މި 11 ކަންތައް ރަނގަޅުކޮށްލާ! އިންވެސްޓަރުން ފަސޭހައިން ލިބޭނެ!

ޓެކްނޮލޮޖީގެ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އީޖާދުތަކުގެ ސަބަބުން މިދުނިޔެ މިވަނީ ވަރަށް "ކުޑަ" ތަނަކަށް ވެފައެވެ. މުއާސަލަތީ ގުޅުމުން މުޅި ދުނިޔެ މިވަނީ ގުޅިލާމެހިފައެވެ.

ޒަމާން ބަދަލުވަމުން އައިސް، އިންސާނީ ދަރިފަސްކޮޅުވެސް މިވަނީ އެތަކެއް ބައިވަރު ކުރިއެރުންތަކެއް ހޯދާފައެވެ. މިހާރު ވިޔަފާރިއެއް ފެށުމަށް އިންވެސްޓަރުން ހޯދުމަކީ އުނދަގޫ ކަމެއްނޫނެވެ. އަދި ބޭރުގެ އިންވެސްޓަރުން ހޯދުމަކީވެސް އުނދަގޫ ކަމެއް ނޫނެވެ.

ސްޓޭޓަސް އަޕްޑޭޓްކޮށް، ފޮޓޯ ލުމުގެ އިތުރުން ފޭސްބުކް، ޓްވިޓާ އަދި ބިޒްނަސްތަކާ، ވިޔަފާރިވެރިން އަދި އެމައިދާނުގައި އުޅޭމީހުންނަށް ހާއްސަ ލިންކްޑްއިން ފަދަ ސޯޝަލް ޕްލެޓްފޯމް ތަކަކީ ވިޔަފާރިއެއް ފަށަން ބޭނުންވާމީހުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފިދާނެ ހަތިޔާރުތަކެކެވެ. އޮންލައިންކޮށް އިންވެސްޓަރުން ހޯދާއިރު، ތިމާގެ އޮންލައިން ޕްރޮފައިލް އަކީ ވަރަށްވެސް މުހިންމު އެއްޗެކެވެ.

ގޫގުލް ޕްލަސް، ފޭސްބުކް އަދި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކަކީ މިހާރު އެއްތަނުން އަނެއްތަނަށް ޑިޖިޓަލްކޮށް ގުޅިފައިވާ ތަންތަން ކަމުން، ތިމާގެ ޕްރޮފައިލްގެ މައުލޫމާތު ވާންޖެހޭނީ ސައްހަ މައުލޫމާތުކަމުގައެވެ. ސަބަބަކީ މިއީ ޕަބްލިކް ޑޭޓާގެ ގޮތުގައި ސެކިއުރިޓީ މުއައްސަސާތަކުންވެސް ބޭނުންކުރާނެ މައޫލޫމާތުތަކެވެ. (މިއަށް އަލިއަޅުވާލާ ވާހަކަ އެހެން ފަހަރަކުން ދައްކާލާނަމެވެ.)

މިފަހަރު މިބަލާލަނީ އޮންލައިންކޮށް އިންވެސްޓަރުން ހޯދުމަށްޓަކާ ތިމާގެ އޮންލައިން ޕްރެސެންސް ނުވަތަ އޮންލައިން ޕްލެޓްފޯމްތަކުގައި މައުލޫމާތު ލިޔެ ތަކެތި ހިއްސާކުރާއިރު ވިސްނަންވީ ކަންތައްތަކަށެވެ.

1. ޕަބްލިކް ޖޮބް-ސައިޓްތައް ނުވަތަ ޖޮބް ސީކާ ސައިޓްތަކުގައި ތިމާގެ ސީވީ ނުބެހެއްޓުން

ތިމާގެ ސީވީފަދަ ތަކެތި ޖޮބް ސައިޓްތަކުގައި ހުރުމުން އިންވެސްޓަރުންނަށް ލިބޭނެ ވިސްނުމަކީ ތިމާ ވިޔަފާރިއެއް ފެށުމަށް އެހާބޮޑަށް ތައްޔާރު ނޫން ކަމަށް، އަދި ތިމާ އަދިވެސް އަމިއްލަ ވިޔަފާރިއެއް ފެށުމަށްވުރެން ވަޒީފާއެއް ހޯދުމަށް އިސްކަން ދޭކަން.

2. ތިމާ ވަޒީފާއަދާ ކުރާ ނުވަތަ ކޮށްފައިވާ ތަންތަނުގެ ޝަކުވާ ޕޯސްޓް ނުކުރުން

އޮންލައިން ފޯރަމް، ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ތިމާ ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަދައްކާ ޝަކުވާކޮށް ކޮމެންޓްސް ނުވަތަ ސްޓޭޓަސްތައް ޕޯސްޓް ކުރުމުން ލިބިދޭ މެސެޖަކީ ތިމާއަކީ މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ނެތް އަދި މީހުންނަސް އިޚްތިރާމު ނުކުރާ މީހެއްކަމެވެ.

3. ކުންފުނިތަކުގެ ކޮންފިޑެންޝަލް މައުލޫމާތު ހިއްސާކުރުން

ތިމާ އެއްވެސް އިރެއްގައި މަސައްކަތްކުރި ނުވަތަ ތަފްސީލުކޮށް އެއްވެސް ވަރަކަށް ކުންފުއްޏެއްގެ ވިޔަފާރިއާ ގުޅުންހުރި އަދި ކުންފުނީގެ މުހިންމު ސިއްރުތައް ޕަބްލިކް ފޯރަމްތަކުގައި ހިއްސާކުރުމަކީ އިންވެސްޓަރުން ނުލިބުމުގެ އިތުރުން، ތިމާގެ މައްޗަށް ޖަލު ހުކުމް އައުމަށް މެދުވެރިވެދާނެ ކަމެއްވެސް މެއެވެ.

4. ކޮލެޖުން ގްރެޖުއޭޓްވި އަހަރު ނުޖަހާ

ގަބޫލުކުރަން ބޭނުންވިޔަސް އަދި ނުވިޔަސް ވިޔަފާރީގެ ދުނިޔެއަކީ ސިކުނޑީގެ ތެތްކަން، ވިސްނުންތޫނު އަދި އަވަސް މީހުންގެ ދުނިޔެއެކެވެ. އޭގެ އިތުރުން މިއީ ހަރުމީހުން އަދި ދުނިޔޭގައި "ރަނގަޅަށް" އުޅެފައި ތިބިމީހުންގެ މައިދާނެކެވެ. މާނައަކީ ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ މިންވަރު ބޮޑެވެ. އިންވެސްޓަރަކާ ރަނގަޅަށް ބައްދަލުވުމުގެ ކުރިން އެމީހުންނަށް ތިމާގެ އުމުރު އެނގުން މުހިންމެއް ނޫނެވެ. ފަހަރުގައި އުމުރުން ހަގު ފަރާތެއްނަމަ އިންވެސްޓަރުން ޝައުގުވެރިނުވެދާނެއެވެ.

5. އުފަންތާރީޙް ޖެހުން

ހަތަރުވަނަ ޕޮއިންޓުގައި ދެކެވުނު ވާހަކަތަކަށް ވިސްނާލައްވާށެވެ.

6. އަތޮޅާއި ރަށް އަދި ފުރިހަމަ އެޑްރެސް ނުޖަހާ

މިއީ ދިވެހިރާއްޖެ، ދުނިޔޭގެ އެހެންގައުމުތަކާ ވަރަށް ތަފާތުގޮތަކަށް ދިވެހިރާއްޖޭގައި ގޯތިގެދޮރަށް ނަންދެވިފައިވަނީ، އަދި މީގެ އިތުރުން އޮންލައިން ޕްލެޓްފޯމްތަކުގައި މިފަދަ މައުލޫމާތު އެންމެނަށް ފެންނަގޮތަށް ހިއްސާކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ.

7. ސިޔާސީ ފިކުރު އާންމު ނުކުރޭ

ކޮންމެ ކަމަކަށްވެސް އެކަމަކަށް އެކަށީގެންވާ ތަނަކާއި އަދި ވަގުތެއްވެސް އޮންނާނެއެވެ. ވިޔަފާރީގެ ތެރެއަށް ސިޔާސީކުލަ ޖެއްސުން އެއީ ބުއްދިހަމަޖެހޭ އެއްވެސް ވިޔަފާރިވެރިއަކު ކުރާނެކަމެއް ނޫނެވެ. އަދި އެއީ ގިނަ އިންވެސްޓަރުންވެސް އެންމެ ބޮޑަށް ބަލާނެ ކަންތައްތަކެވެ. އަދި ސިޔާސީ ފިކުރު އެންމެނަށް އިނގޭނޭގޮތަށް ހާމަކޮށް މިފަދަ ޕްލެޓްފޯމްތަކުގައި އާންމުކުރުމަކީ ޕޮޓެންޝަލް ހުރި އިންވެސްޓަރުން ގެއްލެން މަގުފަހިވާނެކަމެކެވެ.

8. އާއިލާގެ ތަފްސީލު އަދި ހޮބީތަކުގެ ވާހަކަ ނުޖަހާ

ފޭސްބުކްގެ ތިމާގެ ޕާސަނަލް އައިޑީއަކީ ތިމާގެ އަމިއްލަ ދިރިއުޅުމާއި ގުޅުންހުރި އެއްޗެއް، އެކަމަކު ލިންކްޑްއިން ފަދަ ތަންތަނަކީ ޕްރޮފެޝަނަލް ޕްރޮފައިލްތަކަށް ހާއްސަ ޕްލެޓްފޯމެއް، މިފަދަ ތަފާތުތައް ދެނެގަންނަން ވާނެއެވެ. އަދި ޕްރޮފެޝަނަލް މާހައުލެއްގައި ތިމާގެ އާއިލާއާއި ގުޅުންހުރި މައުލޫމާތު އަދި ތިމާގެ ހޮބީތަކުގެ ވާހަކަތައް ހިމެނުމަކީ އެހާ ބުއްދިވެރިކަމެއްނޫނެވެ.

9. ޤާނޫނާއި ޤަވައިދާ ހިލާފު ތަކެތި ޕޯސްޓުކުރުން (އަދި އެހެން މީހުންވެސް އެފަދަ ތަކެތި ޕޯސްޓް ކުރުން ހުއްޓުވުން)

ތިމާ މާފުއްޓަށް ނުވަތަ ރިޒޯޓަކަށް ގޮސް ޕެރެސެއިލިންގ ނޫނީ ޑައިވިންގ ކުރާ މަންޒަރުތަކަކީ އިންސްޓަގްރާމް އަދި ފޭސްބުކްގެ ޕާސަނަލް ޕްރޮފައިލްގައި ހުންނަ ފަދަ ތަކެއްޗެވެ. އެއީ ޕިންޓްރެސްޓް، ލިންކްޑްއިން، ކިކްސްޓާޓާ ފަދަ ތަންތަނުގައި ހިމަނައިގެން ވާނޭ ފަދަ އެއްޗެއްސެއް ނޫނެވެ. އަދި ތިމާގެ ގައުމު ނުވަތަ އެއްވެސް ގައުމެއްގެ ޤާނޫނުތަކާ ހިލާފުވާ ނުވަތަ މަނާ ތަކެތި ޕޯސްޓު ކުރުމަކީ ތިމާގެ ނަން ކިލަނބު ވެދާނެކަމެކެވެ.

10. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކައި ލިންކްވާ ފަދަ އެޕްލިކޭޝަންތަކަށް ހުއްދި ނުދިނުން

ފޭސްބުކްގެ ތިމާގެ ޕްރޮފެޝަނަލް ޕްރޮފައިލް ފަދަ އެއްޗެހީގައި ކޭންޑީ ކްރަޝް، ޖިން ރަމީ ނޫނީ 8 ބޯލް ޕޫލްގެ އަޕްޑޭޓްސް އަދި ނޯޓިފިކޭޝަން ހުރުން އެއީ ޕޮޓެންޝަލް އިންވެސްޓަރަކަށް ތިމާގެ ޕްރޮފައިލްއިން ފެންނަން ތިމާ ބޭނުންތަކެތިތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ.

11. އެކިއެކި ވިޔަފާރިތަކުގެ ފޭސްބުކް ޕޭޖްތަކުގައި ރުޅިވެރިކަމުގެ ރިވިއު ނުލިޔުން

އެކިކަހަލަ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ޕޭޖުތަކުގައި އެމީހުންގެ ހިދުމަތާ ބެހޭގޮތުން ކޮމެންޓް ކުރެވޭނެ ފުރުސަތު ކަސްޓަމަރުންނަށް ލިބިދެއެވެ. ތިމާ ހިތްހަމަ ނުޖެހޭ ވިޔަފާރިތަކުގެ ޕޭޖްތަކުގައި ރުޅިވެރިކަމުން ފުރިފައިވާ ރިވިއުތައް ލިއުމަކީ ފަހަރުގައި އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެއެވެ. އޭރުން އިންވެސްޓަރުންނަށް ތިމާއަކީ ކަންކަމުގައި އަބަދުހެން ޝަކުވާކުރާ މީހެއްކަމަށް ބެލެވިދާނެއެވެ.

މި ހިއްސާ ކޮށްލެވުނީ ތިމާ އިންވެސްޓަރުން ހޯދުމަށް ޝައުގުވެރިވާނަމަ ވިސްނަންވީ ކަންކަމަށެވެ.

މަސްދަރު: އިންކް.ކޮމް

comment ކޮމެންޓް