އޭވީސީގެ ބޯޑުން ވީއޭއެމްގެ ކުރީގެ ރައީސް ރިޔާޒް ވަކިކޮށްފި

މާޗް 17، 2016: ވޮލީބޯލް އެސޯސިއޭޝަނަށް ރައީސަކު ހޮވުމަށް ބޭއްވުނު އިންތިހާބްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޝިއާގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން (އޭވީސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުގައި ހުންނެވި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް އެ މަގާމުން ވަކިކޮށްފިއެވެ.

ވީއޭއެމް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ރިޔާޒް، އޭވީސީގެ މެމްބަރުކަމަށް ހަމަޖެއްސީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭވީސީގެ މަގާމުން ރިޔާޒް ވަކިކުރި ސީދާ ދުވަހެއް ކަށަވަރުކޮށް ނޭނގުނު ނަމަވެސް "ސަން ސްޕޯޓްސް" އަށް މައުލޫމާތު ދެމުން އިތުބާރު ހުރި ފަރާތަކުން ބުނެފައިވަނީ އޭނާ އެ މަގާމުން ވަކިކުރީ ނިމިގެން ދިޔަ މެއި މަހުގެ ތެރޭގައި ކަމަށެވެ.

އޭވީސީގެ ވެބްސައިޓްގައި މިހާރު ހިމަނާފައިވާ އެ ކޮންފެޑެރޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ތެރޭގައިވެސް ރިޔާޒްގެ ނަމެއް ނެތެވެ.

ރިޔާޒް އޭވީސީގެ މަގާމުން ދުރުކުރިއިރު އޭނާގެ މައްޗަށް އިތުބާރު ނެތް ކަަމަށް އަދި ތާއިދުވެސް ނެތްކަމަށް ބުނެ ރާއްޖޭގެ ވޮލީ ބޯޅަ އެސޯސިއޭޝަނުންވަނީ މީގެކުރިން އޭވީސީއަށް މައްސަލައެއް ހުށަހަޅައިފައެވެ.

މިއަދު ވޮލީބޯޅަ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ރައީސް މުހައްމަދު ލަތީފްވަނީ، ރިޔާޒް އޭވީސީން ވަިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނަށް، އެ އިދާރާގެ ތާރީހުގައިވެސް މީގެ ދެ އަހަރުކުރިން ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ގޮނޑި ގެއްލިގެންދިޔައިރު އެ މަގާމަށް ރިޔާޒް ހަމަޖެއްސީ ޖުމުލަ ހަތަރު އަހަރުގެ މުއްދަތަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ސަން ސްޕޯޓްސްއިން ރިޔާޒަށް ތަކުރާރުކޮށް ގުޅި ނަމަވެސް އޭނާ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ގެނެވޭ ގޮތް ވަނީ ނުވެފައެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަން، 2008 ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާ ހަމައަށް އަދާކުރަށްވާފައިވާ ރިޔާޒަކީ ބައިނަލްއަގުވާމީ ލައިސަންސް ހޯދި ފުރަތަަމަ ދިވެހި ރެފްރީއެވެ.

comment ކޮމެންޓް