ބިދޭސީންގެ ރަހުމުކުޑަ އަމަލުތައް، ނުރައްކާ ނިޝާނެއް!

ފްޓްބޯޅަ މެޗެއްގައި ބަނގުލާދޭޝް ބަޔަކު ދަނޑުގައި: ދިވެހި ސަޕޯޓަރުންނަށް ވުރެ ބަންގްލަދޭޝް ސަޕޯޓަރުން ގިނަ-- ސަން ފައިލް ފޮޓޯ/

ބަންގުލަދޭޝް މީހުންގެ މާރާމާރީތަކަކީ ވަރަށް ވެސް ރަހުމް ކުޑަ މާރާމާރީތަކެވެ. ތޫނު އެއްޗަކުން ނުވަތަ އެހެން ވެސް އެއްޗަކުން އަނެކާއަށް ހަމަލާދޭއިރު ޒަހަމްކޮށްލުމުގައި ވަކި މިނެއް އިމެއް ނޯންނާނެ އެވެ. މީގެ އަހަރުތަކެއް ކުރިން ހދ. ކުޅުދުއްފުށީގައި މަރާލާފައި އޮއްވައި ފެނުނު މީހާ އާއި ހުޅުމާލޭގައި ހިނގާފައިވާ މަރުގެ ހާދިސާތަކުން ވެސް އެކަން ހެކިދެ އެވެ. އަދި ބިދޭސީންނަށް ތުހުމަތު ކުރެވޭ ހއ. އިހަވަންދޫގައި ހިނގި މިނުރައްކާތެރި މަރުގެ ހާދިސާއަކީ ވެސް އޭގެ ހެއްކެކެވެ.

ރާއްޖޭގެ އާބާދީގައި 375,867 މީހުން ތިބި އިރު އެއީ ކުޑަކުދިންނާއި ދުވަސްވީ މީހުނާއި ބަލިހާލުގައި ތިބި އެތައް ބައެއް ވެސް ހިމެނޭ ގޮތަށެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 135000 އަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެވޭއިރު އޭގެ ތެރޭގައި ތިބީ ހަށިގަނޑުގައި ވަރުހުރި މީހުންނެވެ. ހާއްސަކޮށް ފައިސާއަށް ޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހުންނެވެ.

ކުށްކުރުމުގައި ބިދޭސީން

ރާއްޖޭގެ މިއަދު ބޮޑެތި ކުށްތަކުގެ މުގުލުގައި ބިދޭސީން އެބަތިއްބެވެ. މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމުގެ މެއިސްތެރިންނަށް އެމީހުން އުޅޭކަން ފުލުހުންގެ ތަފާސް ހިސާބްތަކުން ވެސް ދައްކަ އެވެ. ހަމައެހެންމެ ބަދުއަހުލާގީ އެކިއެކި އަމަލުތަކާއި ފޭރުން ފަދަ ކުށްތަކުގެ މުގުލުގައި ބިދޭސީން ތިބިކަމުގެ މައުލޫމާތު ލިބެ އެވެ.

"ވަކި ތަނެއް ނެތި މުޅި ރާއްޖޭގައި އެމީހުން އެބައުޅޭ، އެއީ ބޮޑު ބިރެއް، މީގެ އަހަރުތަކެއް ކުރިއަށް ބަލައިރު ދިވެހިންނަކީ ކުށްކުރުމާއި އެހާ ރައްޓެހިބައެއް ނޫން، ނަމަވެސް މިފަދަ ބިދޭސީންގެ ސަބަބުން މިކަން ވަރަށް އެބަ އިތުރުވެ ދިވެހިންނަށް ފެތުރިގެންދޭ،" ފުލުހުންގެ އިސް އޮފިޝަލަކު ކަންބޮޑުވުން ހިއްސާ ކުރަމުން ބުންޏެވެ.

އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ތަފާތު ކުށްތަކުގެ ސަބަބުން ރާއްޖެއިން 300 އާއި 400 އާއި ދެމެދުގެ ބިދޭސީން ޑީޕޯޓް ކުރަންޖެ އެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވެސް އަންނަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ. އޭގެ ތެރޭގައި ބަނގުލަދޭޝް މީހުން ގިނަ އެވެ.

ގައުމުގެ ހުންގާން ބިދޭސީންގެ އަތަށް

ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ފިޖީއަކީ މިނިވަން ރައްޔިތެއް މިނިވަންކަމާ އެކު އުޅެމުން އައި ގައުމެކެވެ. ނަމަވެސް މިހާރު އެ ގައުމަށް ވަނީ އެ މިނިވަންކަން ގެއްލި އަނިޔާގެ ތެރެއަށް ވެއްޓިފަ އެވެ. ފަހުގެ ތާރީހެއްގައި އެ ގައުމުގައި އެތަކެއް "ބަޣާވާތެއް" ކޮށްފައިވާ އިރު މިއަދު އެ ގައުމުގައި ގައުމިއްޔަތެއް ނެތެވެ. ސަބަބަކީ އިރެއްގައި އެގައުމަށް މަސައްކަތު މީހުންގެ ގޮތުގައި ދިޔަ ފަރާތްތައް މިއަދު އެ ގައުމުގައި ރަސްކަން ކުރުމެވެ. ގައުމަށް ނިސްބަތް ނުވާ އަދި އެ ގައުމަށް ލޯއިބެއް ނެތް ބައެއްގެ އަތް މައްޗަށް ގައުމުގެ ބާރުތައް ދިއުމެވެ.

ދިވެހި ރާއްޖެ އަށް ބަލާއިރު މިއަދު މިރާއްޖެ ތަހައްމަލް ކުރަމުން މި ދަނީ މީގެ ކުރިން ފިޖީ ދެކުނު ބިދޭސީން އިތުރުވުމުގެ ދުވަސްތަކެވެ. ހަގީގަތަށް ބުނާ ނަމަ މިއަދު ގައުމުގެ ގިނަ ކަންކަމާ ހަވާލުވެގެން ތިބީ ބިދޭސީންނެވެ. މާރުކޭޓް އިން މަހެއް ގަންނަން ދިޔަސް ނުވަތަ ލޯކަލް މާރުކޭޓަށް ދިޔަސް ކަންމަތީ ފިހާރައަކަށް ކީކުރަންތޯއޭ، ހޮސްޕިޓަލަކަށް ވަނަސް ސްކޫލަކަށް ވަނަސް އަދި ރާއްޖޭގެ ބޮޑު އޮފީހަކަށް ވަނަސް އެތަންތަނުގައި ރައްޔިތުންނަށް ހިދުމަތްދޭން ތިބީ ބިދޭސީއިންނެވެ.

މިދިޔަ އަހަރު އެކަނި ވެސް 34 ބިދޭސީންނާއި ދިވެހިން ކައިވެނިކޮށްފައިވާ އިރު 24 ބިދޭސީ ފިރިހެނުންނާއި ދިވެހި އަންހެނުން ވަނީ ކައިވެނިކޮށްފަ އެވެ. މިއީ ވެސް ގައުމަށް އަތްގަދަ ކުރުމަށް ބިދޭސީންނަށް ދެވޭ ފުރުސަތެކެވެ.

ފައިސާގެ ބޭނުމުގައި ހިނގާ ޖަރީމާއެއް

ބިދޭސީންގެ އަދަދު މިހާ ގިނަވެފައި އެ ވަނީ ސަބަބުތަކެއް އޭގެ ފަހަތުގައިވާތީ އެވެ. ރާއްޖެއަށް ބިދޭސީން ގެނައުމުގައި ގިނައިން ބޭނުންކުރަނީ އެންމެ ހަޑި މަގެވެ. އެއީ ފައިސާގެ ބޭނުމުގަ އެވެ. ބިދޭސީއެއް ހޯދުމަށް ކުންފުންޏަކުން ބޭނުންވެގެން އެޖެންސީ އަކަށް ހުށަހެޅުމުން އެ އެޖެންސީން ކަންކުރާގޮތަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެވެސް ބިދޭސީ އެޖެންޓަކާ އެކަން ހަވާލުކުރަނީ އެވެ. އެއީ މީހުން ގެނެސްގެން މުއްސަނދިވާ ބައެކެވެ. އެޖެންސީތަކުގައި ތިބޭ ދިވެހިން އެކަން ކުރަނީ ފައިސާގެ ބޭނުމުގަ އެވެ.

"އާންމުކޮށް މިގެންނަނީ ބިދޭސީއެއް، 2000 ޑޮލަރު އެމީހުން ދިނީމަ. ކޮންސްޓްރަކްޝަނަށް ވިއްޔާ 700 ނޫނީ 1000 ވަރު. ދެން ރިސޯޓް ކަހަލަ ވަޒީފާއަށް ވިއްޔާ 7000 ޑޮލަރު ވެސް ނަގަން. އެ އަހަރުން ނަގާވަރު، ދެން އަދި އެޖެންޓު ވެސް ކަޓެއް ލާނެތާ،" ބިދޭސީން ގެންނަ އެޖެންސީއެއްގެ ވެރިއަކު ބުންޏެވެ.

ރާއްޖެ އަންނަ ކޮންމެ ބިދޭސީއެއްގެ އަތުން ރާއްޖެ ގެނައުމުގެ ފީއަކަށް އެތައް ހާސް ޑޮލަރެއް ނަގާއިރު އެ ބިދޭސީން ރާއްޖެ އައުމުގެ ހުރިހާ ހަރަދެއް ކުރަނީ އެ ބިދޭސީންނެވެ. ގިނަ ފަހަރަށް އެޖެންސީތަކުން ކުރާ ހަރަދަކަށް އޮންނަނީ އެއާޕޯޓް ފެރީ ޓިކެޓު ހަރަދާއި ބިދޭސީ މީހާގެ ޕާސްޕޯޓް ސައިޒު ފޮޓޯ ނެގުމަށް ކުރާ 30 ރުފިޔާއާއި މެޑިކަލް ހެއްދުމަށް ކުރާ 290 ރުފިޔާ ކަހަލަ ކުދި ކުދި ހަރަދުތަކެވެ.

ބޮޑު މުސާރަ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގެނެސް މަގުމަތި ކުރަނީ އެވެ. ނަތީޖާއަކީ އެމީހުން ފައިސާ ހޯދުމަށް ކުރާކަންތައްތަކުގެ ތެރެއިން ވެސް އެތައް ކުށެއްކުރުމެވެ. ރާއްޖެ ގެންނަ ބިދޭސީންނަކީ ކޮންކަހަލަ ބައެއްކަން ދެނެ ނުގަނެވުމުގެ ނަތީޖާއަކީ އޭގެ ތެރޭގައި އެތައް މުޖުރިމުންނެއް ހިމެނުމެވެ.

ރާއްޖެ ގެނައުމުގެ ކުރިން ކުށުގެ ރެކޯޑް ދެނެގަންނަން ޖެހޭ

ނުގަވައިދުން ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖެ ގެންނަ ބިދޭސީންނަށް އޮޅުވާލަމުންދާތީ އެކަން ހައްލު ކުރުމަށް އަޅާ ފިޔަވަޅާ ގުޅޭ ގޮތުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިޝަލު ހަސަން ހަލީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނަ ބިދޭސީން ރާއްޖެ އައުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ހައިކޮމިޝަނެއްގައި ރަޖިސްޓްރީ ވާންޖެހޭނެ ކަމަށާއި އެ ބިދޭސީއެއް ރާއްޖެ އައުމަށް ހުއްދަދޭނީ އޭނާގެ ވަނަވަރާއި ކުށުގެ ރެކޯޑުގެ އިތުރުން ސިއްހީ ހާލަތު ބެލުމަށް ފަހު ކަމަށެވެ.

އޭރުން އެ ބިދޭސީއަކަށް ވެސް އޭނާ ރާއްޖެ އައުމުން ލިބޭނެ މުސާރަ އާއި ހަމަޖެހިފައިވާ ކަންކަން އެނިގެންދާނެ ކަމަށެވެ. އެ އުސޫލާ އެކު ކުށްކުރާ ބިދޭސީންގެ އަދަދު މަދުވުމާއި ނުގަވައިދުން އުޅޭ ބިދޭސީންގެ އަދަދު މަދުކުރެވިގެންދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެގޮތަށް އަމަލުކުރަން ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ސަލާމަތީ ބާރެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށްވެފައިވާ އިރު އެކަމަށް ރޭވުންތެރިކަމާ އެކު މައްސަލަ ހައްލުކުރުމުގެ ރޫހެއްގައި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތް ކުރަންޖެހެ އެވެ.

"ސިޔާސީ ގޮތުން ވެސް މަޖިލިސް ތެރެއިންވެސް އެބަޖެހޭ އިންނަން ވަކި ރޫހެއް މިކަން ހައްލު ކުރަން، އެކަމަށް އަމާޒުކޮށް މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަންޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށް މިވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ. މަސައްކަތް ކުރުމުގެ ނަމުގައި އަންނަ ބިދޭސީންގެ އަތްތައް އެހީއަށްވުރެ ބޮޑަށް ނުރައްކަލުގެ ގޮތުގައި މިވަނީ ފެންނަން ފަށައިފަށައިފަ އެވެ. ފިޖީ އެއޮތީ މިސާލެކެވެ. ބަލަން ތިބެވޭކަށް ނެތެވެ. ދޭ މެސެޖު ވަރަށް ވެސް ނުރައްކަލެވެ.

comment ކޮމެންޓް