ސައޫދީ ރަސްގެފާނުގެ ދަރިކަލުން މުހަންމަދު، ވަލީއަހުދުގެ މަގާމަށް އައްޔަންކޮށްފި

މުހައްމަދު ބިން ސަލްމާން

ރިޔާޒް (ޖޫން 21): ސައޫދީ އަރަބިޔާގެ ވަލީއުލްއަޙްދު ޕްރިންސް މުހައްމަދު ބިން ނާޔިފް އެމަގާމުން ދުރުކޮށް އޭނާގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ދިފާއީ ވަޒީރު އަދި ސަލްމާން ރަސްގެފާނުގެ 31 އަހަރުގެ ޒުވާން ދަރިކަލުން ޕްރިންސް މުހައްމަދު ބިން ސަލްމާން، ވަލީއުލްއަޙްދު ކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.

މިކަމާ ބެހޭ ގޮތުން ސަލްމާން ރަސްގެފާނު ސޮއިކުރައްވައި ސައޫދީ ސަރުކާރުން ނެރުނު ޝާހީ އަމުރުގައި ވަނީ ވަލީއުލްއަޙްދު ކަމުގެ މަގާމަށް މުހައްމަދު ބިން ސަލްމާނަށް ބައިއަތު ހިފުމަށް ބައިއަތާބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމުގައެވެ. އަދި ވަލީއުލްއަޙްދުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާޔިފް، އެމަގާމުގެ އިތުރުން ދާޚިލީ ވަޒީރުކަމުގެ މަގާމުންނާއި ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވެސް ދުރުކުރުމަށް ސަލްމާން ރަސްގެފާނު ނިންމެވިކަން ބަޔާންކުރާ ޝާހީ އެހެން އަމުރެއް ވެސް ސަލްމާން ރަސްގެފާނު މިއަދު ވަނީ ނެރުއްވައިފައެވެ.

މަގާމުން ދުރުކުރި މުހައްމަދު ބިން ނާޔިފް

މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް މުހައްމަދު ބިން ސަލްމާން، އައްޔަން ކުރެއްވުމަށާއި ދިފާއީ ވަޒީރު ކަމުގެ މަގާމުގައި އޭނާ ބެހެއްޓެވުމަށް ސަލްމާން ރަސްގެފާނު ނިންމެވިކަން ބަޔާން ކުރާ އެހެން ޝާހީ އަމުރެއް ވެސް ސަލްމާން ރަސްގެފާނުވަނީ ނެރުއްވާފައެވެ.

މިއީ ސައޫދީ ރަސްކަން ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ފޮރޮޅާލުމަށްޓަކައި ނިންމި ނިންމުމެއްކަމަށް ވަނީ ބެލެވިފައެވެ. ސައޫދީ ރަސްކަމުގެ ނިޒާމު އޮންނަގޮތުން ރަސްކަން ދެން ލިބޭނީ ވަލީއުލްއަޙްދުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ. ވަލީއުލްއަޙްދު ކަމުން ޕްރިންސް މުހައްމަދު ބިން ނާޔިފް ދުރުކުރި ސަބަބެއް ސައޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މުހައްމަދު ބިން ނާޔިފް އާއި އައު ވަލީއުލްއަޙްދު ޕްރިންސް މުހައްމަދު ބިން ސަލްމާނަކީ ވެސް ސައޫދީ ވިރާސީ ރަސްކަމުގެ ނިޒާމުގެ ބާނީ ކިންގް އަބްދުލްއަޒީޒް އާލް ސައޫދުގެ ކާފަދަރިންނެވެ.

ސައޫދީ އަރަބިޔާއިން އީރާނާއި ގަތަރާއި ޔަމަން ފަދަ ގައުމުތަކާ ދެކޮޅަށް މިފަހަކަށް އައިސް ގެންގުޅެން ފަށާފައިވާ ހަރުކަށި ސިޔާސަތުތަކުގެ ފަހަތުގައި ވަނީ ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ވެރިކަން ފުރޮޅާލުމަށް މަގުފަހި ކުރުންކަމަށް އެގައުމުގެ މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތްތަކަކުން ދެކެއެވެ. ސަަލްމާން ރަސްގެފާނަކީ އުުމުރުން ދުވަސްވުމުން ވަރަށް ބަލިކޮށް އުޅުއްވާ ބޭފުޅަކަށް ވާތީ މިއަހަރު ނިމުމުގެ ކުރިން ޕްރިންސް މުހައްމަދު ބިން ސަލްމާނަށް ރަސްކަން ލިބޭގޮތަށް ސައޫދީ ވިރާސީ ރަސްކަމަށް ބަދަލު ގެންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

މަގާމުން ދުރުކުރި ޕްރިންސް މުހައްމަދު ބިން ނާޔިފަށް ތާއީދުކުރާ ފަރާތްތައް މިކަމުގައި އަމަލުކުރާނެ ގޮތެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ސައޫދީން ދާދިފަހުން ގުޅުންތައް ކަނޑާލި ގަތަރަކީ މަގާމުން ދުރުކުރި ޕްރިންސް މުހައްމަދު ބިން ނާޔިފަށް ތާއީދުކުރާ ގައުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް