އަބްދުﷲ ރިޔާޒަށް އިތުރު ފުރުސަތު ނުދޭން ޕީޖީން ނިންމައިފި

އަބްދުﷲ ރިޔާޒް: އޭނާއަށް އިތުރު ފުރުސަތު ނުދޭން ޕީޖީ ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިތުރު ފުރުސަތުގެ ދަށުން އަނބުރާ ގެންދިއުމަށް އެދިފައިވީ ނަމަވެސް އެ ފުރުސަތު ދެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އަބްދުﷲ ރިޔާޒް އިތުރު ފުރުސަތަށް އެދިވަޑައިގެންފައި ވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އާ ގުޅިގެންނެވެ. އިތުރު ފުރުސަތަށް އެދި އޭނާ ފޯމް ހުށަހެޅި މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުގަ އެވެ.

އިތުރު ފުރުސަތުގެ ޕްރޮގްރާމަކީ އިތުރު ކުށަށް އިއުތިރާފުވެ އިތުރު ކުށެއް ނުކުރަން އެއްބަސް ވުމުން ދައުވާ އަނބުރާ ގެންދިއުމަށް ހިންގަމުންދާ ޕްރޮގްރާމެކެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އިތުރު ފުރުސަތު ނުދިނުމަށް ނިންމާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި އިތުރު ފުރުސަތުގެ ކޮމިޓީން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ކުރާ އެ ދައުވާގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި މިހާރު ވަނީ ނިންމާލާފަ އެވެ.

ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ ޖިނާއީ މައްސަލައަކާ ގުޅިގެން، ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ، އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުން ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނާނީ، މައްސަލައިގެ ހުކުމް އިއްވުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް