ފަސް ރުފިޔާގެ އާ ނޫޓާ އެކު ރަންދިހަ ފަހެއްގެ ނޫޓު ސީރީޒް ފުރިހަމަ ވަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިއަދު ތައާރަފްކުރި ރަން ދިހަފަހެއްގެ އާ ފަސް ރުފިޔާގެ ނޫޓް -- ފޮޓޯ: އެމްއެމްއޭ

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ކޮއިނެއްގެ ގޮތުގައެވެ.

ފަސް ރުފިޔާގެ ނޫޓު އުފައްދައި ނެރޭނެ ގޮތަކާ މެދު ޚިޔާލު ތަފާތުވެ ފަހުން ޕޮލީމާ ނޫޓުގައި ނެރެން ނިންމައި މިދިޔަ މަހުގެ 10 ވަނަ ދުވަހު އެ ނޫޓު ވަނީ ދައްކާލާފައެވެ.

ރާއްޖޭގެ އިގްތިސާދީ ތާރީޚުގައި ލިޔެވިގެންދިޔަ "ރަންދިޔަ ފަހެއް" ނޫޓު ސީރީޒް ގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓާއި 500 ރުފިޔާ، 100 ރުފިޔާ، 50 ރުފިޔާއާއި 20 ރުފިޔާގެ އިތުރުން 10 ރުފިޔާގެ ޕޮލީމާ ނޫޓުތަކެވެ.

އެއްހާސް ރުފިޔާގެ ޕޮލީމާ ނޫޓަކީ މުޅިން އަލަށް ރާއްޖެއިން ނެރުނު 500 ރުފިޔާއިން މަތީގެ ނޫޓެކެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ މޫނުމަތި --

އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ސޮއި ހިމަނައިގެން ނެރުނު އެ ނޫޓު ސީރީޒަށް ފުރިހަމަ ކަމެއް ގެނެސްދޭނީ އަލަށް ނެރޭ ފަސް ރުފިޔާގެ އާ ނޫޓުންނެވެ.

ކުރިން ބޭނުން ކުރަމުން އައި ކަރުދާސް ރުފިޔާއަށް "ޓާޓާ" ކިއުމަށްފަހު ދިވެހިން މިހާރު މިވަނީ ޕޮލީމާ ނޫޓުގެ ފަސޭހަކަމާއި އެއިން ވިޔަފާރި ކުރުމަށް ހޭނިފައެވެ. ވޮލެޓުގައި ޕޮލީމާ ނޫޓުތަކުގެ ތެރޭގައި ފަސް ރުފިޔާގެ ކަރުދާސް ނޫޓު ގެންގުޅުމަކީ ގިނަ ފަހަރު ފަސޭހަކަމަކަށް ނުވެއެވެ.

"އަސްލު ވަރަށް އުނދަގޫ ހުރިހާ ރުފިޔާތަކު ތެރޭ (ނޫޓުތަކުގެ ތެރޭގައި) ވަކިން ކަރުދާސް ފަސް ރުފިޔާ ގެންގުޅެން. މާ ހިތްހަމަ ޖެހޭ، އެއްޗެއް ގަނެގެން ބެލެންސް ދޭ އިރު ކޮއިންސް ދިނަސް އެ ފަސް ރުފިޔާ ދިނުމަށްވުރެ،" އާންމުންގެ ފަރާތަކުން ބުންޏެވެ.

އާންމުންގެ ގިނަ ބަޔަކަށް މިހާރު ވަނީ ފަސް ރުފިޔާގެ އާ ނޫޓު ނެރެން އުޅޭކަން އެނގިފައެވެ. އާ ނޫޓާ ގުޅޭ ގޮތުން އާންމުންގެ ބައެއް ފަރާތްތަކުން ބުނަނީ ކުރިން ނެރެން އުޅުނު ފަސް ރުފިޔާގެ ކޮއިނަށްވުރެ ޕޮލީމާގައި ނެރެން އުޅޭތީ އެ ނޫޓު އެހެން ނޫޓުތަކާ އެކު ގެންގުޅެން މާ ބޮޑަށް ފަސޭހަވާނެ ކަމަށެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ ފަހަތް--

ރަން ދިހަފަހެއްގެ 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިނެމޭގޮތަށް ޕޮލިމާ ކަރުދާހުގައި ތައްޔާރުކޮށްފައިވާ، ފަސް ރުފިޔާގެ ނޫޓުވެސް ފަރުމާކޮށްފައި ވަނީ، މި ސީރީޒްގެ ކުރީގެ ނޫޓުތައްވެސް ފަރުމާކޮށްފައިވާ އަބްދުﷲ ނަޝާތެވެ.

މި ނޫޓުގައި، އިތުރު ސަލާމަތީ ސިފައެއްގެ ގޮތުގައި ކްލިއާ ވިންޑޯގެ އެއްފަރާތުން ނޫޓުގެތެރެއިން އަނެއް ފަރާތް ފެންނަގޮތަށް ނޫޓުގެ މޫނުމަތީ އަގު ފެންނަން ހުންނާނެއެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ.

ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ. އަދި ނޫޓުގެ ޕެޓާން ދައްކައިދެނީ، އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

އަންނަ މަހުގެ ތެރޭގައި މި ނޫޓު ބޭނުން ކުރުމަށް ހަމަޖައްސާފައިވީ ނަމަވެސް އަދި ނެރޭ ވަކި ދުވަހެއް އެމްއެމްއޭއިން އިއުލާން ނުކުރެއެވެ.

comment ކޮމެންޓް