އިންތިޚާބާ ގުޅުވައި މުވައްޒަފުން ނުނަގަން: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު -- ފޮޓޯ/ ރައީސް އޮފީސް

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބާ ގުޅުވައި ފެނަކައިން ވަޒީފާ އުފައްދަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުޙައްމަދު ރަޝީދު ދޮގުކުރައްވައިފިއެވެ.

ފެނަކައިން ސަރުކާރުގެ ޕާޓީތަކަށް ވޯޓު ހޯދައި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ނަގަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް އާންމުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން މުއާޒު "ސަން"އަށް ވިދާޅުވީ ފެނަކައިން މީހުންނަށް ވަޒީފާ ދެމުން އަންނަނީ އާންމު އުސޫލުން، ކުންފުނީގެ ޑީޕާޓްމެންޓުތަކަށް ބޭނުންވާ މިންވަރަށް ކަމަށެވެ.

މުއާޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީން އެފަދަ ތުހުމަތުތައް ކުރަނީ އެ ޕާޓީގެ ސަރުކާރުގައި އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީ، މި ސަރުކާރުން ވެސް އެގޮތަށް އަމަލު ކުރާނެ ކަމަށް އެ ޕާޓީއަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"އެގޮތަކަށް އަޅުގަނޑުމެން އިންތިޚާބަށް ނުފޫޒު ފޯރުވަން ވެގެން ކުރާ އެއްވެސް ކަމެއް ނޯންނާނެ. އަމުދުން ފެނަކައިގެ ހުރިހާ މުވައްޒަފުންނަކީ އެ މީހަކު ބޭނުން ފިކުރަކަށް، މީހަކު ބޭނުން ގޮތަކަށް ވޯޓު ދިނުމުގެ އެއްވެސް ކަހަލަ ނުފޫޒެއް އަޅުގަނޑުމެން ފޯރުވާނެ ބައެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ފެނަކައިން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނީގެ ކުރީގެ މެނޭޖުމެންޓުގެ އިހުމާލުގެ ސަބަބުން ފާއިތުވި ފަސް އަހަރު ތެރޭ ފެނަކައިގެ ދަރަނި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އެ މެނޭޖްމެންޓުގައި މުސާރައަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައި އޮތް ކަމަށާއި މުވައްޒަފުންގެ އަދަދު "އިންތިހާއަށް" އިތުރުކޮށްފައި އޮތް ކަމަށް އެ ކުންފުނިން ބުނެއެވެ.

މުއާޒު ވިދާޅުވީ ފެނަކައިން މިހާރު ދަނީ ދަރަނިތައް ދައްކައި، އޮޕަރޭޝަންސްތަކަށް ދީފައި ހުރި ގެއްލުންތައް ކުޑަ ކުރެވޭނެ ކަންތައްތަކާއި، މެއިންޓެނެންސް މަސައްކަތްތައް ކުރަމުން ކަމަށެވެ. ނަމަވެސް ކުންފުނިން ޚަރަދު ކުޑަ ކުރުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، އެމްޑީޕީ ސަރުކާރުން އިހުމާލުވެފައިވާ މަޝްރޫއުތައް ހުއްޓުމަށް ފަހު، މަޝްރޫއާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް ފަހު އަލުން ފެށުން ކަމަށް މުއާޒު ވިދާޅުވިއެވެ.

"މިހާތަނަށް ކުރީގެ މެނޭޖެމެންޓުން 60 ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ މާނައަކީ މާކެޓް ޕްރައިސްގެ 300، 400 ޕަސެންޓް ބޮޑުކޮންނޭ މިހާރު ވެސް ކަންކަން ހުރީ ނިންމާފައި ނޫނިއްޔާ އެކިއެކި ސްޓޭޖްތަކުގައި،" އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ފުރަތަމަ ފިޔަވަޅަކީ އެއީ ޚަރަދު ކުޑަކުރަން، އޭގެ ސަބަބުން ވަރަށް ބޮޑު ބައެއް ސަލާމަތްވޭ."

ފެނަކައިގެ އިތުރުން ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުން ވެސް އިންތިޚާބާ ދިމާކޮށް ވަޒީފާ އުފައްދަމުން އަންނަ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް