ހައިރައިޒާއި މަޓާޓޯ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް ''މޯލްޑިވްސް ޝޯކޭސް'' އިއުލާންކޮށްފި

މޯލްޑިވްސް ޝޯކޭސް އިއުލާންކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ ގުޅިގެން ބޭރު ދުނިޔޭގައި ރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިޝްތިހާރުކުރުމަށް "މޯލްޑިވްސް ޝޯކޭސް"ގެ ނަމުގައި ޚާއްސަ ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

އުނިމާ ގްރޭންޑް ގެސްޓްހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، "މޯލްޑިވްސް ޝޯކޭސް" އިއުލާން ކޮށްދެއްވީ ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (އިއްސެ)އާއި، މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ސުއޫދެވެ.

ހައިރައިޒްގެ ޑިރެކްޓަރު އިސްމާއިލް ހަމީދު (އިއްސެ) ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޝޯކޭސްއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ހުނަރާއި ރަހަތައް ބޭރު ގައުމުތަކުގައި ޝޯކޭސްކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ފެއާއެކެވެ. މީގެ ފުރަތަމަ ފެއާ އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހު، ސްރީލަންކާގެ ކޮލޮމްބޯގައެވެ.

"މަޓާޓޯއާ އެކު ބޮޑެތި ބްރޭންޑްތަކެއް ފެނިގެން ދާނެ. ރާއްޖެ ޕްރޮމޯޓުކުރުމަށް މަޓާޓޯއިން މިހާރުވެސް ދަނީ ބޭރުގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުން. އެކަމަކު މޯލްޑިވްސް ޝޯކޭސްއިން އަމިއްލަ ބްރޭންޑެއް، ޕްލެޓްފޯމެއް އުފެދިގެން މި ދަނީ،" ހައިރައިޒްގެ ޑިރެކްޓަރު އިއްސެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްރީލަންކާއިން މިކަން ފަށާ އިރު، ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއާއި ކޮލޮމްބޯ ޗެމްބަރ އޮފް ކޮމާސްއިން މި ހަރަކާތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

"ފުރަތަމަ ލަންކާގައި މި ބާއްވަނީ. މުސްތަގުބަލުގައި ތަފާތު ގައުމުތަކުގައި ކުރިޔަށް ދާނެ. މިއީ ނެއިބަރިންގް ޑެސްޓިނޭޝަންސްގައި ރާއްޖެއަށް އެޓްރެކްޓްކުރުމަށް އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ވާނެ،"

އިއްސެ ވިދާޅުވީ "ޓުއަރިޒަމް، ޓްރޭޑް، ޓެލެންޓްސް އަދި ޓޭސްޓް"ގެ ހަތަރު ކޮމްޕޯނެންޓަށް އިސްކަން ދީގެން ބާއްވާ މި ފެއާގައި ގިނަ ވިޔަފާރިތަކެއް ޕްރޮމޯޓު ކުރެވޭނެ ކަމަށާއި، ޚާއްސަކޮށް ދިވެހި މަސް ވެސް އިޝްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

މަޓާޓޯގެ ނައިބު ރައީސް ސުއޫދު ވިދާޅުވީ، މޯލްޑިވްސް ޝޯކޭސްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު، ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ހުޅުވައިލެވޭނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ގެސްޓްހައުސްތަކާއި، ރާއްޖޭގެ މަަސް އެކްސްޕޯޓުކުރާ ފަރާތްތަކާއި އެހެނިހެން ވިޔަފާރިތަކާއި، ލަންކާގެ ވިޔަފާރިވެރިންނަށް ވެސް މި ފެއާގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް ރިޔާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާޒް ރިޔާޒް ވިދާޅުވީ، މޯލްޑިވްސް ޝޯކޭސްގެ ޚިޔާލު އުފެދިގެން އައީ އޭނާއާއި ހައިރައިސްގެ ޑިރެކްޓަރު އިއްސެގެ ޚިޔާލުތަކެއް އެކުވެގެން ކަމަށެވެ. އަބްދުﷲ ވިދާޅުވީ، މަޓާޓޯއިން ބޭނުންވީ ކޮންމެ އަހަރަކުވެސް އިންޑިއާއާއި ލަންކާގައި "މޯލްޑިވިއަން ނައިޓު"ގެ ނަމުގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ކަމަށެވެ. ނަމަވެސް އެ ޚިޔާލު ފުޅާވެ، "މޯލްޑިވްސް ޝޯކޭސް"އަށް ބަދަލުވެގެން އައީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުންވެސް 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ދާއިރާގެ ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް"ގެ ނަމުގައި ފެއާތަކެއް ބާއްވަމުންނެވެ. މި ފެއާ މިހާތަނަށް ސިންގަޕޫރު، ޗައިނާގެ ބެއިޖިންގް އަދި އިންޑިއާގެ ދިއްލީގައި ބާއްވާފައިވެއެވެ. ނަމަވެސް މި ފެއާއަކީ ހަމައެކަނި ވިޔަފާރީގެ އިންވެސްޓްމެންޓް ހޯދުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.

comment ކޮމެންޓް