އެއްމާބަނޑު ހަތަރު ކުދިންނާއި މައިމީހާގެ ހާލުވެސް މިވަގުތު ރަނގަޅު: އޭޑީކޭ

ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ ---

އިއްޔެ މާލޭގައި ވިހެއި އެއްމާބަނޑު ހަތަރު ކުދިންނާއި އެކުދިންގެ މަންމަގެ ހާލު ވެސް މިވަގުތު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

ބަނޑަށް ހަތް މަހުގައި ސިރޭޒިއަން ހަދައިގެން ދިވެހި އަންހެނަކަށް އިއްޔެ ލިބިފައި ވަނީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އަދި މިއީ އޭޑީކޭގައި އެއްމާބަނޑު ހަތަރު ކުދިން ވިހެއި ފުރަތަމަ ފަހަރެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ، އިއްޔެ ވިހެއި އެ ހަތަރު ކުދިންނަށް ވެސް އެ ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގައި ފަރުވާ ދެމުންދާއިރު، އެކުދިންގެ މަންމައަށް ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ކުދިންނާއި މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރާއްޖޭގައި ވެސް އެއް މާބަނޑު ދެ ކުދިން ވަރަށް ގިނަ އާއިލާތަކުގައި ތިބި ނަމަވެސް، ތިން ކުދިންނާއި ހަތަރު ކުދިން ލިބުމަކީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

comment ކޮމެންޓް