'ކަބީ ހުޝީ ކަބީ ޣަމް'ގެ ޕޫޖާ މިހާރު ކޮބާ؟

ދެހާސް އެއް ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ކަބީ ޚުށީ ކަބީ ޣަމް' އަށް ފަހު، އެ ފިލްމުގައި ކަރީނާ ކަޕޫރުގެ ކުޑަ އިރުގެ ރޯލު އަދާކުރި އެކްޓަރު މާލްވިކާ ރާޖް ވަނީ ކެމެރާގެ ކުރިމަތިން ގެއްލިފަ އެވެ. އެ ފިލްމަށް ފަހު މާލްވިކާ އަށް ގިނަ ހުށަހެޅުންތަކެއް ވެސް ލިބިގެން ދިޔަ އެވެ. އެހެން ނަމަވެސް އެއްވެސް ފިލްމަކުން އޭނާ ނުފެނެ އެވެ. 'ކަބީ ޚުށީ ކަބީ ޣަމް'ގެ ކުރިން މާލްވިކާ ވަނީ 'ޝިކާރް' ކިޔާ ފިލްމަކުން ވެސް ފެނިގެން ގޮސްފަ އެވެ. ދެ ފިލްމު ކުޅުމަށް ފަހު މާލްވިކާ ފިލްމީ ދާއިރާ އާ ދުރަށް ދިޔައީ ހެއްޔެވެ؟ ކަންވީ އެހެނެއް ނޫނެވެ. މާލްވިކާ އަކީ ކުޑަ އިރު ވަރަށް ބަސްނާހާ އުޅުނު ކުއްޖެއް ކަމަށް އޭނާ ބުނެ އެވެ. އަދި އުމުރުން ވެސް ހަގު ވުމުން މާލްވިކާ ފިލްމީ ދާއިރާ އިން އިތުރަށް ކުރިއަށް ދާން އޭނާގެ ބައްޕަ ހުއްދަ ނުދިނީ އެވެ. "ބައްޕަ ބޭނުންވީ އަހަރެން ކިޔެވުމަށް އިސްކަން ދޭން. އެހެންވެ އިތުރަށް ފިލްމު ކުޅެން ބައްޕަ ހުއްދަ އެއް ނުދިން. އޭގެ ފަހުން ގިނަ ހުށަހެޅުންތަކެއް ވެސް ލިބުނު،" މާލްވިކާ ބުންޏެވެ.

އެހެން ނަމަވެސް ދެން އޮތީ އުފާވެރި ޚަބަރެކެވެ. ބައްޕަ ބޭނުންވި ގޮތަށް މާލްވިކާ މިހާރު ވަނީ ކޮލެޖުން ޑިގްރީ އަކާއެކު ގްރެޖުއޭޓް ވެފަ އެވެ. އެހެންކަމުން ފިލްމީ ދާއިރާ އިން ކުރިއަށް ދިއުމަށް އޭނާ އަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ. އަދި މާލްވިކާ މިހާރު މިވަނީ އޭނާގެ ފުރަތަމަ ފިލްމާ އެކު އަލުން ފިލްމީ ދާއިރާ އަށް ނުކުތުމަށް ތައްޔާރު ވެފަ އެވެ. މާލްވިކާ ފިލްމީ ދާއިރާ އަށް ތައާރަފު ވަނީ ތެލުގޫ ފިލްމް، 'ޖަޔާދޭވް' އިންނެވެ. 'ޖަޔާދޭވް' އަކީ ޖަޔަންތު ސީ. ޕަރަންޖީ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުން ދެން ފެނިގެން ދާނީ ގަންތާ ރަވީ ތޭޖާ އެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 30 ވަނަ ދުވަހު އެވެ. މާލްވިކަ ބުނީ ފިލްމާ މެދު އޭނާ ވަރަށް ބޮޑު އުންމީދެއް ކުރާ ކަމަށާއި، ބެލުންތެރިންގެ ބަހަކަށް ކެތްމަދުވެފައި ހުރި ކަމަށެވެ. ޖާންވީ އަކީ ބޮލީވުޑް އެކްޓަރު ޖަގްދީޝް ރާޖްގެ ކާފަ ދަރިއެކެވެ. އަދި ބަތަލާ އަނިތާ ރާޖް އަކީ އޭނާގެ ބޮޑުދައިތަ އެވެ. އެހެން ކަމުން އޭނާ ބޮޑުވީ ފިލްމީ މާހައުލެއްގަ އެވެ.

comment ކޮމެންޓް