ތެލުގެ އަގު ހެޔޮވުމާ އެކު ސްޓެލްކޯއާއި ފެނަކައިން ކަރަންޓު އަގުހެޔޮކުރަނީ!

މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) --- ސަން ފައިލް ފޮޓޯ

މިދިޔަ ހަފްތާގައި ކަރަންޓުގެ ޑިއުޓީ 10 ޕަސަންޓުން ފަސް ޕަސަންޓަށް ކުޑަކުރުމާ ގުޅިގެން، ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ ތެލުގެ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން 8.95 ރުފިޔާއަށް ވިއްކަމުން އައި ޑީސަލާއި ޕެޓްރޯލް ލީޓަރަކުން 30 ލާރިއާއި 51 ލާރި ވަނީ ކުޑަކޮށްފައެވެ. މިހާރު ޑީސަލް ލީޓަރެއްގެ އަގަކީ 8.44 ރުފިޔާ، އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.65 ރުފިޔާއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯއާއި، އަތޮޅުތެރޭގެ އިންޖީނުގެތައް ހިންގާ ފެނަކަ ކޯޕަރޭޝަނަށް މިހާރު ތެޔޮ ސަޕްލައިކުރުން އޮންނަނީ އެކްސްކްލޫސިވްކޮށް އެސްޓީއޯއަށް ހަވާލުކޮށްފައެވެ. އެހެންކަމުން، ތެލުގެ ޑިއުޓީ ކުޑަކުރުމާ އެކު އަގަށް އައި ބަދަލު، ކަރަންޓު އުފައްދާ އެ ދެ ކުންފުންޏަށް ވިއްކާ ތެލުގެ އަގު ވެސް ހެޔޮވެގެން ގޮސްފިއެވެ.

ފެނަކައާ އެސްޓީއޯއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސްޓީއޯގެ އެމްޑީ ޝަހީރު (ކ) އަދި ފެނަކައިގެ އެމްޑީ ޝަރީފް (ވ) -- ސަން ފައިލް ފޮޓޯ

"އާންމުކޮށް ސްޓެލްކޯ، ފެނަކަ އަދި މަސްވެރިންނަށް ތެޔޮ ވިއްކާ އަގުތައް އަޅުގަނޑުމެން ޕަބްލިޝްއެއް ނުކުރަން. ނަމަވެސް އެފަރާތްތަކަށް އަޅުގަނޑުމެން ތެޔޮ ވިއްކަނީ ވަރަށް ޕްރިފަރެންޝަލް ރޭޓުތަކެއްގައި،" އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު އިއްޔެ ވިދާޅުވިއެވެ.

" އާންމުު ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކުގެ އަގުތައް ހެޔޮ ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،"

އިއްޔެއިން ފެށިގެން ތެލުގެ އަގު ހެޔޮވެފައިވާ އިރު، އިންޖީނުގެތަކަށް ވިއްކާ ތެލުންވެސް އަގުހެޔޮވި މިންވަރު، ކަރަންޓުގެ ޚިދުމަތުން ވެސް ފެނިގެން ދާނެއެވެ.

ސްޓެލްކޯއިން ކަރަންޓުގެ އަގު ހެޔޮވާނެ!

"ސަން"އާ ވާހަކަ ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުކަމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި، ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ، ތެލުގެ އަގަށް އައި ހެޔޮ ބަދަލު، ކަރަންޓުގެ އަގުންވެސް ހަމަ ޔަގީނުން ފެންނާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޒުހޫރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކަރަންޓުގެ އަގުތަކަށް ބަދަލު އަންނާނެ. މިސާލަކަށް، 500 ޔުނިޓުން ގާތްގަނޑަކަށް 150 ރުފިޔާގެ އަގުހެޔޮވުމެއް އަންނާނެ. ބިލުތައް 15 ޕަސަންޓެއްހާ މިންވަރަށް ކުޑަވާނެ،" ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ މިވަގުތު ސްޓެލްކޯގެ ޓޭންކްތަކުގައި ސްޓޮކް ކޮށްފައި ހުރީ ކުރީގެ އަގުގައި ގަނެފައިވާ ތެޔޮ ކަމަށެވެ. އެހެންނަމަވެސް އިއްޔެއިން ފެށިގެން އެކުންފުންޏަށް ތެޔޮ ލިބޭނީ ހެޔޮކުރި އަގުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކަރަންޓުގެ ހެޔޮ އަގުތައް ބިލުތަކަށް އެޕްލައިވެގެން ދާނެކަމަށް ބެލެވެނީ ކުރިޔަށް މި ފެށޭ މަހާ ހަމައިން ކަމަށް ޒުހޫރު ވިދާޅުވިއެވެ.

ފެނަކައިން ފިއުލް ސާޗާޖު އުނިކުރަނީ!

ާރާއްޖޭގައި މީހުން ދިރިއުޅޭ 151 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަރީފް އިއްޔެ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްޓީއޯއިން ތެލަށް ގެނައި ބަދަލާ އެކު، ފެނަކައިން ނަގަމުންދާ ފިއުލް ސާޗާޖު މުޅިން އުނިވެގެން ދާނެ ކަމަށެވެ. ޝަރީފް ޕީއެސްއެމްއަށް ވިދާޅުވީ، އެ ބަދަލު ކަރަންޓު ބިލަށް ވެސް އަންނާނެ ކަމަށެވެ.

comment ކޮމެންޓް