ ފަގީރުކަމުގެ، ނުވަތަ ދާޚިލީ ހަމަނުޖެހުމެއްގެ ސީދާ އަސަރު ކުރަނީ ރައްޔިތުންނަށެވެ. ދިރިއުޅޭ ގެދޮރާއި މުދާ ހަލާކުވާ އިރު، ކާބޯތަކެތި ނުލިބި ބަނޑަށް ޖެހެއެވެ. އދގެ ދަށުން ހިންގާ ވޯލްޑް ފުޑް ޕްރޮގްރާމްގެ ހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ހަތަރު ގައުމަކުން އެކަނިވެސް، 20 މިލިޔަނަށް ވުރެ ގިނަ މީހުން ތިބީ ބަނޑަށް ޖެހި، ހައިހޫނުކަމުގެ ތެރޭގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނޭނެކަން ކަށަވަރެވެ.

ޝެއާ ދަ މީލް!

ޓެކްނޮލޮޖީގެ މި ޒަމާނުގައި، "ކްރައުޑްފަންޑް" ކޮށްގެން، ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުން ގިނަ ބައެއްގެ ފަރާތުން ފައިސާގެ އެހީ ހޯދައިގެން ހަރަކާތްތައް ހިންގެއެވެ. މީގެ ދެ އަހަރު ކުރިން ޖަރުމަނުގެ ދެ ރައްޔިތަކު "ޝެއާ ދަ މީލް" ކިޔާ ޕްލެޓްފޯމެއް އުފެއްދިއެވެ. މަގްސަދަކީ "ކްރައުޑްފަންޑިންގް"ގެ އެހީގައި، ހައިހޫނުކަން ކުރިމަތިވެފައިވާ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމެވެ. މި ޕްލެޓްފޯމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ވެސް ގުޅި، ޔޫރަޕުގެ ތިން ގައުމެއްގެ ރައްޔިތުންގެ ފަރާތުން ކްރައުޑްފަންޑިންގް ހޯދައި، އެފްރިކާގެ ލެސޯތޯގައި 1.8 މިލިޔަން ދަރިވަރުންނަށް އެކުދިންގެ ސްކޫލުން ނާސްތާ ލިބޭ ގޮތް ހަމަޖައްސައިދިނެވެ.

ޝެއާ ދަ މީލްގެ އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން 2015 ވަނަ އަހަރުގެ ފަހުކޮޅު ރަސްމީކޮށް ނެރެފައިވާ އިރު، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކަށްވެސް އެހީތެރިވެވޭނެއެވެ.

މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް

ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ޝެއާ ދަ މީލް އެޕް މެދުވެރިކޮށް ލިބިފައިވާ ފަންޑިންގްގެ ބޭނުންކޮށްގެން ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ އެފްރިކާއާއި މެދުއިރުމަތީގައި ބަނޑުހައިހޫނުކަމުގައި އުޅޭ އެތައް ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ.

ހަތް އަހަރުވީ ދާޚިލީ ހަނގުރާމައެއް ހިނގަމުން އަންނަ ސީރިއާއަށް "ޝެއާ ދަ މީލް" މެދުވެރިކޮށް ވަނީ އެތައް ފަހަރަކު އެހީތެރިވެދީފައެވެ. ދެހާސް ފަނަރައިގައި، އުރުދުންގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުން ދިޔަ 20،000 އަށް ވުރެ ގިނަ ސީރިއާގެ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނެވެ. ސީރިއާގައި އުޅޭ 2،000 އަށް ވުރެ ގިނަ ޅަދަރިމަރިންނާއި އެމައިންގެ ދަރީންނަށް އަހަރު ދުވެހުގެ ކާބޯތަކެތި، 2015 ގައި ފޯރުކޮށްދިނެވެ. އަދި މިދިޔަ އަހަރު، ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގައި އުޅެމުން ދިޔަ 3،000 އެއްހާ ސީރިއާގެ ކުޑަކުދިންނަށް އަހަރު ދުވަހުގެ ކާނާ ފޯރުކޮށްދޭ ވަރަށް ފައިސާ ހޯދިއެވެ.

އެހީތެރިވެދިނުމުގެ ފުރުސަތު އަހަރެމެންނަށްވެސް އެބައޮތް!

"ޝެއާ ދަ މީލް" 2015 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ރިލީޒް ކުރުމާ އެކު، ގިނަ އަދަދެއްގެ ދިވެހީންވެސް އަންނަނީ އެޕް މެދުވެރިކޮށް، ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ކުޑަކުދިންނަށް ކާންދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ.

މިވަގުތު "ޝެއާ ދަ މީލް"އިން ފަންޑް ރެއިޒް ކުރަމުން ދަނީ މައިގަނޑު ދެ ކަމަކަށެވެ. އެއީ ދާޚިލީ ހަނގުރާމައެއް ހިނގަމުންދާ ޔަމަނުގައި، ބަނޑުހައި ހޫނުކަން ތަހައްމަލުކުރާ ކުޑަކުދިންނަށް ދިނުމަށް، އެއް މިލިޔަން ނާސްތާ ހޯދުމަށް ފައިސާ ހޯދުމުގެ ކެމްޕޭނަކަށާއި، ލުބުނާނުގައި ދިރިއުޅޭ އެގައުމާއި ސީރިއާގެ ކުޑަކުދިންގެ ތެރެއިން 1،100 ކުއްޖަކަށް އަހަރު ދުވަހަށް ކާބޯތަކެތި ހޯދުމަށް ފައިސާ ހޯދުމުގެ ކެމްޕޭނެކެވެ.

މާ ބޮޑު ޚަރަދެއް ނޫން، އެންމެ ހަތް ރުފިޔާ!

ޝެއާ ދަ މީލް މެދުވެރިކޮށް ދެވޭ އެންމެ ކުޑަ މިންވަރުގެ އެހީއަކީ ބައި ޑޮލަރެވެ. ނުވަތަ ހަތް ރުފިޔާއާއި 70 ލާރިއެވެ. އެއީ ބަނޑުހައިހޫނުކަން ތަހައްމަލުކުރާ ކުޑަކުއްޖަކަށް ދުވާލަކަށް ވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދޭން ހޭދަވާ އަގެވެ. އެ އަގުގެ ތެރޭގައި، ކާނާ ތައްޔާރުކުރުމާއި، އެކުދިންނާ ހަމައަށް ކާނާ ގެންދިއުމަށް ހޭދަކުރާ ޚަރަދުވެސް ހިމެނެއެވެ.

މިއީ ނިކަން ކުޑަ ޚަރަދެއް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދޭ މަދު މިންވަރަކުންވެސް ބޮޑު ނަތީޖާއެއް ނެރެވޭނެއެވެ. "ޝެއާ ދަ މީލް"އިން މެދުވެރިކޮށްދެނީ އެކަމެވެ.

މިހާރުވެސް "ޝެއާ ދަ މީލް" މެދުވެރިކޮށް ގަވައިދުން ފައިސާގެ އެހީ ފޯރުކޮށްދޭ ދިވެހީން މަދެއް ނޫނެވެ. ނަމަވެސް އެއީ އެ އަދަދު އިތުރުކޮށް، ދިވެހީންގެ ފަރާތުން މިކަމަށް ދޭ އެއްބާރުލުން އިތުރު ނުކުރާންވީ ސަބަބެއްވެސް ނޫނެވެ.

ހަދިޔާކުރާ ފައިސާގެ އެހީއާ ހަވާލުވާނީ އދގެ ވޯލްޑް ފުޑް ޕްރޮގްރާމުންނެވެ. ފައިސާގެ އެހީ ބޭނުންކޮށް، އޭގެން ކާބޯތަކެތި ފޯރުކޮށްދެނީ ކޮން ބަޔަކަށްކަން "ޝެއާ ދަ މީލް"އިން ޔޫޒަރުންނަށް ދައްކައިދެއެވެ.

comment ކޮމެންޓް