އިއްސެގެ މަރު: ވޮލެޓާއި ފޯނެއް ނެތް، ފެކްޓްރީ ތެރެއިން ވަޅިއެއް ހޯދައިފި

ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސްޕްލާންޓް ތެރޭގައި އިއްޔެ މަރާލާފައިއޮއްވައި ފެނުނު ޅ. ހިންނަވަރު، އިސްމާއިލް އުމަރު، (އިއްސެ) 54،ގެ ވޮލެޓާއި ފޯން ގެންގޮސްފައިވާކަން ސަން އަށް އެނގިއްޖެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އިއްސެ ދިރިއުޅޭ ސަރަހައްދު ބެލިބެލުމުން އޭނާގެ ފޯނާއި ވޮލެޓް ނެތްކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އޭނާއަކީ ބެންކަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި އަތަށް މުސާރަ ނަގާ މީހަކަށްވުމުން ގިނަ އަދަދެއްގެ ފައިސާ އޭނާ ގެންގުޅޭ ކަމަށް ބެލެވެ އެވެ.

އިހަވަންދޫ ބަނދަރު ސަރަހައްދަށް ބަޔަކު ޖަމާވެފައި-- ގޮތް ނޭންގޭ ބަޔަކު ރޭ އެރަށަށް އެރިކަމަށް ބުނޭ-- ސަން ފޮޓޯ: މުހައްމަދު ރަޝީދު

ސަން އަށް މައުލޫމާތުދިން މަސްދަރަކުން ބުނި ގޮތުގައި އެފެކްޓްރީގެ ޑުރެއިންގެ ތެރެއިން ވަނީ ފުލުހުން ވަޅިއެއްވެސް ހޯދައިފަ އެވެ. ބެލެވޭ ގޮތުގައި އެއީ އިއްސެއަށް ހަމަލާދީ ޒަހަމްކޮށްލި ވަޅި އެވެ. އިއްސެގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފަ އެވެ.

ތަހުގީގް ކުރަމުން އަންނަ މައްސަލައެއްކަމުން ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އިހަވަންދޫ ކައުންސިލު މެމްބަރަކު ވިދާޅުވި ގޮތުގައި ތަފްސީލީ މައުލޫމާތެއް ނުލިބޭކަމަށާއި ބޮޑަށް ވާހަކަ ދެކެވެނީ ބިދޭސީ މީހާއާއި އިއްސެ އާއި ފައިސާގެ މައްސަލަތަކެއް ޖެހުނީ ކަމަަށެެވެ.

އެފެކްޓްރީގައި އިއްސެ ހިމެނޭ ގޮތަށް ހަތަރު ދިވެހިންނާއި ބިދޭސީއަކު މަސައްކަތް ކުރާއިރު އެތަނުގެ ތެރޭގައި އެކުގައި ނިދާ އުޅެނީ އިއްސެއާއި ބިދޭސީމީހާ އެވެ. އޭނާ ވަނީ އިއްސެގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފަ އެވެ. އަދި އެރަށުގައި ދިރިއުޅޭ އިތުރު ހަތަރު ބިދޭސީން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދު މެންދުރު ނަމާދަށް ފަހު އިއްސެ ވަޅުލުމަަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް