ޗޮކްލެޓް ކިރަކީ މުށިކުލައިގެ ގެރިން ލިބޭ އެއްޗެއް ކަމަށް އެމެރިކާގެ ހަތް ޕަސެންޓް މީހުން އެއްބަސްވޭ

ޗޮކްލެޓް ކިރު ނުވަތަ ޗޮކްލެޓް ކުލައިގެ ކިރަކީ މުށި (ބްރައުން) ކުލައިގެ ގެރިން ލިބޭ އެއްޗެއް ކަމަށް އެމެރިކާގެ އާބާދީގެ ހަތް ޕަސެންޓް މީހުން އެއްބަސްވެ އެވެ.

އިނޮވޭޝަން ސެންޓާ ފޮ ޔޫއެސް ޑެއިރީއިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ އާބާދީގެ ހަތް ޕަސެންޓް މީހުން ދެކޭ ގޮތުގައި ޗޮކްލެޓް ކުލައިގެ ކިރަކީ މުށިކުލައިގެ ގެރިން ލިބޭ އެއްޗެކެވެ.

އެމެރިކާގެ ބޮޑެތިމީހުންގެ އާބާދިގެ ހަތް ޕަސެންޓް ރައްޔިތުންނޭ ބުނީމަ އެއީ ވަރަށް މަދު ބައެއްކަމުގައި ގަބޫލު ކުރެވުނަސް ހަގީގަތަކީ އެމެރިކާގެ އާބާދީގެ ހަތް ޕަސެންޓަކީ ގާތްގަނޑަކަށް 17.3 މިލިއަން މީހުންނެވެ.

މި ހަބަރު އެހާ ހައިރާން ކުރުވަނިވި ކަމަކަށްވީ ތަހުޒީބީ ކުރިއެރުންތަކެއް ހޯދާފައިވާ ގައުމެއްގެ އެހާ ގިނަ ބަޔަކު ގެރީގެ ކިރަކީ އެ ޖަނަވާރުގެ ކެހެރީގެ ކުލައާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއްކަން ދެނެގަނެފައި ނެތުމުންނެވެ. އެވިސްނުމުން ބަލާނަމަ ހުދުކުލައިގެ ކެހެރީގައި ކަޅު ލައްތައް ހުންނަ ގެރީގެ ކިރުގައި ކަޅު ކުލައިގެ އަސަރު ނުފެންނަނީ ކީއްވެތޯ ވެސް މި މީހުން ވިސްނާފައި ނުވާކަން މިސާވޭގެ ނަތީޖާއިން ފެނެއެވެ.

އޮންލައިންކޮށް ކުރިޔަށްދިޔަ އެ ސާވޭގައި އެމެރިކާގެ ބޮޑެތިމީހުންގެ ތެރެއިން 1000 މީހުން ފަސްދުވަހުގެ މުއްދަތަކަށް ބައިވެރިވިއެވެ. މިސާވޭއަކީ އިނޮވޭޝަން ސެންޓާ ފޮ ޔޫއެސް ޑެއިރީން ކުރިއަށްގެންދިޔަ "އަންޑިނަޔަބްލީ ޑެއިރީ"ގެ ނަމުގައި ކިރުގެ ބާވަތްތަކުގެ ފައިދާއާ ދުޅަހެޔޮ ސިއްހަތަކަށް ގެރިކިރާއި ގެރިކިރުގެ ބާވަތްތައް ހިމެނޭ ކާނާގެ މުހިންމުކަން މީހުންނަށް އަންގަދިނުމުގެ ގޮތުން ބާއްވާ ކެމްޕޭނެކެވެ.

"މިއީ ފުދޭ ވަރަކަށް ހައިރާންވާ ވަރުގެ ނަތީޖާއެއް، އަހަރެމެންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ މިހާ ގިނަމީހުން މިފަދަ ޖަވާބެއް ދިނުމަށް މެދުވެރިވި ސަބަބެއް،" މި ކެމްޕޭންގެ ސްޕޯކްސްޕާސަން ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މަސްދަރު: ސީއެންއެން

comment ކޮމެންޓް