ފުލުހަށް ހާޒިރުކުރާ ޗިޓުގައި މައްސަލައިގެ ތަފްސީލާއި އެ އިދާރާގައި ހޭދަވާނެ ވަގުތުގެ ވެސް ހިމެނޭ

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުގެ ޗިޓް ފޮނުވާއިރު ހާޒިރުކުރާ މައްސަލާގެ ތަފްސީލާއި ފުލުހުންގެ އިދާރާގައި ހޭދަވާނެ ވަގުތުގެ މައުލޫމާތު ލިބޭގޮ ތަށް ޗިޓަށް ބަދަލުތަކެއް ގެނެސްފި އެވެ. އެއީ މުޅިން އަލަށް ޗިޓަށް ގެނައި ބަދަލުތަކެކެވެ.

ޗިޓް ފޮނުވުމުގެ އުސޫލަށް އަލަށް ބަދަލުގެނެސް އިއްޔެ އަމަލުކުރަން ފެށިފެށުމާއެކު ޗިޓް ލިބޭ މީހާއަށް އޭނާ ހާޒިރު ކުރެވޭ ހައިސިއްޔަތާއި މައްސަލައިގެ ތަފްސީލްގެ އިތުރުން ތުހުމަތެއް ކުރެވޭނަމަ އެ ތުހުމަތެއްގެ ހުލާސާ ހިމެނެއެވެ. އަދި ފުލުހުންގެ އިދާރާގައި ހޭދަވާނެ ކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތު ވެސް ޗިޓްގައި ހިމެނާ ގޮތަށް ވަނީ ނިންމާފަ އެވެ.

މިހާރު ފޮނުވާ ޗިޓްގެ ނަމޫނާއެއް--

އެ އުސޫލުގައިވާ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ޗިޓު ފޮނުވޭއިރު އެގޮތަށް ފޮނުވަނީ އެ މީހަކު ދިރިއުޅޭ ގެއަށް ގޮސް ޗިޓު ރައްދު ނުކުރެވުމުން ނުވަތަ އެ ގޭގައި ދިރިއުޅޭ މީހުން ޗިޓާ ހަވާލުނުވާ ހާލަތްތަކުގަ އެވެ. ސޯޝަލް މީޑިއާގެ އެޕްލިކޭޝަނެއް ނުވަތަ އީމެއިލާއި ފެކްސް އަދި ޓެކްސްޓްގެ ޒަރީއާއިން ވެސް އެ މީހަކަށް ޗިޓު ފޮނުވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަންޖެހޭ މީހާ އަކީ ރާއްޖެއިން ބޭރުގައި އުޅޭ މީހެއް ކަމުގައިވާނަމަ ހާޒިރުވުމަށް ތިން ދުވަހާއި ހަތް ދުވަހުގެ މުއްދަތެއް ދެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ހާޒިރުވާންޖެހޭ ވަގުތު އިތުރުކޮށްދިނުމަށް އެމީހަކު އެދިއްޖެނަމަ އެދޭ އުޒުރަށް ބެލުމަށްފަހު އެކަން ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ފުލުހުން އަންގާ އެންގުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުނުވެއްޖެނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް