ކަނޑޫދޫ ފެނަކައިގެ ތިން މަގާމަކަށް ދާއިމީ މުވައްޒަފުން ނުނަގަން އަމުރުކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް-- ސަން ފައިލް ފޮޓޯ

ތ. ކަނޑޫދޫގެ ފެނަކަ ކޯޕަރޭޝަންގެ ބްރާޗުގައި ވަޒީފާ އަދާކުރި ތިން މީހަކު އުޅުނު މަގާމުތަކަށް ދާއިމީ މުވައްޒަފުން ނުނަގަން ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށްފި އެވެ.

ކަނޑޫދޫ ފެނަކައިގެ އެކައުންޓްސް އޮފިސަރެއްގެ މަގާމާއި ދެ ޓެކްނީޝަނުންގެ މަގާމުގައި ތިބި މީހުން ވަނީ އެހެން ރަށެއްގެ ފެނެކަ ބްރާންޗަށް ބަދަލުކޮށްފަ އެވެ.

ކަނޑޫދޫ އެކައުންޓްސް އޮފިސަރެއްގެ މަގާމުގައި ހުރި އައިޝަތު ނިޝާނާ ބަދަލުކޮށްފައި ވަނީ ހދ. ނޮޅީވަރަމް އަށެވެ. އަދި ޓެކްނިޝަނެއްގެ މަގާމުގައި ހުރި އަހުމަދު ޝަރީފު ބަދަލުކޮށްފައި ވަނީ ށ. ފޭދޫ އަށެވެ. ޓެކްނިޝަނެއްގެ މަގާމުގައި ހުރި އަހުމަދު މޫސާ ބަދަލުކޮށްފައި ވަނީ ހއ. އުތީމަށެވެ.

އެމައްސަލަ އެމީހުންގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅީ ވަޒީފާ އަދާކުރަމުން ދިޔަ ރަށުން އެހެން ރަށަކަށް ބަދަލުކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި އެގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިމަހު 15 ވަނަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އެ ތިން މީހުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ވަކިގޮތެއް ނިންމަންދެން އެ މަގާމުތަކަށް ދާއިމީ މުވައްޒަފުން އައްޔަން ނުކުރުމަށެވެ.

އަދި އެ މަގާމުތަކަށް މީހުން ހޯދުމަށް ކޮށްފައިވާ އިއުލާނުތައް ބާތިލު ކުރުމަށް ވެސް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.

އެގޮތަށް ނިންމި ސަބަބެއް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ބުނެފައި ވަނީ ހުށަހަޅާފައިވާ މައްސަލާގައި ވަކިގޮތެއް ނިމުމުގެ ކުރިން އެ މަގާމަށް ދާއިމީ މުވައްޒަފުން ނަގައިފި ނަމަ މައްސަލަ ހުށަހެޅި ފަރާތުގެ މަސްލަހަތަށް އުނިކަމެއް އަންނާނެތީ ކަމަށެވެ.

comment ކޮމެންޓް